ވާހަކަ

ކޮންމެ ހިނދެއް - 04

1

"37 އަހަރު" މާހިލް ހިތާހިތުން ކިޔައިލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މޭޒުމަތީގައި ބަހައްޓާފައި ހުރި ކަލަންޑަރަށެވެ.

ދުވަސްތައް ފާއިތުވެގެން މިދަނީ ހާދަ އަވަހަށެވެ. އޭނާގެ އުމުރު ތިރީސް ހަތަކަށް އެޅީއެވެ. ޒުވާން އުމުރުގައި ކުރެވުނު ކައިވެނިވެސް އޭނާއަށް ކުރެވުނު ފަރުވާކުޑަ އަމަލުތަކެއްގެ ސަބަބުން ރޫޅިގެން ދިޔައީއެވެ. އެދުވަސްތައް އަދިވެސް އޭނާ ހަނދާން އެބަހުއްޓެވެ. އަދިވެސް އެދުވަސްތަކުގައި އޭނާއަށް އުޅެވުނު ވިޔާނުދާ ގޮތްތައް ހިތަށް އެރުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވެއެވެ. ފަޒާއަކީ ރަނެއްކަން މިހާރު އޭނާއަށް އިނގެއެވެ. ނަމަވެސް މިހާރު އެއީ މީހެއްގެ އަންބެކެވެ. ދަރިންތަކެއްގެ މަންމައެކެވެ.

މަދީނާގައި ކިޔަވަން ހުރިއިރު އޭނާ ފަޒާއާ ދިމާވީ އެކުވެރިޔަކާއެކު ސައުދީއަށް ފަޒާ ކުރި ދަތުރެއްގެ ތެރެއިންނެވެ. އޭނާ ފަޒާގެ ކިބައިން މަޢާފަށްއެދުނެވެ. އޭނާ އަލުން އޭނާގެ ހަޔާތުގެ ބައިވެރިއަކަށްވާން ދައުވަތު ނުދިނީ ކުރެވުނު ކަންތަކުން ލަދުގަނެފައި ހުރި ވަރުންނާ ފަޒާގެ ދިރިއުޅުމުގައި ހާއްސަ މީހަކު ހުރިކަން އިނގުމުންނެވެ.

އެމީހަކަށްޓަކައި އޭނާގެ މުޅި ދިރިއުޅުން ބަދަލުކުރި އަންހެންކުއްޖާއަށް އޭނާއަށް ދިނީ ކެއްސެވެ. ލޯބިވެރިންގެ ގޮތުގައި ނުތިބެ އިސްލާމީ ރިވެތި އުސޫލުން ކައިވެނިކުރަން ހުށަހެޅުމުން އެންމެންގެ ތެރޭގައި ގަންނަވާލީ ލަދެވެ. އޭނާ އިސްޖަހައިލަން ޖެހުނު ވަގުތު އެއްވެސް އަންހެނެއްގެ ލޯބި އޭނާއަށް ހައްގު ނުވާކަން އޭނާ އަމިއްލަ ނަފްސު ހަނދާންކޮށްދިނެވެ. ނައިޝީގެ ދިރިއުޅުން ހަލާކުކޮށްލެވުނީވެސް އޭނާއަށެވެ. މާޒީގައި އޭނާއަށް ކުރެވިފައިވަނީ މުޅިންވެސް ސުންޕާ ކަންތަކެވެ. އެކަމުގެ ހިތިކަން އޭނާ ދެކެން ޖެހިފައިވަނީ މިހާރުއެވެ. ނައިޝީ ފައި ވިއްދާލައިފައި ހުރީ އޭނާގެ ދިރިއުޅުން ބަރުބާދު ކުރާށެވެ. އޭނާއަށް އެތައް ފަހަރަކު އިންޒާރު ދީފިއެވެ. އެ ސޫރަ ލޮލަށް ނުފެންނަތާ އެތައް އަހަރެއް ވެފައި ވިޔަސް އެކި ގޮތްގޮތުން އޭނާ އާ ދިމާކޮށްފިއެވެ. މާތްﷲ ސަލާމަތްކުރެއްވި އަޅެއް ބަލިކޮށްލެވޭނެ އެއްވެސް ބާރެއް މި ދުނިޔޭގައި ނުވެއެވެ. އެކަލާނގެއާ ވަކީލުކޮށް އޭނާ ދިރިއުޅެނީ އެބަސްކޮޅުގެ ބާރުގައެވެ.

އާވާ ގޮވައިގެން ރައުހާއަށް އެޑްމިންއަށް ވަދެވުނީ ވަޒީފާއަށް ހަމަޖެހިފައިވީ ވަގުތު ފަހަނައަޅާ ދާން ގާތްވެފައި ވަނިކޮށެވެ. އެތަނުގައި މަސައްކަތްކުރަނީ ސުހާއާއި ހަމްނާގެ އިތުރުން ރައުހާއާއި ދެ ފިރިހެން ކުދިންނެވެ. ރައުހާ އަކީ އެޑްމިންގެ ހެޑެވެ. ރައުހާ ގޮވައިލި އަޑު އިވުމާއެކު ކޮމްޕިއުޓަރުން މަސައްކަތެއް ކުރަން އިން ސުހާ އިސްއުފުލާ ޕާޓިޝަން މަތިން ބޯހިއްލައިލާފައި ބަލައިލިއެވެ.

