ކުޅިވަރު

ނެދަލެންޑްސް އިން ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 0-2 ގެ ނަތީޖާއަކުން ނެދަލެންޑްސް މޮޅުވިއިރު، މި ގްރޫޕްގައި ދެން ހިމެނޭ ޖަރުމަނު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެއްޖެއެވެ.

ރޭގެ މެޗަށް މި ދެ ޓީމު ނިކުތްއިރު، މި ގްރޫޕްގެ އެއްވަނައިގައި ފްރާންސް އޮތީ ހަތް ޕޮއިންޓާއެކުއެވެ. އަދި ނެދަލޭންޑްސް އޮތީ ތިން ޕޮއިންޓާއެކު ދެވަނައިގައެވެ. ޖަރުމަނު އޮތީ އެއް ޕޮއިންޓާއެކު ފުލުގައެވެ. އެހެންކަމުން، ރޭގެ މެޗުން މޮޅުވެ ނެދަލެންޑްސް ވަނީ ހަ ޕޮއިންޓު ހޯދާފައެވެ. މި ގްރޫޕްގައި ބާކީ ދެން އޮތީ ނެދަލެންޑްސް އާއި ޖަރުމަނު ބައްދަލުކުރާ މެޗު އެކަންޏެވެ. އެހެންކަމުން، އެ މެޗުން މޮޅުވެ ނުވަތަ އެއްވަރު ކޮށްލައިގެންވެސް ނެދަލެންޑްސް އަށް ގްރޫޕްގެ އެއްވަނަ ހޯދައި އަންނަ އަހަރު އޮންނަ ފައިނަލް ބުރަށް ކޮލިފައިވާނެއެވެ. ޖަރުމަނަށް އެ މެޗުން މޮޅުވެގެންވެސް ދެވަނަ ބުރުގެ ފުރުޞަތު ނެތްއިރު، އެ މެޗުން އެޓީމު މޮޅުވެއްޖެނަމަ ގްރޫޕްގެ އެއްވަނަ ލިބޭނީ ފްރާންސް އަށެވެ.

އެންމެ ފަހުން އޮތް ވޯލްޑް ކަޕް އާއި ޔޫރޯ މުބާރާތަށް ކޮލިފައިނުވި ނެދަލެންޑްސް އިން އަންނަނީ ރޮނާލްޑޯ ކޫމަންގެ ކޯޗުކަމުގައި ފަހަކަށް އައިސް މޮޅު ކުޅުމެއް ދައްކަމުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ނެދަލެންޑްސް އަށް ލީޑު ނަގައިދިނީ ލިވަޕޫލަށް ކުޅޭ އެޓީމުގެ ޖިއޯޖީނިއޯ ވައިނަލްޑަމް އެވެ. މި މެޗުގައި ފްރާންސްގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެނިގެން ގޮސްފައެއް ނުވެއެވެ. ނެދަލެންޑްސްގެ ދެވަނަ ލަނޑަކީ ދެވަނަ ހާފުގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސް އިން ކުޅެން ނިކުތް މޫސާ ސިސޯކޯ ނެދަލެންޑްސްގެ ފްރޭންކީ ޑި ޖޮންގް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ޕެނަލްޓީ ވަރަށް ހަމަ ޖެހިލާފައި ގޯލުގެ ތެރެއަށް 'ޕެނަންކާ ސްޓައިލަށް' ފޮނުވާލީ ރޭގެ މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި މެމްފިސް ޑިޕާއީއެވެ.

މި މޮޅާއެކު ނެދަލެންޑްސް އިން ވަނީ ފްރާންސް ބަލިނުވެ ހަމަކޮށްފައިވާ 15 މެޗަށް ނިމުން ގެނެސްފައެވެ.