ޚަބަރު

ރައީސް ޔާމީން މިނިވަން ކުރުމަށްކުރާ ގައުމީ މަސައްކަތަށް ފުލުހުން ޖާގަދޭންޖެހޭ: އަދުރޭ

އާނިފާ ހުސެއިން ސިރާޖް

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އިދިކޮޅު މައި ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކުރަންކުރާ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށާއި އެ މަސައްކަތަށް ދިވެހި ސިފައިންނާއި ފުލުހުން ޖާގަދޭންޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

"އަނިޔާވެރި ހުކުމާ ދެކޮޅަށް"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިގައުމު މިހާރު އޮތް ހާލަތުން ސަލާމަތްކުރުމުގެ މަސައްކަތަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމަށެވެ. އަދި އެ ވާޖިބު އަދާކުރުމަށް ފުލުހުން ޖާގަދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު، ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ދައުވާއެއް ކަމަށް ބުނެ އެމަނިކުފާނުގެ ޕާޓީ އާއި ޕީއެންސީގެ މެންބަރުން ދަނީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ޖަލްސާތަކާއި މުޒާހަރާތައް ބާއްވައި އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލަމުންނެވެ. އަދި ބައެއް މަގުތަކަށް ނުކުމެ މުޒާހަރާތައް ފެށުމުން ފުލުހުން ވަނީ އެކަން ހުއްޓުވައިފައެވެ.

އަދުރޭ ވިދާޅުވީ، މި ސަރުކާރު އައުމާއެކު ދީނަށް ފުރައްސާރަކުރުމުގެ ދޮރު ހުޅުވާލެވިއްޖެ ކަމަށާއި އެކަން ހުއްޓުމަށް ވަރަށް ވަރުގަދަ ލީޑަރެއް ބޭނުންވާ ކަމަށެވެ. އަދި އެލީޑަރަކީ ހަމައެކަނި ރައީސް ޔާމީން ކަމުން، ފުލުހުންގެ ހިތްތަކުގައި ގައުމޭމެދު ކުލުނެއް އޮތްނަމަ ރާއްޖޭގައި އިސްލާމްދީން ދެމެހެއްޓުމަށް އިދިކޮޅުންކުރާ މަސައްކަތަށް ފުރުސަތު ދޭންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތް އިތުރު ގިޔަރަކަށް ލާން އެބަޖެހޭ. ހަވަނަ ގިއަރުގައި އަޅުގަނޑުމެން ނިކުންނަން އެބަޖެހޭ. ނިކުންނަ ނިކުތުމުގައި ދިވެހި ފުލުހުންނަށް ދަންނަވާލަން ބޭނުންވަނީ ތިޔަބޭފުޅުން އަޅުގަނޑުމެން މިކުރާ ގައުމީ މަސައްކަތަށް ޖާގަދޭން އެބަޖެހެޔޭ. މިކަމަށް ފުރުސަތު ފަހިކޮށްދޭން ޖެހޭ .... މި ގައުމު އަމާން ބަނދަރަކަށް ގެންގޮސްދެވޭނީ، މި ގައުމު މިނިވަން ގައުމެއްގެ ގޮތުގައި ބޭއްވޭނީ، ރައީސް ޔާމީނަށް މިނިވަންކަމާއެކީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެން،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރައީސް ޔާމީން މިނިވަން ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ވެސް ދިވެހި ސިފައިންނާއި ފުލުހުންނަށް އިހުތިރާމުކުރަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތުގައި އުޅޭއިރު ހައްޔަރުކޮށް ޖަލަށް ލިޔަސް، އެ މަސައްކަތް ނުހުއްޓުވޭނެ ކަމަށާއި އެކަމަށް ލިބޭނީ އިތުރު ސާބިތުކަމެއް ކަމަށް ވިދާޅުވިއެވެ.