"ކޮބާ ހަމްނާ؟" ރައުހާ އަހައިލިއެވެ.

"މިހިރީ އަހަރެން" ފަހަތުން ހަމްނާގެ އަޑު އިވުނެވެ. އޭރު ސުހާ ރައުހާ ކައިރީގައި ކޮޅަށް ހުރި އާވާގެ ފައިން ފެށިގެން ބޮލާއި ހަމައަށް ސްކޭންކޮށް ނިމިއްޖެއެވެ. އޭނާ ފޫހިކަން އެކުލެވިފައިވި ނަޒަރަކުން އާވާގެ މޫނަށް ބަލައިލާފައި ނިތް އަރުވައިލިއެވެ.

"މިއީ އާވާ އިނގޭ. މާލް ސަރ އާއި އެންމެ ގާތުން މަސައްކަތްކުރާނީ އާވާ. މިއަދު އަހަރެމެންނާ އެ ގުޅުނީ. އެހެންވީމަ އާވާ އާ ހުރިހާކުދިންވެސް ވާނެ އެކުވެރިވާން" ރައުހާ ވާހަކަދެއްކިއެވެ.

"އަހަރެމެންނާ ގުޅޭ މީހަކާ އަހަރެމެންވެސް ގުޅޭނެއްނު. ދޯ ސުހާ..." ޙަމްނާ ފަރުވާކުޑަ ރާގަކަށް ބުނެލައިފިއެވެ.

އާވާ ގޮވައިގެން ރައުހާ ދިޔުމާއެކު ހަމްނާއާއި ސުހާ އެކަކު އަނެކަކަށް ބަލައިލިއެވެ. ސުހާއާއި ޖެހިގެން ހުންނަ ހަމްނާގެ ވޯކް ސްޓޭޝަނުގައި ހުރި ގޮނޑި ދަމަމުން ގެނެސް ސުހާއާއި ކައިރިކޮށްލިއެވެ.

"ކޮންކަހަލަ އަންހެނެއް ފާޑެއްގެ ހެދުމެއް ލާފަ" ހަމްނާ ބުނެލިއެވެ.

"މަށަކަށް ނޭނގެ. ފޫހި ވައްތަރަކަށް ދޯ. މަށަށް ޔަގީން މިތަނުގައި އޭނައަށް ކެތްވާނީ ކުޑަ ދުވަސްކޮޅަކު ކަން. މާލްސަރ އަށް އޭނަ ކަމުނުދާނެ" ހަމްނާ ބުނެލިއެވެ.

"ޖާރނަލިސްޓެއްތަ އެއީ؟" ސުހާ އަހައިލިއެވެ.

"ހިއެއްނުވޭ. އެކަމަކު ދެންމެ ރައުހާ ބުނެފިއެއްނު ޝާނިމް ސަރ އޭނަ ޓްރެއިނިންގ ކުރާނޭ. ހީވަނީ ދީނީ އާޓިކަލްސްތައް ލިޔުއްވާނެހެން އޭނަ ލައްވާ" ހަމްނާ ބުނެލިއެވެ.

"ހަމްއަށް އިނގޭތަ ދީނީ ހަބަރުތައް ލިޔެ ހަދަން އަހަރެން ވަރަށް ފޫހިވޭ. ބުރުގާވެސް އެޅީ މަންމަ ކިޔާވަރުން" ސުހާ ވާހަކަދެއްކިއެވެ.

"އަހަރެންވެސް ހަމަ ތިހާލެއްގަ. އެހެންވެ އެޑްމިންއަކަށް ވީ... މިތަނުގެ ނޫހަށް ވަދެ ކިޔައެއް މަށެއް ނޫޅެން" ހަމްނާ ބުނެލިއެވެ.

އާވާއަށް ލިބުނު ކެބިން ހުންނަނީ މާހިލްގެ ކެބިން އާ އިންވެގެންނެވެ. ކުދަ ތަންކޮޅަކަސް ހިތްގައިމެވެ. އޭނާގެ މޭޒުމަތީގައި ކޮމްޕިއުޓަރ ސިސްޓަމެއްގެ އިތުރުން ފޯނެއް ހުއްޓެވެ. އަނެއް ފަރާތުގައި ތާޒާ މަލާއެކު ހުރި ވަރސްއެއް ހުއްޓެވެ. ކުޑަދޮރެއް ހުރިއިރު ރަސްފަންނުގެ ހިތްގައިމު މަންޒިލް ފެނެއެވެ. އޭނާ ގޮނޑީގައި ހަމަޖެހިލީ ރައުހާ މިއަންނަނީ އޭ ބުނެ ދިޔުމުންނެވެ. ދިމާލަށް ހުރި އޭސީގެ ފިނިން އޭނާއަށް އަރާމު ނާނާއެއް ކިޔައިދޭ ކަހަލައެވެ. އަރާމުވީ ވަރުން ދެލޯ މަރާލެވުނެވެ.

