އެއާޕޯޓުތަކުން ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓު ޑިވެލޮޕްމެންޓް ޓެކްސް (އޭޑީއެފް) ބޮޑުކުރަން ގާނުނަށް އިސްލާހު ހުށަހަޅައިފިއެވެ
ރައްްޔިތުގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުރަތަމަ ކިޔުން އިއްވި، ދިވެހިރާއްޖޭގެ އެއާޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދެވެ.
އަންނަ އަހަރުން ފެށިގެން އޭޑީއެފް ބޮޑުކުރަން، އިއްޔެ ފާސްކުރި ދައުއުލަތުގެ ބަޖެޓްގައިވެސް ވަނީ ހިމަނައިފައެވެ. ގާނޫނުގައި މިހާރު އޮންނަނީ މިހާރު އެއާޕޯޓުން ދަތުރުކުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު، ކޮންމެ ބިދޭސީންގެ އަތުން 25 ޑޮލަރު ނަގާ ގޮތަށެވެ. ނަމަވެސްް ބަޖެޓުގައި ދިވެހިންނާ ބިދޭސީން ތަފާތު ނުވާ ގޮތަށް ޓެކްސް ނެގުމަށް ވަނީ ހިމަނައިފައެވެ.
ގިންތި ކޮށްގެން ޓެކްސް ނަގަން ހިމަނާފައިވާއިރު، ބިޒްނަސް ކުލާހުން 60 ޑޮލަރު، ފަސްޓް ކުލާހުން 90 ޑޮލަރު ނަގަން ވަނީ ހިމަނައިފައެވެ.
ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ބައްޓަން ކޮށްފައިވަނީ އެގޮތަށެވެ. ބަޖެޓްގައި ބުނެފައިވަނީ އެ ބަދަލާއެކު އަންނަ އަހަރު ދައުލަތަށް އޭޑީއެފް އިން 159.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.