ސައުތު އޭޝިއަން ގޭމްސް

ބޫޓާން އަތުން ބަލިވެ، ފައިނަލްގެ ޖާގައެއް ހޯދުމަށް ރާއްޖެއަށް ހުރަސްތަކެއް

ނޭޕާލުގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ގޭމްސްގައި ބޫޓާން އަތުން ރާއްޖެ ބަލިވެ، ފައިނަލްގެ ޖާގައެއް ހޯދުމަށް ހުރަސްއެޅިއްޖެއެވެ.

މިއަދު ކުޅުނު މެޗުގައި ބޫޓާން އަތުން ރާއްޖެ ބަލިވީ 2-1ގެ ނަތީޖާއަކުންނެވެ. މީގެ ކުރިން ރާއްޖެ ކުޅުނު ދެ މެޗުން ވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. އެ ދެ މެޗު ވެސް ނިންމާލަން ޖެހުނީ އެއްވަރުވެގެންނެވެ.

މިއަދު ކުޅުނު މެޗުގެ ކުރީކޮޅު ރާއްޖޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތެއް ވެސް ލިބިގެންދިޔައެވެ. މެޗުގެ 13 ވަނަ މިނެޓުގައި ކެޕްޓަން އަކްރަމް އަބްދުލްޤަނީ (އަކޫ) ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ހަސަން ނާއިޒް (ދާދު) ނުރައްކާ ކުރުމުގެ ކުރިން، ބޫޓާންގެ ކީޕަރު ޔެލްޓްޝެން ޒަންގްޕޯ ވަނީ އެ ބޯޅަ ހޯދައިފައެވެ.

މެޗުގެ 23 ވަނަ މިނެޓުގައި ބޫޓާނަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޫޓާންގެ ކަބީ ރާޖް ރާއި ބޮލުން ފޮނުވާލި ހަމަލާ ރާއްޖޭގެ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހި ނުކުތުމާއެކު، އަކޫ ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެ މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ. މެޗުގެ ދެވަނަ ހާފުގައި ލަނޑު ޖަހާނެ އެންމެ ފުރަތަމަ ފުރުސަތު ލިބިފައިވަނީ ރާއްޖެއަށެވެ. މެޗުގެ 49 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ރާއްޖޭގެ ހަސަން ރާއިފް އަހްމަދު (ހަންނަ) ފޮނުވާލި ހަމަލާ ބޫޓާންގެ ކީޕަރު ޔެލްޓްޝެން ވަނީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ދިހަ މިނެޓުގެ ތެރޭގައި ބޫޓާންގެ ކެޕްޓަން ޗެންޗޯ ޔެލްޓްޝެންއަށް ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ރާއްޖޭގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ޗެންޗޯ ފޮނުވާލި ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޗެންޗޯ ފޮނުވާލި ހަމަލާ، ރާއްޖޭގެ ކެޕްޓަން އަކޫ ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ބޫޓާނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ފުބް ތިންލޭ ނަގައިދިން ކޯނަރަކުން ބޫޓާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޗިމީ ޑޯޖީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ރާއްޖޭގެ ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ، ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ.

ބޫޓާނުން ލީޑު ހޯދިތާ ދެ މިނެޓު ފަހުން ރާއްޖެއަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ހަމަލާ އަމާޒުވީ ބޫޓާން ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ބޫޓާނަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެ ފުރުސަތު ވެސް ތަނަވަސްކުރީ ބޫޓާންގެ ކެޕްޓަން ޗެންޗޯއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ޗެންޗޯ ފޮނުވާލި ބާރު ހަމަލާ ރާއްޖޭގެ ކީޕަރު ހުސައިން ޝަރީފް ވަނީ މަތަކޮށްފައެވެ.

މެޗުގެ 83 ވަނަ މިނެޓުގައި ބޫޓާނުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ކައުންޓާ އެޓޭކެއްގައި ދުރުން ފޮނުވާލި ބާރު ހަމަލާއަކުން ބޫޓާނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ފުބް ތިންލޭއެވެ. އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ރާއްޖޭގެ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ފެނިގެންދިޔައީ މެޗުގެ އެންމެ ފަހު މިނެޓުގައެވެ. ކޯނަރެއްގެ ތެރެއިން ލިބުނު ބޯޅައަކުން ރާއްޖެއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ހަމްޕުއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބޯޅަ ލިބުނު އިރު، ހަމްޕު ހުރީ ވަރަށް ހުސްކޮށެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ ސްރީލަންކާއާ ދެކޮޅަށެވެ. އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އަދި އެ މެޗަށްފަހު ބަންގުލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ރާއްޖެ އަތުން ހޯދި މޮޅާއެކު ބޫޓާން ވަނީ ގްރޫޕުގެ އެއްވަނައަށް ޖެހިލައިފައެވެ. ކުޅުނު ތިން މެޗުން ބޫޓާނަށް ހަ ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި އޮތް ނޭޕާލަށް ދެ މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސްރީލަންކާ އާއި ހަތަރުވަނައިގައި އޮތް ރާއްޖެ، އެ ދެ ޓީމަށް ވެސް ލިބިފައިވަނީ ދެ ޕޮއިންޓެވެ. ރާއްޖެއަށް ވުރެ އެއް މެޗު މަދުން ކުޅެފައިވާ ލަންކާ ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ބަންގުލަދޭޝްއަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުން އިންޑިއާ ވަކިވުމުން، ފުޓުބޯޅަ އިވެންޓު ކުރިއަށްގެންދަނީ ލީގު އުސޫލުންނެވެ. ފައިނަލުން ޖާގަ ލިބޭނީ ލީގު ބުރުގެ އެއްވަނަ އަދި ދެވަނަ ހޯދާ ޓީމަށެވެ. ރާއްޖެ ކުޅޭ ފަހު މެޗުގައި މާދަމާ ނުކުންނަން ޖެހޭނީ ނޭޕާލާ ދެކޮޅަށެވެ.