އާވާ ތެދުވެގެން ގޮސް ހުއްޓިލީ ކުޑަދޮރު ކައިރީގައެވެ. ރަސްފަންނު ފެންނާނޭހެން ނަފްސީއެއް ނަގައި ދާރިމްއަށް ފޮނުވައިލިއެވެ. އެއީ އޭނާއަށް ހާއްސަ ކޮޓަރިކޮޅު ކަމުގައި ބުނެ ދާރިމްއަށް ފޮނި ދެއްކިއެވެ. މީހަކު އެތަނަށް ވަދެދާނޭ ހިތަށް އެރުމާއެކު ފޯނު ލޮކް ކޮށްލަމުން އައިސް ގޮނޑީގައި އިށީނެވެ. އޭނާ ކޮމްޕިއުޓަރ ހުޅުވައިލި ވަގުތު ފޯނު ރިންގުވާން ފެށިއެވެ.

"ސަލާމް އާވާ" އާވާ ސަލާން ގޮވުމުގެ ކުރިން އެކޮޅުން މާހިލްގެ އަޑު އިވުނެވެ. ގަބޫލުނުކުރެވިފައި އާވާއަށް ފޯނުގެ އަތްގަނޑު ކަންފަތާ ދުރުކޮށްލާފައި އަތްގަނޑަށް ނަޒަރެއް ދެވުނެވެ.

"ވަޢަލައިކުމުއްސަލާމް ސަރ" އާވާ އަދަބުވެރިކަމާއެކު ޖަވާބުދިނެވެ.

"އަޅުގަނޑުގެ ކެބިންއަށް އާދެވިދާނެތަ އުނދަގުނޫނިއްޔާ" މާހިލް އެދުނެވެ. އާވާ ލައްބައޭ ބުނެ ފޯން ކަނޑައިލިއެވެ. އޭނާ ދިޔުމުގެ ކުރިން ވިސްނައިލިއެވެ. އޮފިސްތަކުގައި އުޅޭ ވެރިންނާ މާހިލް ހާދަ ތަފާތެވެ. އޭނާގެ މުވައްޒަފުންނާ ވާހަކަދައްކަނީ މާތް ބަހުންނެވެ. އަމުރެއް ނުކުރެއެވެ. ކަންތައްތަކަށް އެދެނީއެވެ. އެގޮތާ އާވާ ވަރަށް ގަޔާވިއެވެ. ތަފާތު ވެރިއެކެވެ. އޭނާއަށް ނޭނގި އޭނާގެ ހިތުން މާހިލްއަށް އެދެވެން ފެށިއެވެ. އޭނާގެ ހިތުގައި އުފެދެމުން އަންނަ އިހުސާސް ސިކުނޑިއާ ހަމައަށް އަދި ނުފޯރައެވެ.

އާވާ އެތެރެއަށް ވަނީ މާހިލްގެ ހުއްދަ ލިބުމުންނެވެ.

"އިށީނދޭ" މާހިލް ބުނެލިއެވެ.

"އާވާ ހިތްހަމަޖެހޭތަ ކެބިން؟" މާހިލް އަހައިލިއެވެ. ކުރިމަތީގައި އާވާ އިނަސް މާހިލްގެ ނަޒަރު ހުރީ މޭޒުމަތީގައި ހުޅުވާލައިފައި އޮތް ފައިލަށެވެ.

"ލައްބަ ވަރަށް ހިތްހަމަޖެހޭ" އާވާ ބުނެލިއެވެ.

"އާވާގެ ހުއްދަނެތި އެއްވެސް މީހަކަށް ތި ކެބިންއަށް ނުވަދެވޭނެ. މިބުނީ އެތާތެރޭގަ އާވާގެ ފުރިހަމަ މިނިވަންކަން އާވާއަށް އޮންނާނޭ. ކޮންމެ ނަމާދުވަގުތަކަށް އާވާއަށް މަސައްކަތުން ދޫކުރެވޭނެ. މީހެއްގެ ހުއްދަ ނުލިބުނަސް އާވާ ކުރަމުންދާ އަޅުކަންތައް ކުރެވޭނެ. މިތަނުގައި މިސްކިތެއް ހުންނާނެ. އެކަމަކު އާވާ ބޭނުންނަމަ ނަމާދުކުރަން ގެއަށް ދިޔަސް އެއްވެސް މައްސަލައެއްނެތް" މާހިލް ވާހަކަދެއްކިއެވެ. އެންމެ ފަހަރަކުވެސް އޭނާ އާވާއަށް ބަލައިނުލައެވެ.

"ލައްބަ" އާވާ ޖަވާބުދިނެވެ. އޭނާ ދޭތެރެއަކުން މާހިލްއަށް ބަލައިލައެވެ.

