ރިޕޯޓް

ގާސިމުގެ މަރު: ކާރަށްއެރީ 500ރ. ހަމަކުރަން، ދުއްވި ކާރުއޮތީ ރަތްބޯޑުގައި އިންޖީނު ނިއްވާނުލައި

މުހައްމަދު ސިމާއު

27

މީހެއްގެ ފުރާނަ ދުއްވާނުލައި އަހަރު ނިމޭނެކަމުގެ އުންމީދުގައި ތިބި ދިވެހިންނަށް ރެޔަކީ އަނެއްކާވެސް ބިރުވެރި ރެޔެކެވެ. ހިތާމައިގެ ރެޔެކެވެ. ހުޅުމާލޭގައި ކަރަށް ވަޅި ޖަހައި ރަހުމް ކުޑަކޮށް މަރާލާފައި އޮތް މީހެއްގެ ހަބަރުން މުޅި ގައުމު ވެސް ދިޔައީ ސިއްސައިގެންނެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ވެއްޓިގެން ދިޔައީ މާބޮޑު ބިރުވެރިކަމެއްގެ ތެރެޔަށެވެ.

އދ. މާމިގިއްޔަށް އުފަން، ހަސަން ގާސިމު، 59 ގެ ކަރަށް ވަޅި ޖެހުމުގެ އިތުރުން، އަތުގެ އެކި ތަންތަނުންވެސް ފެންނާން ހުރީ ވަޅި ޖަހައި ކޮށްފައި ހުރި ފުން ޒަހަމްތަކެވެ. މަރާލާފައި އޮއްވައި، ގާސިމްގެ ފޮޓޯތައް ފެނުނު ސިއްހީ ދާއިރާގެ ބައެއް މީހުން ބުނީ، ބޮޑަށް ބެލެވޭ ގޮތުގައި އެންމެ ފުރަތަމަ ވަޅި ޖަހާފައި ހުރީ ގާސިމްގެ ކަރުގެ މައި ނާރަށް ކަމަށެވެ. ލޭތައް މަގުމައްޗަށް އޮހިގެން ގޮސްފައި ހުރިގޮތަށް ބަލާއިރު، އެއީ ކަރުގެ މައި ނާރަށް ވަޅި ޖެހުމުގެ ސަބަބުން ގަދަ ޕްރެޝަރުގައި އައިސްފައި ހުރި ލޭ ކަމަށް ބެލެވޭ ކަމަށް އެމީހުން ބުނެއެވެ. މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި ގާސިމްގެ ހަށިގަނޑު އޮތް ހިސާބާއި ކާރާ ދެމެދު މަގުމަތީގައި ވެސް ބުރައިގެން ގޮސްފައި ހުރި ލޭގެ ތިކިތައް ހުއްޓެވެ. ކާރު ތެރޭގައި ވެސް ލޭ ހުރި ކަމަށް ރިޕޯޓުކޮށްފައިވެ އެވެ. އެހެންކަމުން ވަޅި ޖެހީ ކާރު ތެރޭގައި ކަމަށް ބުރަ ވެވެއެވެ.

ހާލަތާއި ފެންނާން ހުރި ކަންކަމަށް ބަލާ އިރު، ބައެއް މީހުން ބުނަނީ ގާސިމްގެ ކަރަށް ވަޅި ޖަހާފައި އެވަނީ ކާރުގެ ފަހަތު ސީޓަށް ނުވަތަ ކުރީ ސީޓަށް އެރި ބަޔަކު ނުވަތަ މީހަކު ފަހަތުގައި އިނދެގެން ކަމަށް ބެލެވޭ ކަމަށެވެ.

ގާސިމްގެ މަރާ ގުޅިގެން ތަފާތު އެތައް ވާހަކައެއް ދަނީ ފެންމަތިވަމުންނެވެ. ތަހުގީގުގެ ކުރީކޮޅު ކަމުން މި މަރުގެ އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި ހާމައެއް ނުކުރެ އެވެ. މި ކަމާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ވެސް ނޭނގެ އެވެ.

