ބޮލީވުޑް

އިންޑިއާގައި އެންމެ ގިނަ މީހުން ސާޗްކުރި ފިރިހެން ސެލެބްރިޓީއަކަށް ސަލްމާން ހާން އަންހެނަކަށް ސަނީލެއޯން

އިންޑިއާގައި މިދިޔަ އަހަރު އެންމެ ގިނަ މީހުން ސާޗްކުރި ފިރިހެން ސެލެބްރިޓީ އަކަށް ސަލްމާން ހާން އަދި އަންހެން ސެލެބްރިޓީ އަކަށް ސަނީ ލެއޯން ހޮވިއްޖެ އެވެ.

ޔާހޫ އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސަލްމާން ހާން ފިރިހެން ސެލެބްރިޓީންގެ ލިސްޓުން އެއްވަނަ ހޯދި އިރު، އޭނާގެ ފިލްމު، ބަޖްރަންގީ ބައި ޖާން ވަނީ މިދިޔަ 10 އަހަރުގެ އެންމެ މަގުބޫލު ފިލްމުތަކުގެ ލިސްޓުގެ ދެވަނަ ހޯދައިފަ އެވެ. ބަޖްރަންގީ ބައިޖާންގައި ދައްކައިދެނީ އިންޑިއާ ތެރެޔަށް ގެއްލޭ މަންމަނު ކުޑަކުޑަ އަންހެން ކުއްޖަކު އަނބުރާ ގައުމަށް ގެންދާން ސަލްމާން ހާން ކުރާ މަސައްކަތެވެ.

މިދިޔަ 10 އަހަރުގެ އެންމެ މަގުބޫލު ފިލްމު ކަމަށް ޔާހޫން ފާހަގަކޮށްފައި ވަނީ ޑަންގާލް އެވެ. ޑަންގާލްގެ އެކްޓަރުގެ ރޯލުން އާމިރް ހާން ފެންނަ އިރު، މި ފިލްމުގެ ވާހަކަ އަކީ، އަމިއްލަ ގައުމަށް ގޯލް މެޑަލެއް ހޯދައިދޭން އަންހެން ދަރިފުޅު ތަމްރީނުކޮށް، އެކަން ހާސިލުކުރާ ގޮތް ދައްކައިދޭ ފިލްމެކެވެ. ގައުމީ ޖޯޝު ހިމެނޭ އެ ފިލްމަކީ އިންޑިއާ މީހުންގެ މެދުގައި ހާއްސަ މަގުބޫލުކަމެއް ލިބިގެން ދިޔަ ފިލްމެކެވެ. މި ފިލްމު ނެރުނީ 2016 ވަނަ އަހަރު އެވެ.

ފިލްމު ތަކަށް ބަލާ އިރު، ޔާހޫގެ މި ލިސްޓަކީ ވިޔަފާރީގެ ފައިދާގެ އިތުރުން، އެ ފިލްމަކުން މުޖުތަމައަށް ނުފޫޒު ފޯރުވި މިންވަރާއި އެ ފިލްމަށް ލިބުނު މަގުބޫލުކަން ފަދަ އިތުރު ކަންކަމަށް ވެސް ބަލައިގެން ކަނޑައަޅާ ލިސްޓެކެވެ.

އެކި ދާއިރާތަކުން އެންމެ ގިނައިން ސާޗްކުރި މީހުންގެ ލިސްޓު ޔާހޫން އިއުލާނު ކުރި އިރު، އެ ލިސްޓުގައިވާ ގޮތުގައި، ހުރިހާ ގޮތަކުން ބަލާ އިރު އިންޑިއާގައި އެންމެ ގިނަ މީހުން ސާޗްކޮށްފައި ވަނީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީގެ ނަންފުޅެވެ.