"ދެން އަޅުގަނޑު ގޮވައިލީމަ އާވާ އައިސް ކޮންމެ ފަހަރަކު ޓަކި ޖަހާނެކަމެއް ނެތް. އާވާއަށް މިތަނަށް ވަދެވޭނެ" މާހިލް ބުނެލިއެވެ.

"ނޫނޭ ސަރ. އެއީކީ ރަނގަޅުގޮތެއް ނޫން. ކޮންމެ ތަނެއްގަވެސް ވެރިއެއް ހުންނާނެ. ވެރިއަކަށް އިހުތިރާމް ކުރުމަކީ ވެރިޔާގެ ދަށުން މަސައްކަތްކުރާ ކޮންމެ މުވައްޒަފެއްގެ ވާޖިބެއް. އަޅުގަނޑު ސަރ އަށް ވަރަށް އިހުތިރާމް ކުރަން" އާވާ ވާހަކަދެއްކިއެވެ.

އާވާގެ އެ ވާހަކަތައް މާހިލްއަށް ވަރަށް ކަމުދިޔައެވެ. އޭނާ ހިތުން އާވާއަށް ތައުރީފް ކުރިއެވެ.

އޮފީސް ނިންމާލުމަށްފަހު އާވާ ގެއަށް ދާން ނިކުތެވެ. އޭނާ ފޯނު ނަގާފައި ރިޒާގެ ފޯނަށް ގުޅައިލިއެވެ. ނަމަވެސް ރިޒާއަށް އާދެވޭގޮތެއް ނުވިއެވެ. އޭނާ ދާރިމްއަށް ގުޅަން އުޅެފައިވެސް އެ ޚިޔާލު ދޫކޮށްލިއެވެ. ދާރިމް އަތުގައި ލައިސެންސް ނެތި ކިތަންމެ ދުވަހަކު ސައިކަލް ދުއްވައިފިއެވެ. މަގުމަތިން ފުލުހެއް ފެންނަން ހުރުމުން އޭނާ ދާރިމްއަށް ގުޅާ ހިޔާލު ދޫކޮށްލިއެވެ. އޭނާގެ ސަބަބުން ދާރިމް ކުށެއްގެ ބެދެން އޭނާ ނޭދޭއެވެ. އެންމެފަހުން ފައި މަގުގައި އޭނާ ގެއަށް ދާން ހިގައިގަތް ވަގުތު އޮފީހުން ނިކުތް މާހިލް އޭނާއަށް ފެނުނެވެ. އޭނާ ފެނުމުން މާހިލް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. ގަރާޖުން ކާރު ނެރެގެން ދުއްވާލަން އުޅުނު ވަގުތު މާހިލް މަޑުޖެހިލިއެވެ. އާވާ ގެއަށް ނުދެވިފައި ހުރިކަން އޭނާއަށް އިނގުނެވެ. އާވާއަށް އެހީތެރިވުމުގެ ގޮތުން ކާރަށް އަރަން ބުނަން އުޅުނު ވަގުތު އޭނާގެ ވިސްނުމަށް އައި އެއްޗަކުން ދޫ ބަންދުވިއެވެ. މީގެ ކުރިންވެސް އެ އޮފީހުން ކިތަންމެ ކުއްޖަކު ގެއަށް ނުދެވިފައި ހުރެއެވެ. އޭގެތެރޭގައި ގިނައީ އަންހެންކުދިންނެވެ. އެ ކުދިން ކައިރީގައި އެކަހަލަ އެއްޗެއް ބުނަން ދުވަހަކުވެސް އޭނާ ހިތަށް ނާރައެވެ. ވީއިރު އާވާ ކައިރީގައި ބުނަން އޭނާގެ ހިތަށް އެރީ ކީއްވެގެން ހެއްޔެވެ؟ އޭނާ ދެފަރާތަށް ބޯހޫރާލިއެވެ. ވިސްނަންވީ އެއްޗެއް ނޭނގުމުން އާވާއަށް ބެލުމެއްނެތި ކާރު ކުރިއަށް ދުއްވައިލިއެވެ.

މަގުގެ އެއްކައިރިން ހިނގާފައި ދިޔަ އާވާއަށް ފޯނަށް ބަލައިލެވުނީ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އޭނާ ބަލައިލިިއިރު އަރާފައި އިނީ 'އީޝަމް' ގެ ނަމެވެ. އޭނާ ހުއްޓުނުއިރު ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ސަޕްރައިޒް..." އާވާ ކަންފަތުގައި ފޯނު ޖެހުމާއެކު އެކޮޅުން ފޯނުގައި ހުރި އީޝަމް އަކުރުތަކަށް ދަމާލާފައި ބުނެލި އަޑު އިވުނެވެ.

"ކޮންއިރަކު އައީ..؟" އާވާ އަހައިލިއެވެ. އޭނާގެ ތުންފަތްމަތީގައި ވި ހިނިތުންވުން ފިލާ ނުދެއެވެ.

"ހަމަ ދެންމެ" އީޝަމް ބުނެލި އަޑު އިވުނެވެ.

