ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޗައިނާ އިން ނަގާފައިވާ ދަރަނި "ރީސްޓްރަކްޗާ" ކުރުމުގެ ވާހަކައެއް މިނިސްޓަރު ނުދައްކަވާ: ފޮރިން މިނިސްޓްރީ

އާނިފާ ހުސެއިން ސިރާޖް

ޗައިނާއިން ރާއްޖެއަށް ނަގާފައިވާ ލޯނުތައް (ދަރަނި) ރީސްޓްރަކްޗާ ކުރާން ރާއްޖެއިން ބޭނުންވާ ކަމަށް ވިދާޅުވެ، މިނިސްޓަރު އަބްދުﷲ ޝާހިދު ވާހަކަ ނުދައްކަވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވި ކަމަށް ބުނެ، ދަ އެސޯސިއޭޓް ޕްރެސް، (އޭޕީ)އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާއިން ނަގާފައިވާ ދަރަނި އަނބުރާ ދެއްކުމަށް ޓަކައި އެ ދަރަނި "ރީސްޓްރަކްޗާ" ކުރުމަށް ރާއްޖެއިން އެދޭން ވަނީ ނިންމައިފަ އެވެ.

އޭޕީގެ މި ހަބަރާ ގުޅޭ ގޮތުން، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވެސް ވަނީ ޓުވީޓެއް ކުރައްވާފަ އެވެ. ސަފީރު ވިދާޅުވީ އޭޕީ އެ ހަބަރަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެ ކަމާ ގުޅިގެން މިނިސްޓަރު ޝާހިދަށް ގުޅުއްވައި މައުލޫމާތު އޮޅުންފިލުއްވި ކަމަށެވެ.

"ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ވާހަކައެއް ނުދައްކަވާ ކަމަށް ޝާހިދު ވިދާޅުވި. ޗައިނާގެ އެހީތެރިކަން ރާއްޖެއިން ބަލައިގަންނަ ކަމަށް ވެސް ވިދާޅުވި." ސަފީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދު ދެއްކެވީ ކުރީގެ ސަރުކާރުން އެއްވެސް ޒިންމާދާރުކަމެއް ނެތި ނަގާފައިވާ ލޯނުތަކުގެ ވާހަކަ ކަމަށެވެ.

"މީގެ އިތުރުން ކޮންމެ ކަމަކާ މެދު ވެސް މަޝްވަރާ ކުރެވޭ މިންވަރަށް ރާއްޖެ-ޗައިނާ ގުޅުން ރަނގަޅު ކަމާއި ރައީސް ސޯލިހުގެ ޒައާމަތުގައި މި ގުޅުން އަދިވެސް އިތުރަށް ހަރުދަނާވަމުން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި." ފޮރިން މިނިސްޓްރީން ބުންޏެވެ.

ޗައިނާއިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުތަކުގެ ދަރަނީ 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ބޭރުގެ ނޫސްތަކުގައި ވަނީ ރިޕޯޓުކޮށްފައެވެ.

މި ދަރަނިތައް ނެގުމުގައި އެއްވެސް ކަހަލަ ހަރުދަނާ އުސޫލުތަކެއް ކުރީގެ ސަރުކާރުން ގެންގުޅެފައި ނުވާ ކަމަށް މި ސަރުކާރުން ވެސް އަންނަނީ ބުނަމުންނެވެ.