ނަރެންދްރާ މޯދީ

އިންޑިއާގައި އެންމެ ގިނަ މީހުން މިދިޔަ އަހަރު ސާޗް ކުރި ނަމަކަށް ބޮޑުވަޒީރު ނަރެންދްރާ މޯދީ

އިންޑިއާގައި އެންމެ ގިނަ މީހުން އޮންލައިންކޮށް މި އަހަރު އަހަރު ސާޗް ކުރި ނަމަކީ އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ކަމަށް، ޔާހޫ އިންޑިއާއިން ބުނެފި އެވެ. ޔާހޫ އިން ބުނި ގޮތުގައި މިއީ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް މި މަގާމު ޖެހިޖެހިގެން ލިބިވަޑައިގެންނެވި ދެވަނަ ފަހަރެވެ.

ޔާހޫގެ ސާޗް ލިސްޓުން އެކި ދާއިރާތަކުން އެއްވަނަ ހޯދި ނަންތައް އިއުލާނުކޮށްފައިވާ އިރު، ސިޔާސީ ދާއިރާއިން އެންމެ ގިނަ މީހުން ސާޗްކުރި ނަމަކަށް ހޮވިފައި ވަނީ ވެސް މޯދީގެ ނަންފުޅެވެ. ސިޔާސީ ދާއިރާއިން ދެވަނައަށް އެންމެ ގިނަ މީހުން ސާޗްކޮށްފައި ވަނީ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމްތާ ބެނާރްޖީ ކަމަށް ޔާހޫން ބުނެ އެވެ.

އެންމެ ގިނައިން ސާޗްކުރި ބޮލީވުޑްގެ ފިރިހެން އެކްޓަރަކީ ސަލްމާން ހާން އެވެ. އަންހެން ސެލެބްރިޓީއަކަށް އެންމެ ގިނަ މީހުން ސާޗްކުރީ ސަނީ ލެއޯން ކަމަށް ޔާހޫން ބުނެ އެވެ. ސަނީ ލެއޯން މި މަގާމު ފާއިތުވި 10 އަހަރު ތެރޭ އެތައް ފަހަރަކު ހޯދާފައިވާކަން ޔާހޫން ފާހަގަކޮށްފައިވެ އެވެ. މި ލިސްޓުން ސަނީ ލެއޯންއާ އެންމެ ކައިރިން ވާދަކޮށްފައި ވަނީ ދީޕިކާ ޕަޑުކޯން އާއި ޕްރިޔަންކާ ޗޯޕްރާ އެވެ.

އެންމެ ގިނައިން ސާޗްކުރި ވިޔަފާރި ޝަހުސިއްޔަތަކީ، ރިލަޔަންސް އިންޑަސްޓްރީގެ ޗެއާމަން މުކޭޝް އަންބާނީގެ ނަމެވެ. މުކޭޝް އަކީ މި އަހަރު ދުނިޔޭގެ ނުވަ ވަނައަށް އެންމެ މުއްސަނދި މީހާއެވެ. އަދި މި އަހަރު އިންޑިއާގެ ވިޔަފާރި ހެޑްލައިންތަކުން އެންމެ ގިނައިން ޖާގަ ހޯދީ ވެސް މުކޭޝް އަންބާނީ އެވެ.

ކުޅިވަރުގެ ދާއިރާއިން އެންމެ ގިނަ މީހުން ސާޗްކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނި ގެ ނަމެވެ. ކުޅިވަރުގެ ދާއިރާއިން ދެވަނައަށް އެންމެ ގިނަ މީހުން ސާޗް ކުރީ ރޯހިތު ޝަރްމާ އަދި ތިން ވަނައަށް ވިރާތު ކޯލީ އެވެ. ރޯހިތު އަދި ވިރާތަކީ ވެސް އިންޑިއާގެ ކްރިކެޓު ޓީމުގެ ކުޅުންތެރީންނެވެ.