"މިދަނީ.. ވަރަށް އަވަހަށް މިދަނީ... ވެއިޓް އިނގޭ" އީޝަމް އައުމުން އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރި އާވާ މަގުމަތިން ޓެކްސީއެއް ހުއްޓުވިއެވެ. އެއީ އޭނާގެ ހަޔާތުން އެކަނި ޓެކްސީއަކަށް އެރި ދެވަނަ ފަހަރެވެ. އެކަނި ޓެކްސީގައި ދަތުރުކުރަން އާވާ ޖެހިލުންވެއެވެ. އެކުވެރި އަނުމްއަށް ދިމާވި ހާދިސާއެއްގެ ސަބަބުންނެވެ.

ގެއަށް ވަދެވުމާއެކު އޭނާއަށް ސޯފާގައި ދާރިމް އާ އެކު ޕީއެސް ކުޅެން އިން އީޝަމް ފެނިއްޖެއެވެ. ޖޮއިސްޓިކް ދޫކޮށްލާފައި އީޝަމް އާވާ އާ ދިމާލަށް ދިޔައިރު އާވާއަށް އަތުގައި އޮތް އަތް ދަބަސް ސޯފާ މައްޗަށް ހޫރާލައިފިއެވެ. އެއަށްފަހު އީޝަމް އާވާގެ ދެއަތް ތިލައިގައި ހިފައިގެން ހުރެ ގޭތެރޭގައި އެނބުރެން ފެށިއެވެ. އެތައް ދުވަހަކަށްފަހު ދެކުދިން ބައްދަލުވުމުން ދެކުދިންގެ ހިތުގައިވެސް އުފެދިފައިވަނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. މަންޒަރު ބަލަން ހުރި ހާޖަރުގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ.

"ކޮބާ ކުޑާމެން. އީނުވެސް ނާދޭތަ؟" ގޭތެރެ ދެފަރާތް ބަލަމުން އާވާ އަހައިލިއެވެ.

"މިއައީ އަޅުގަނޑު އެކަނި. އެވެސް އެއް ހަފްތާއަށް. މިއައީ ވެސް ދޮންތިއާ ތުއްތައާއި ދާމް އާ ތުއްތަބެ ދެކިލާހިތުން. މަންމަ އުޅުނު އެކަނިވީމަ ނުފޮނުވަންވެސް" އީޝަމް ވާހަކަދެއްކިއެވެ.

"އަޅޭ... ކުޑާ ނައިމަ ދެރަވެއްޖެ. އީނުވެސް ވިހޭފަހުން އެންމެ ފަހަރަކު ދެކުނީ. އަދިވެސް ވަރަށް ޗަބީކޮށްތަ ހުންނަނީ" ސޯފާގައި އިށިންނަމުން އާވާ އަހައިލިއެވެ.

"އާނ.. މިހާރު ހަމަ ކުޑަކުޑަ މާމައެއް އެއީ. ދޮންތިއަށް އިނގޭތަ ޤުރުޢާނުގެ ތޭވީސް ފޮތް ދަސްކޮށްފި. އަދި ހަ އަހަރު ނުވެއެއްނު" އީޝަމް ވާހަކަދެއްކިއެވެ.

"މާޝާﷲ.. މައި ސްވީޓް ލިލް ބޭބީ ގާރލް.. ވަރަށް ހަނދާންވޭ" އާވާ ބުނެލިއެވެ.

"ދެން ތިހެން ނުތިބެ އާދޭ ސައިބޯން. މީހަކު ނުބުނެފިއްޔާ ކިތަންމެ އިރެއް ވަންދެންވެސް ތިބެދާނެ ވާހަކައިގަ. ދުވަހަކުވެސް ވާހަކަ ހުހެއް ނުވާނެ" ބަދިގެއިން ނިކުތް ހާޖަރު ވާހަކަދެއްކިއެވެ. ތިން ކުދިން އެއްކޮށް ސައިބޯން މޭޒު ކައިރިއަށް ދިޔައިރުވެސް ދައްކަމުން ދިޔައީ ކުޑަކުޑަ އީނުގެ ވާހަކައެވެ.

އީޝަމް އަކީ ހާޖަރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އީވްއާއި އިމްރާންގެ ބޮޑު ފިރިހެން ދަރިފުޅެވެ. އީނު އަކީ އީވް ފަހުން ވިހޭ އަންހެން ދަރިފުޅެވެ. އީވްގެ ބައްޕަގެ އެދުމުގެ މަތިން އެ އާއިލާ އަބޫދާބީއަށް ބަދަލުވިތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެ ފުރުސަތު ހާޖަރަށް ވެސް ލިބުނެވެ. ނަމަވެސް އޭނާ ބޭނުންވީ ދެކުދިންނާއެކު މާލޭގައި ދިރިއުޅޭށެވެ. އެހެންކަމުން ކޮއްކޮ އީވް ގެ ދިރިއުޅުން ބަދަލުކުރަން އޭނާ އެހީތެރިވެދިނެވެ.

