ޚަބަރު

ހުޅުމާލޭގައި ބާއްވާ ގަސް އިންދުމުގެ ބޮޑު ހަރަކާތް "ގޯ ގުރީން" މާދަމާ، ދާންވާނެ

ތިމާވެއްޓަށް ލޯބިކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކުލީން މޯލްޑިސް އިން އިންތިޒާމުކޮށްގެން "ގޯ ގުރީން"ގެ ނަމުގައި ހުޅުމާލޭގައި ބާއްވާ ގަސް އިންދުމުގެ ބޮޑު ހަރަކާތް މާދަމާ އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޝަރަފުވެރި ކޮށްދެއްވާ އެ ހަރަކާތް އޮންނާނީ މާދަމާ 15:30 އިން 5:30 އަށް ހުޅުމާލެ ފޭސް ދޭއްގެ ބީޗު ސަރަހައްދުގައެވެ.

އާންމުކޮށް އެންމެންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ އެ ހަރަކާތުގައި ބައިވެރިވުމަށް އިވެންޓު ކުރިއަށްދާ ވަގުތު އެ ސަރަހައްދަށް ގޮސް ކަނޑައަޅާފައިވަ ސަރަހައްދުގައި ގަސް އިންދުމުގެ ފުރުސަތު ލިބޭނެއެވެ.

ކުލީން މޯލްޑިވްސް އިން ބުނީ، ގަސް އިންދުމަށް ހަމަޖެހިފައިވާ ސަރަހައްދަށް ދިއުމަށް ހުޅުމާލެ ފޭސް ދޭއްގެ ގޭޓުން ބަސް ހަމަޖައްސާފައިވާ ކަމަށެވެ. ބަސް ނައްޓާލާނީ 3:30 ގައެވެ. އެހެންކަމުން ހުޅުމާލެ ޕްލެޓިނަމް ބިލްޑިން ކައިރީގައި ހުންނަ ބްރެޑްމެޓާސް ކައިރިއަށް 3:30 ގެ ކުރިން އައުމަށް އެ ޖަމިއްޔާއިން އެދެއެވެ.

އޭގެ އިތުރުން މާދަމާގެ ހަރަކާތުގައި މުވައްސަސާއެއް ނުވަތަ ޖަމިއްޔާއެއްގެ ފަރާތުން ބައިވެރިވާނެނަމަ އެ ތަނެއްގެ އޮފިޝަލު ޓީޝާޓުގައި އައުމަށާއި އަމިއްލަ ފަރާތެއްނަމަ ފެހިކުލައިގެ ކޮންމެވެސް ހެދުމެއް ލައިގެން އައުމަށް ކުލީން މޯލްޑިވްސް އިން އެދެއެވެ.

މާދަމާގެ ހަރަކާތުގައި ކުލީން މޯލްޑިވްސްގެ ފަރާތުން 1000 ރުކާއި 1000 މަގޫ ގަހާއެކު ޖުމްލަ 2000 އަށްވުރެ ގިނަ ގަސް އިންދަން ހަމަޖެހިފައިވާއިރު ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ގަސް ދޭނީ ކުލީން މޯލްޑިވްސް އިންނެވެ.

އަދި ގަސް އިންދުމުގެ އިވެންޓުގައި ބައިވެރިވާ ފަރާތްތަކުން ޕްލާސްޓިކް ފުޅީގެ ބަދަލުގައި އަމިއްލަ ފެންފުޅިއެއް އިވެންޓަށް އަންނައިރު ގެނައުމަށް ކުލީން މޯލްޑިވްސް އިން އެދެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން އެންޑޯސްކޮށް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ގުޅިގެން މާދަމާ ބާއްވާ ގަސް އިންދުމުގެ ބޮޑު ހަރަކާތުގެ ސްޕޮންސަރުންނަކީ ސީނު ލޭންޑްސްކޭޕް އަދި މޯލްޑިވް ގޭހެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ ވަން އޮންލައިނެވެ.