އިނގިރޭސި ޕްރިމިއާ ލީގު

ރަޝްފާޑުގެ ދެ ލަނޑުން މޮރީނިއޯގެ ޓޮޓެންހަމް އަތުން ޔުނައިޓެޑް މޮޅުވެއްޖެ

މާކަޝް ރަޝްފާޑުގެ ދެ ލަނޑުން ހޯސޭ މޮރީނިއޯގެ ޓޮޓެންހަމް ހޮޓްސްޕާ އަތުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗު މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުންދިޔަ ޓޮޓެންހަމް އަތުން ރޭ ޔުނައިޓެޑް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. އެ މެޗު ކުޅުނީ ޔުނައިޓެޑްގެ އޯލްޑް ޓްރަފަޑް ސްޓޭޑިއަމްގައެވެ. މިއީ ޓޮޓެންހަމްގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވި ފަހުން އެޓީމު ބަލިވި ފުރަތަމަ މެޗެވެ.

އެ މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ބާރު ހަމަލާއަކުން ޔުނައިޓެޑަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ އިނގިރޭސި ފޯވަޑް ރަޝްފާޑެވެ. އޭނާ ފޮނުވާލި ހަމަލާ، ޓޮޓެންހަމްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

އެ ލަނޑަށްފަހު ވެސް ޔުނައިޓެޑްގެ ފޯވަޑް ރަޝްފާޑަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. އޭނާ ފޮނުވާލި ހިލޭ ޖެހުމެއް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔަ އިރު، ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ޓޮޓެންހަމްގެ ކީޕަރު ޕައުލޯ ގަޒަނިގާއެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ޓޮޓެންހަމް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 39 ވަނަ މިނެޓުގައި ޓޮޓެންހަމްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޑެލޭ އަލީއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ރީތިކޮށް ބޯޅަ ކޮންޓްރޯލްކޮށްލުމަށްފަހު ފޮނުވާލި ހަމަލާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި ރަޝްފާޑު ވަނީ ޕެނަލްޓީއަކުން ޔުނައިޓެޑަށް އަލުން ލީޑު ހޯދައިދީފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި ޔުނައިޓެޑަށް އެ ޕެނަލްޓީ ލިބުނީ ޓޮޓެންހަމްގެ ޕެނަލްޓީ އޭރިއާ ތެރެއިން ރަޝްފާޑަށް މޫސާ ސިސޯކޯ ކުރި ފައުލަކާ ގުޅިގެންނެވެ.

ޔުނައިޓެޑުގެ އެ ލަނޑަށްފަހު ޓޮޓެންހަމްއަށް ދެވަނަ ހާފުގެ ފަހު ހަތް މިނެޓުގެ ތެރޭގައި ލަނޑެއް ޖަހައި އަލުން ނަތީޖާ ހަމަހަމަކޮށްލުމަށް ތިން ފުރުސަތެއް ލިބިގެންދިޔައެވެ. ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން ފޮނުވާލި ހަމަލާ އާއި ޓެންގުއީ އެންޑޮބެލޭ ފޮނުވާލި ހަމަލާ އަދި ޑެލޭ އަލީ ފޮނުވާލި ހަމަލާ ވެސް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފައެވެ.

ޕްރިމިއާ ލީގުގެ ތާވަލުގައި ޔުނައިޓެޑް އޮތީ ކުޅުނު 15 މެޗުން ލިބުނު 21 ޕޮއިންޓާއެކު ހަވަނައިގައެވެ. އަދި ޓޮޓެންހަމް އޮތީ ކުޅުނު 15 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ އަށްވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި އަދިވެސް އޮތީ ކުޅުނު 15 މެޗުން 43 ޕޮއިންޓް ހޯދި ލިވަޕޫލެވެ. ދެވަނައިގައި އޮތް ލެސްޓާ ސިޓީއަށް 15 މެޗުން 35 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 15 މެޗުން ލިބިފައިވަނީ 32 ޕޮއިންޓެވެ. އަދި ހަތަރުވަނައިގައި އޮތް ޗެލްސީއަށް 15 މެޗުން ލިބިފައިވަނީ 29 ޕޮއިންޓެވެ.