ހަށިގަނޑު ފެނުނުތާ ކައިރީ ގާސިމް ދުއްވި ކާރު، ރަތްބޯޑުގައި، އިންޖީނު ނިވާނުލައި

ޓެކްސީ ކޮށްގެން އާމްދަނީ ހޯދަމުން އައި ގާސިމަކީ މާލޭގައި ހިންގަމުން އަންނަ ލޯޔަލް ޓެކްސީ ސެންޓަރު (5656)ގެ ޑްރައިވަރެކެވެ. އޭނާ ޓެކްސީ ކުރަމުން އަންނަތާ މިހާރު 20 އަހަރު ވެދާނެ ކަމަށް ސެންޓަރުގެ ވެރިޔާއާއި އޭނާގެ އެކުވެރި ޑްރައިވަރުން ބުނެއެވެ.

ނަމަވެސް ގާސިމަށް ހަމަލާ ދިނީ ކިހިނެއް ވެގެން ކަމެއް ކިހިނެއް ކަމެއް އެއްވެސް މީހަކަށް އަދި ނޭނގެއެވެ.

ގާސިމް ދުއްވާ 8765 ނަންބަރުގެ ކާރު ފެނުނީ ހުޅުމާލޭ ރީތިގަސް މަގުން ގާސިމުގެ ހަށިގަނޑު ފެނުނު ހިސާބާ ދުރުނޫން ހިސާބަކުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެއިރު ކާރު އޮތީ މަގުގެ އެއް ފަރާތެއްގައި ޖަހާފައި ހުރި ހޮޅިދަނޑިއެއްގެ ކައިރީ ބަހައްޓާފައި ހުރި ޕެލެޓްތަކެއްގައި ޖެހި ހުއްޓިފައެވެ. ކާރުގެ އިންޖީނު ވެސް އޮތީ ނިއްވައި ނުލައެވެ. ޓެކްސީ ބޯޑު ހުރީ ރަތް ކުލައިގަ އެވެ. އެއީ ދަތުރެއްގައި އުޅޭކަން ދެއްކުމަށް ދިއްލާފައި ހުންނަ ކުލަ އެވެ. އެހެންކަމުން ބޮޑަށް ލަފާކުރެވެނީ ގާސިމް އެގަޑީގައި އުޅުނީ ދަތުރެއްގައި ކަމަށެވެ. އޭނާއަށް ހަމަލާ ދޭން ކާރަށް އެރި ބަޔަކު ގާސިމް ލައްވައި އެ ބޯޑު ރަތަށް ބަދަލު ކުރުވީ ކަމަށް ވެސް ވުން އެކަށީގެންވެ އެވެ. ނުވަތަ ދަތުރެއްގެ ތެރޭގައި ހިނގި ހިތްހަމަނުޖެހުމެއްގެ ތެރޭގައި، ގާސިމަށް ވަޅީން ހަމަލާދީ މަރާލީ ކަމަށްވެސް ވުން އެކަށީގެންވެ އެވެ.

ލޯޔަލް ޓެކްސީ ސެންޓަރުގެ ވެރިޔާ ވިދާޅުވި ގޮތުގައި ސެންޓަރުން ރޭ ދަތުރުތައް ގާސިމް އާންމުކޮށެއް ނުނަގައެވެ. އެގޮތުން މި ހާދިސާ ހިނގިއިރުވެސް ސެންޓަރުން ދޭ ދަތުރެއް ނުނަގާތާ ދުވަސްތަކެއް ވެއްޖެ އެވެ. ގާސިމާއެކު ޓެކްސީ ކުރަން އުޅޭ އަބްދުﷲ ރަޝީދު ބުނި ގޮތުގައި، މާލޭގައި ދަތުރުކުރަން އުނދަގޫ ކަމަށްބުނެ ގާސިމް އާންމުކޮށް މާލެ ތެރޭގެ ދަތުރުތައް ވަރަށް ނުނަގައެވެ. ގިނައިން ނަގަނީ އެއާޕޯޓް ދަތުރުތަކާއި މަގުމަތިން ލިބޭ ދަތުރުތަކެވެ.

