ޕީޕީއެމް

އިންތިހާބުން އެނގުނީ ރައީސް ވައްކަން ނުކުރައްވާކަން: އަލީ އާރިފް

2

އިންތިހާބުން އެންމެ ބޮޑަށް އެނގިގެން ދިޔަ ކަމަކީ ރައީސް ޔާމީނަކީ ވައްކަން ކުރައްވާނެ ބޭފުޅެއް ނޫންކަން ކަމަށް ޕީޕީއެމްގެ އިސް ތަރުޖަމާނު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސްގައި އަލީ އާރިފް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީން ބޮލިގައި އަޅުވަމުންދިޔަ ދޮގު ތުހުމަތުތައް އިއްޔެވެސް އެކަން ސާބިތުވެއްޖެ ކަމަށެވެ.

"ގާނޫނީ އިމުގެ ތެރޭގައި މި ސަރުކާރުން އެއްވެސް ހައްޔަރު ކުރެވިފައެއް ނުވޭ. އަނިޔާއޭ ވިދާޅުވާން ޖެހޭ ކަމެއް ނެތް. އެއީ ޖުޑިޝަރީގެ ތެރެއިން ކުރެވިފައިވާ ކަންތައްތައް. އުފާވެރިކަމަކީ ރައީސް ޔާމީންއަށް ކުރެއްވި ތުހުމަތު ދޮގުވިކަން ސާބިތުވުން. ވަގެކޭ ކިޔާފަ ކީ އިރު، އިންތިހާބުންވެސް ވައްކަން ކުރާނެ އެއް ނޫންތޯ ވަގެއް،" އަލީ އާރިފް ވިދާޅުވިއެވެ.

ޕީޕީއެމްއިން މިއަދު ބުނެފައި ވަނީ އެޕާޓީގެ ކޮންގެސްއެއް ވަރަށް އަވަހަށް އޮންނާނެ ކަމަށާއި، ހާއްސަ މަޖިލީހުގެ ބައްދަލުވުމެއްވެސް އޮންނާނެ ކަމަށެވެ.

ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް އަހުމަދު ހުސައިން ނިހާން ހުސައިން މަނިކު ވިދާޅުވީ އިދިކޮޅު ފަރާތަކުން ބުނަމުން އައީ ޕީޕީއެމްއިން އިންތިހާބު އޮޅުވާލާނެ ކަމަށް ނަމަވެސް، އެކަން އެގޮތަށް ނުވުމުން ޕީޕީއެމްގެ ސްޓޭންޓް ސާފުވާނެ ކަމަށެވެ.

"އިދިކޮޅު ފަރާތްތަކުން އިންތިހާބު އޮޅުވާލާނެކަމަށް ތަކުރާރުކޮށް ބުނަމުންދިޔަ، އެހެން ނަމަވެސް އަޅުގަނޑުމެންގެ ރައީސް ޔާމީން އެކަމަށް ތަނެއް ނުދެން. އެހެންވީމަ މިހާރުވެސް އެނގިއްޖެ އަހަރެމެންނާ ދޭތެރޭ ފުރަތަމަ ކުރި ތުހުމަތުތަކަކީވެސް ދޮގު ތުހުމަތުތަކެއްކަން،" މިއަދުގެ ވާހަކައިގައި ނިހާން ވިދާޅުވިއެވެ.

އިލެކްޝަންސް އިން އިއުލާން ކުރި ވަގުތީ ނަތީޖާގައި ވާ ގޮތުން، އިންތިހާބުގައި ވާދަ ކުރި މިހާރުގެ ރައީސް، ޕީޕީއެމްގެ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިވަޑައިގެންފައި ވަނީ 96،132 ވޯޓެވެ. އިދިކޮޅު އިއްތިހާދުގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހަށް 1،34،616 ވޯޓު ލިބިވަޑައިގެންފައި ވެއެވެ.

އިބޫގެ ކާމިޔާބީއަށް ޕީޕީއެމްއިން ތަހުނިޔާ އަރިސްކޮށްފައިވާ އިރު، އެ ޕާޓީން ވިދާޅުވީ ގައުމަށް ފައިދާވާ ކޮންމެ ކަމެއްގައި އެއްބާރުލުން ދޭނެ ކަމަށެވެ.