ދިރާގު ރޯޑް ރޭސް

ދިރާގު ރޯޑް ރޭހަށް އެސްޕީއައިއޭ އެޝިއާގެ އެވޯޑެއް

އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ އެސްޕީއައިއޭ އޭޝިއާ އެވޯސްޑްގެ "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯޓްސް" ކެޓަގަރީން ފަހުރުވެރި ބްރޯންޒް އެވޯޑް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަގުބޫލު ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސް ހޯދައިފިއެވެ.

އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ދުނިޔޭގެ ތަރިންނާއެކު 600 އަށް ވުރެ ގިނަ ޑެލިގޭޓްސް ބައިވެރިވި މި އެވޯޑް ހަފުލާ އޮތީ ސައުތު އީސްޓް ގޭމްސްގެ ރަސްމީ ހަރަކާތްތަކުގެ ހަވާސާގައި، މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާޓް މެނީލާ ހޮޓަލުގައެވެ. ދިރާގުގެ ފަރާތުން އެ އެވޯޑާ ހަވާލުވީ ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ބްރޭންޑް އަދި ދިރާގު ރޯޑްރޭހުގެ އެސިސްޓަންޓް ރޭސް ޑިރެކްޓަރު ނައިޔާ ޝަރީފެވެ.

އޭޝިއާގެ ލީޑިން ސްޕޯޓްސް ބިޒްނަސް ކޮންފަރެންސް އަދި އެވޯޑް ޕްލެޓްފޯމުގެ މި ޝަރަފުވެރި އެވޯޑްސްގެ އެކި ކެޓަގަރީތަކަށް ދިރާގުގެ އިތުރުން އޭޝިއާގެ 47 ގައުމަކުން 500 އެއްހާ ނޮމިނޭޝަންސް ހިމެނުނެވެ. އެގޮތުން މި ވާދަވެރި އެވޯޑުތަކަށް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބައިނަލްއަގުވާމީ ބޮޑެތި ދުވުންތަކާއެކު ވަނީ ވާދަކޮށްފައެވެ. ހުރިހާ ކެޓަގަރީއެއްގެ ދުވުންތައްވެސް އިންސާފުކޮށްދެއްފައިވަނީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރު ޖަޖިން ޕެނަލްއަކުން ބައިނަލްއަގުވާމީ ކުޅިވަރު އެވޯޑުތަކުގެ މިންގަޑުތަކަށް ފެތޭގޮތަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ އިތުރު ހަތަރު ކެޓަގަރީއަކުން ނޮމިނޭޓް ވެފައެވެ. އެއީ؛

  • ބެސްޓް ސްޕޯޓްސް ފޭން އެންގޭޖްމަންޓް ކެމްޕެއިން އޮފް ދަ އިޔާ
  • ބެސްޓް އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިން ފޮ އަ ސްޕޯޓިން އިވެންޓް
  • ބެސްޓް ސްޕޯޓްސް ސީއެސްއާރް އިނީޝިއޭޓިވް އޮފް ދަ އިޔާ
  • ބެސްޓް ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަން ކެމްޕެއިން އޮފް ދަ އިޔާ

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2019 އަކީ 5ޖީ/އައިއޯޓީ ބޭނުންކޮށް ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ބޭއްވާ އެންމެ ބޮޑު އަދި ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ރޭހެވެ. ރޭހުގައި ބައިވެރިވާން ރެޖިސްޓަރ ކުރާ ހިސާބުން ފެށިގެން ރޭސް ނިންމުމާ ހަމައަށް ދިރާގުން ދަނީ ދުވުންތެރިންނަށް ޑިޖިޓަލް ވަސީލަތްތަކުން ލުއިފަސޭހަތައް ފޯރުކޮށްދެމުންނެވެ. އެގޮތުން ދިރާގުން ވަނީ މި ރޭހަށް ހާއްސަކޮށްގެން މޯބައިލް އެޕްލިކޭޝަނެއް ވެސް ތައާރަފު ކޮށްފައެވެ. މި އެޕްގެ ޒަރިއްޔާއިން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދޭނެއެވެ.

މީގެ އިތުރުން މިއަހަރުގެ ރޭހުގައި ދިރާގުން ވަނީ ސައުތު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް މި ރޭސް ޓީވީ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކޮށްފައެވެ.

ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދް ދައްސަރ ވިދާޅުވީ އެސްޕީއައީއޭ ފަދަ މި ސަރަހައްދުގެ ކުޅިވަރު އިވެންޓުތަކުގެ އެވޯޑް ޕްލެޓްފޯމެއްގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާބިޔާބީއެއް ލިބުމަކީ ދިރާގާއި މުޅި ރާއްޖެއަށްވެސް ލިބޭ ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމަށެވެ. އަދި އޭޝިއާގެ ގަދަ ދިހަ ކުޅިވަރުގެ ހަރަކާތްތަކާއި ބްރޭންޑްތަކާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާމިޔާބީއެއް ލިބިގެން ދިއުމަކީ ރޭހަށް ހާސިލުކުރެވުނު ވަރަށްވެސް ބޮޑު އަދި މުހިންމު ލަނޑުދަޑިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު މި ހާސިލުކުރެވުނު އެވޯޑަކީ މި އިވެންޓުގައި ހަރަކާތްތެރިވާ ދިރާގުގެ ޓީމުތަކުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޭސް އިތުރަށް ފުރިހަމަކުރަން ކެނޑިނޭޅިކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ކަމަށާއި އަދި އަންނަ އަހަރުގެ އިވެންޓް އިތުރަށް ފުރިހަމަކުރުމަށް ޓީމުތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ވެސް ކަމަށް ވެސް މަހުމޫދު ވިދާޅުވިއެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުނިޔޭގެ ފެންވަރުގައި ވިދާލަމުން އަންނަ ދުވުމެކެވެ. އެގޮތުން 2018 ވަނަ އަހަރު އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގުވާމީ ސޯޝަލް އެވޯޑްގެ ގަދަ ތިނެއްގައި ވެސް މި ރޭސް ވަނީ ހިމެނިފައެވެ.