ރޭގަނޑުގެ ކެއުމަށް މާހިލް ތައްޔާރުކޮށްލީ ޗިކެން ސޫޕެކެވެ. އޭނާ ބޯތައްޓަކަށް ހޫނު ސޫޕް އަޅައިގެން އައިސް އިށީނީ ސިޓިންގްރޫމް ސޯފާގައެވެ. ރިމޯޓް ނަގަމުން ޓިވީ ޖައްސައިލިއެވެ. ވީޓީވީ އަށް ހުއްޓާއިލާފައި ވީ އިރުކޮޅެކެވެ. ސިޔާސީ ބަލިމަޑުކަމެއް ގައުމުގައި އުޅޭއިރު ދިވެހި ޗެނަލަކުން އެހެން އެއްޗެއް ނުދައްކާނެކަން އޭނާއަށް އިނގެއެވެ. އެހެންކަމުން އޭނާ މުންނާރު ޓިވީއަށް ލާފައި މަޑުމަޑުން ސޫޕް ބޮމުން ދިޔައެވެ.

ހިނދުކޮޅެއްވީތަނާ ކައިރީގައި އޮތް ފޯނަށް މެސެޖެއް އައެވެ. އޭނާ މޭޒުމަތީގައި ސޫޕްތަށި ބަހައްޓަފައި ކައިރީގައި އޮތް ފޯނު ނަގާފައި ބަލައިލިއެވެ. އެހިނދު އޭނާއަށް ހަށިގަނޑު ސީދާކޮށްލެވުނެވެ.

"އުފާވެރި އުފަންދުވަހަކަށް އެދެން މާހިލް. މާހިލްގެ ބަރުބާދީއަށް ދުވަހަކަށްފަހު ދުވަހެއް ގާތްވަމުން އެ އަންނަނީ" އޭނާ މޫޑްއޮފިވިއެވެ. އިވިގެން އެދިޔައީ އެއް ވާހަކަތަކެކެވެ. އެއް އިންސާނެއްގެ ފަރާތުންނެވެ. އޭނާ ބޮލުގެ އިސްތަށިގަނޑު ތެރޭގައި ދެއަތް ހިންގައިލިއެވެ. މާޔޫސްވެރިކަން ހަ ފަރާތުން ވަށާލައިފިއެވެ. އޭނާގެ ދެ ކަންފަތް ކޮޅަށް ޖެހިގެން ދިޔައީ އެވަގުތު މުންނާރު ޓީވީގައި ދެމުން ދިޔަ ދަރުހެއްގެ މެދުތެރެއިން އިވެންފެށި ވާހަކަކޮޅެއްގެ ސަބަބުންނެވެ.

"ދިރިއުޅުމަކީ ކާމިޔާބު މަދު ނާކާމިޔާބު ގިނަ އުންމީދު ހާސިލުވުން މަދު މާޔޫސްވުން ގިނަ ވަރުބަލި ދަތުރެކެވެ. މި ދަތުރުގެ ކޮއްތު ބޯފެނަކީ ކެތްތެރިކަމާ ހިތްވަރެވެ. އަދި ކީރިތިވަންތަ މާތްﷲ ށް ޒިކުރު ކުރުމެވެ" މި ބަސްތައް އަޑުއަހާފައި މާހިލްގެ ހިތަށް ހަމަޖެހުން ލިބުނެވެ. އޭނާގެ ބޮލުން އެތައް ޓަނެއްގެ ބުރަ ނެއްޓުނު ކަހަލައެވެ. އޭނާ އަކީ ހެއްދެވި ފަރާތުގެ އަޅެކެވެ. އޭނާ އެންމެ ކުރާހިތުން ކުރާ ކަމަކީ އާލަމްތަކުގެ ވެރި ﷲ ސުބްހާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމެވެ. އެކަލާނގެ ރަހްމަތްފުޅު އޭނާގެ ބޯމަތީގައި ވަނިކޮށް މިކަހަލަ މޮޔައިން ފޮނުވާ މެސެޖްތަކުގެ އަސަރު އޭނާއަށް ކޮށްފާނެ ހެއްޔެވެ؟ އެކަލާނގެއަށް ތަގްވާވެރިވާ މީހުން މުސީބާތްތަކުން ސަލާމަތް ކުރައްވާނެ ކަމަށް އެކަލާނގެ ވަނީ ކީރިތި ޤުރުޢާނުގައި ވަހީ ކުރައްވާފައެވެ. ހަމަ އެގޮތަށް އަނިޔާވެރިން ކަކޫ ޖެހިގެންވާ ހާލު ނަރައިކައިގެ ތެރެއަށް ދޫކުރައްވާނެ ކަމަށްވެސް އެކަލާނގެ ވަހީ ކުރައްވާފައިވެއެވެ. ވީއިރު އޭނާ ވިސްނަންވީ ކޮންކަމަކާ ހެއްޔެވެ؟ މާހިލް ދެ ފަރާތަށް ބޯ ހޫރާލުމަށްފަހު ހިތާހިތުން ހެއްދެވި ފަރާތަށް ޙަމްދުކުރުމަށްފަހު ސޫޕްތަށި އަލުން ނަގާ ބޯންފެށިއެވެ.