އިޝާ ނަމާދަށްފަހު ކޮފީއަކަށް އެރި، ކާރަށް އެރީ 500 ރުފިޔާ ހަމަކޮށްލަން

ގާސިމާ ގާތް އަދި އެއްކޮށް އުޅޭ ނޫހު މުހައްމަދު ބުނި ގޮތުގައި ރޭ އިޝާ ނަމާދަށްފަހު ނެޝަނަލް ސެންޓަރ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ ކައިރީގައި ހުންނަ ކޭމާޓު ކެފޭއަށް އޭނާއާއެކު ގާސިމް ކޮފީއަކަށް އެރިއެވެ. އޭރު އެދެމީހުންނާއެކު ގާސިމުގެ ވަރަށް ދުވަސްވީ އަދި އޭނާއާއެކު ޓެކްސީ ކުރަން އުޅޭ ރަހުމަތްތެރިއެއް ކަމަށްވާ އަބްދުﷲ ރަޝީދު ވެސް ބައިވެރި ވިއެވެ. 8:10 އެހާކަންހާއިރު ކާރަށް އަރަންދަނީ ކަމަށް ބުނެ ގާސިމް ކެފޭ އިން ނުކުތެވެ. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވެއެވެ. އެއީ މި ދެ އެކުވެރީންނަށް ވެސް ގާސިމް ދިރިހުއްޓައި ފެނުނު އެންމެ ފަހު ވަގުތެވެ.

ގާސިމުގެ ދުވަސްވީ ރަހުމަތްތެރިޔާ އަބްދުﷲ ރަޝީދު ބުނި ގޮތުގައި، އޭނާ އިއްޔެ މެންދުރު ކެއީ ވެސް ގާސިމާއެކުއެވެ. އިޝާ ނަމާދަށްފަހު ކޭމާޓުން ކޮފީ ބޮއެގެން ދެމީހުން ކެފޭއިން ނުކުމެގެން ގޮސް ގާސިމު އެރީ ކާރަށެވެ. އަދި އޭނާ ދިޔައީ ގެއަށެވެ.

އަބްދުﷲ ރަޝީދު ބުނި ގޮތުގައި، ގާސިމު ގެ ކާރު އާންމު ގޮތެއްގައި ބާއްވަނީ ކަލާފާނު ސުކޫލު ކައިރީގައެވެ. އަދި ރޭ ކާރަށް އަރަން ދަމުން މިރޭ 500 ރުފިޔާ ހަަމަށްކޮލަން ބޭނުންވާ ވާހަކަ ބުނި ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ. ނަމަވެސް އެފަހުން ގާސިމުގެ ހަބަރެއް އަބްދުﷲ ރަޝީދަކަށް ވެސް ނުވެއެވެ.

ލޯޔަލް ޓެކްސީ ސެންޓަރުގެ ވެރިޔާ ބުނި ގޮތުގައި، ގާސިމު މަރުވެފައި އޮއްވައި ފެނުމުގެ 40 ވަރަކަށް މިނެޓް ކުރިން އެހެން ޑްރައިވަރަކާ ގާސިމާ ކަލާފާނު ސުކޫލު ކައިރިން ދިމާވިއެވެ.

ގާސިމުގެ ހަށިގަނޑު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އެ ހޮސްޕިޓަލުން ބުނީ ރޭ 9:22 ހާއިރުއެވެ. އެހެންކަމުން އޭގެ 40 މިނެޓް ކުރި ނަމަ އެއީ ރޭ 8:45 ހާއިރެވެ. ނަމަވެސް އޭރު އޭނާ އުޅުނީ ދަތުރެއްގައި ކަމެއް ނޭނގެއެވެ. އަދި އޭނާގެ މިސްރާބު ހުރީ ކޮން ދިމާއަކަށް ކަމެއް ވެސް ނޭނގެއެވެ.

އެންމެންނާ ގުޅޭ މަޑުމައިތިރި މީހެއް، އިންޒާރެއް ލިބުނު ކަމެއް ނޭނގެ

ގާސިމު ދަންނަ ގިނަ މީހުން ބުނާ ގޮތުގައި، އޭނާއަކީ ފަރުޟު ފަސް ނަމާދު ގަވާއިދުން ކުރާ ދީނީ ކަންކަމަށް ފަރުވާ ބަހައްޓާ މީހެކެވެ. އޭނާއަކީ އެންމެންނާ ގުޅޭ މަޑުމައިތިރި މީހެއް ކަމަށާއި މީހަކާ ޒާތީ މައްސަލައެއް ވެސް އޮވެދާނެ ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށެވެ.