ބޭރުން އައިސް ނާސިހް ގެއަށް ވަނީ އަނުމް ރޭގަނޑު ކާން ހަދައިގެން ސޯފާގައި ޓީވީ ހުޅުވައިގެން އިންދައެވެ. އޭނާ ފެނުމުން ނާސިހްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

"ހަބަރުތައް ކީކޭތަ މިކިޔަނީ ދަރިފުޅާ" ސޯފާގައި އިށިންނަމުން ނާސިހް އަހައިލިއެވެ.

"އެކްސް ޕްރެޒިޑެންޓްގެ މައްޗަށް ކުށް ސާބިތުވީމަ އެވާހަކަ މިދައްކަނީ" އަނުމް ބުނެލިއެވެ.

"އަޅުގަނޑު ނިކަން ފޫހިވޭ ސިޔާސީ ކަންތައްތައް ދެކެ. ހިނގާ ކާން ބައްޕާ" ޗެނަލް ބަދަލުކޮށް ތެދުވަމުން އަނުމް ބުނެލިއެވެ. ދެބަފައިން އެއްކޮށް ހިނގައިގަތް ވަގުތު ކޮޓަރި ހުޅުވާލާފައި ފަލަކްނާޒް ނިކުތެވެ.

"އާދެވިއްޖެ ދޯ. އަދި އައިއްސަވެސް ރަންދަރި ކައިރީގައި މޮޅު ވާހަކަދައްކަން އިނީ ދޯ" އާދައިގެ މަތިން ފަލަކްނާޒްގެ ހަރުކަށި ރާގުގައި އަހައިލިއެވެ.

"އަހަރެންނާއި އެއް ހަމައެއްގައި ފިޔަވަޅު އަޅަމުން ކާމޭޒު ކައިރިއަށްދާން ބޭނުންވެއްޖިއްޔާ އެންމެ ފުރަތަމަ ތި ދޫ ހިމޭނުން ބާއްވާ. އެއަށްފަހު އާދޭ" ނާސިހް ޝަހާދަތް އިނގިލިން އިޝާރާތްކޮށް ފަލަކްނާޒަށް ބުނެލިއެވެ.

ނާސިހާ ފަލަކްނާޒާ ދެމެދު ކުރެވޭ ޒުވާބު އަޑުނޭހުމަށްޓަކައި ފޫހި ބެލުމަކުން ފަލަކްނާޒަށް ބަލަން ހުރުމަށްފަހު އަނުމް މޭޒާ ދިމާލަށް ދިޔައެވެ. އިރުކޮޅަކުން ކޮޓަރިން ނިކުތް އާރިޔަންވެސް މަޑުނުކޮށް ކާމޭޒާ ދިމާލަށް ދިޔައެވެ.

"ނާސިހު ނުޖެހޭނެ އަހަރެންނާ ތި ފާޑަށް ވާހަކަދައްކާކަށް" ހިތްހަމަނުޖެހިފައި ފަލަކްނާޒް ބުނެލިއެވވެ.

"ނާޒު ޖެހޭތަ މަށާ ހިތުހުރި ގޮތަކަށް ވާހަކަދައްކަން. ލަދެއް ނުގަނޭތަ މަށަކީ ނާޒުގެ ފިރިމީހާއޭ. ފިރިމީހާ ގެއިން ބޭރުގައި ބުރަކޮށް އުޅެފައި އައިސް ގެއަށް ވަނީމާ ވާހަކަދައްކަންޖެހޭ ގޮތަކީ ތީތަ؟" ނާސިހް އަޑުލިއެވެ.

"އަހަރެންނަށް ކިހިނެއް އިނގެނީ ނާސިހް ބޭރުން އަންނަނީ ބުރަކޮށް އުޅެފައި ކަމެއް. މަށަށް ހީވަނީ މާގިނަ ދުވަސްތަކެއް ނުވަނީސް މަގޭ ކުރިމައްޗަށް އިތުރު އަންބަކާ ދަރިއެއް ކަންނޭނގެ ގެންނާނީ" ފަލަކްނާޒް ވާހަކަދެއްކިއެވެ.

"އަހަރެން ބުނެފިން ދޯ ތި ދޫ ހިމޭނުން ބާއްވާށޭ. ހަތަރު ދޮރުފަތު ނިވަލުގައި ދޫ ލައްވާފައިވަނީ ދުލަށް ރައްކާތެރިވާންޖެހޭ މިންވަރު ބުއްދިވެރިންނަށް އަންގައިދޭ އަލިގަދަ ހެއްކެއް. އެކަމަކު ތިކަހަލަ ގަމާރު އަންހެނުންނަކަށް ނުވިސްނޭނެ" ނާސިހް ވާހަކަދެއްކިއެވެ.

"އަދި އެއްވާހަކަ ސާފުކޮށްލަދީފާނަން. މަރުވާނެކަމާއި ކޮންމެސް އެއްދުވަހަކުން ބިމު އަޑީގައި ނިދަންޖެހޭނެކަން މަގޭ ސިކުނޑިއަކުން ނުފިލާ. އަހަރެން ބޭރުތެރޭގަ ތެޅެނީ ނާޒު ތެޅޭ ވައްތަރަކަށް ނޫން. އުމުރުން ދުވަސްވާ ވަރަކަށް ހަށިގަނޑު ޒުވާންކުރަން އަހަރެން މަސައްކަތެއް ނުކުރަން" ނާސިހް ފަހު ބަސް އިއްވާލާފައި ދިޔައެވެ.

އާދައިގެ މަތިން އާވާ އޮފީހަށް އައީ ރިޒާއާ އެކުގައި ރިޒާގެ ސައިކަލް ފަހަތުގައެވެ. އޮފީސް ދޮރު މައްޗަށް ސައިކަލް މަޑުކޮށްލުމުން އާވާ ފައިބައިގެން އޮފީހަށް ވަދެގެން ދިޔަތަން އޮފީހަށް ވަންނަން އައި މާހިލްއަށް ފެނުނެވެ. އޭނާ ލޮލުގައިވާ އަވި އައިނު ނަގާފައި ރިޒާއަށް ބަލައިލިއެވެ. ރިޒާގެ މޫނަކީ އޭނާއަށް އާ މޫނެއް ނޫނެވެ. މިސްކިތުން އޭނާއަށް ރިޒާ ފެނި ރަހްމަތްތެރިކަމެއް އުފެދިފައިވެއެވެ. މާހިލް ފެނުމާއެކު ރިޒާ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"ބޭބޭ ހެން ހީވެގެން މި ބަލައިލީ" ރިޒާ އާ ސަލާމް ކޮށްލަމުން މާހިލް ބުނެލިއެވެ.

"މީތަ މާހިލް ހިންގާ އޮފީހަކީ" ސައިކަލް މަތީގައި އިން ރިޒާ އަހައިލިއެވެ.

"ލައްބަ. 'ހިދާޔަތުގެ މަގު' ނޫސް ނެރެނީ މިތަނުން. ވަރަށް އަވަހަށް ޓީވީ ޗެނަލް ލޯންޗު ކުރާނަން. އިންޝާﷲ" މާހިލް ވާހަކަދެއްކިއެވެ.

"އަލްހަމްދުލިﷲ. މިހާރު އިނގިއްޖެ އަހަރެންގެ ދަރިފުޅުގެ ވިސްނުން ވަރަށް ރަނގަޅުކަން. މާހިލްއަށް އިނގޭތަ! ދެންމެ ވަދެގެން އެދިޔައީ ބޭބެގެ ދަރިފުޅު. އެވީ ކައިރީގައި ބުނިން އަހަރެންނާއެކު ދީނީ ނަޞެޙަތް ދިނުމާއި މިސްކިތްތަކަށް ދިޔުން ކަހަލަ މަސައްކަތްކުރަން އަންނާށޭ. އެކަމަކު އެވީ ޚިޔާރުކުރީ މިތަން" ރިޒާ ވާހަކަދެއްކިއެވެ.

"އާވާ އެއީ ބޭބެގެ ދަރިއެއްތަ؟" މާހިލް އަހައިލިއެވެ.

"ލައްބަ. އެއީ ބޭބެގެ ދޮށީ ދަރިފުޅު. ވަރަށް މަޑުމައިތިިރިވާނެ. ބޭބެއަށް ޔަގީން ވަރަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރާނެކަން" ރިޒާ ވާހަކަދެއްކިއެވެ.

ވަދެގެން ދިޔަ މާހިލްއަށް އާވާ އާ މެދު ވިސްނެމުން ދިޔައެވެ. ފަހުގެ ތާރީހެއްގައި އެފަދަ އަހްލާގެއްގެ ވެރި އަންހެންކުއްޖެއް އޭނާއަށް ފެނިފައެއް ނުވެއެވެ. ރީތިކަން ވަނީ މީހާގެ ބޭރުފުށުގައި ނޫނެވެ. އާވާގެ ފަހަތުގައި މަސައްކަތްކުރަން ތިބި ބެލެނިވެރިންނަކީވެސް ރާއްޖެއިން ހޮވާލެވޭ ވަރުގެ އަހްލާގެއްގެވެރި ބައެއްކަން މާހިލްއަށް އިނގުނެވެ. އޭނާ ކެބިންއަށް ވަންއިރު އާވާ އާ މެދު ބުނަން ނޭނގޭ ޝައުގުވެރިކަމެއް އުފެދިއްޖެއެވެ.

"އެވީ..." އޭނާ ހިތާހިތުން ކިޔައިލިއެވެ. އެހާ އަވަހަށް ތުންފަތަށް ފަނޑު ހިނިތުންވުމެއްވެސް ވެރިވެއްޖެއެވެ.

(ނުނިމޭ)