ގާސިމާ އެންމެ ގާތް އަބްދުﷲ ރަޝީދު ބުނި ގޮތުގައި، ގާސިމަށް ޓެކްސީ ކުރަން އުޅޭއިރު ދިމާވާ ކަންތައްތަކާއި އެހެނިހެން ކަންތައްތައް ވެސް ގާސިމް އޭނާއާ ހިއްސާކުރެއެވެ. ނަމަވެސް އެއްވެސް މީހަކު އިންޒާރެއް ދީފައިވާ ކަމެއް ނުވަތަ ބިރު ދެއްކުން ފަދަ ކަމެއް އެއްވެސް އިރަކު ހިއްސާކޮށްފައި ނުވާ ކަމަށް އަބްދުﷲ ރަޝީދު ބުންޏެވެ. އެފަދަ ކަމެއް ވިޔަސް އޭނާ ބުނާނެ ކަމަށް އަބްދުﷲ ރަޝީދު ގަބޫލު ކުރެ އެވެ.

ގާސިމްގެ ހަށިގަނޑާއި ކާރު ފެނުނު ހިސާބުން އުފެދޭ ސުވާލުތަކެއް

ގާސިމް ގެ ހަށިގަނޑާއި އޭނާ ދުއްވަން އިން ކާރު ފެނުނު ހިސާބަށް ބަލާ އިރު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ގާސިމްގެ ފުރާނަ ނެތް ހަށިގަނޑު ފެނުނީ، ސެންޓްރަލް ޕާކުގެ އުތުރުން އޮންނަ ހުޅުމާލޭގައި މީހުން ދިރިއުޅޭ ހިސާބާ ދުރު، ހަދަމުން އަންނަ ބޮޑެތި އިމާރާތްތައް ހިމެނޭ ސަރަހައްދުގައި އޮންނަ އަނދިރި މަގަކުންނެވެ. އެއީ އާންމު ގޮތެއްގައި ޓެކްސީ ދަތުރުކުރާ ހިސާބެއް ނޫނެވެ. ޓެކްސީ ޑްރައިވަރުންގެ ފުށުން އެނގުނު ގޮތުގައި މީހަކު ގުޅިޔަސް އެ ސަރަހައްދަށް ދަތުރެއް ނަގަން ނުދާ ޑްރައިވަރުން ވަރަށް ގިނަ އެވެ. ކޮންމެހެން ވަންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެ ސަރަހައްދުގެ އެތެރެޔަށް ރޭގަނޑުގެ ވަގުތުތަކުގައި ވަނުމަކީ ގިނަ ޓެކްސީ ޑްރައިވަރުން ކުރާ ކަމެއް ނޫނެވެ. އެއީ އެ ސަރަހައްދުގައި "ޕާޓޭ" އިން ގިނަ އަދަދަކަށް ހަރަކާތްތެރިވާތީ ކަމަށް ބައެއް ޑްރައިވަރުން "ވަން" އަށް ބުންޏެވެ. އެހެން ކަމުން ގާސިމް އެ ސަރަހައްދަށް ދިޔައީ ކީއްވެތޯ ސުވާލު އުފެދެ އެވެ. ނުވަތަ ކާރަށް އެރި ބަޔަކު އޭނާ ބްލެކްމެއިލްކޮށްގެން އެ ސަރަހައްދަށް ގެންދިޔައީތޯ ވެސް ސުވާލު އުފެދެ އެވެ. ކޮންމެއަކަސް ކާރު އަދި ގާސިމްގެ ހަށިގަނޑު އޮތް ސަރަހައްދަށް ބަލާ އިރު އެނގޭ ކަމަކީ ވަރަށް މަދު ހާލަތެއްގައި ނޫނީ އެ ސަރަހައްދުން ޓެކްސީ ދަތުރު ނުކުރާ ކަމެވެ. އެއީ މީހުން އާންމުކޮށް ނުފެންނަ، ފަޅު ހިސާބެއް ކަމެވެ.

ގާސިމުގެ މަރަކީ މުޅި ގައުމަށް ލިބުނު ޝޮކެކެވެ. ރައްޔިތުންނަށް ލިބުނު ބިރުވެރިކަމެކެވެ. އެ މަރާ ގުޅިގެން ފުލުހުން ވެސް އަވަސް ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން އެއާޕޯޓަށް ހުޅުމާލެއިން ދަތުރުކުރާ އުޅަނދުތަކުގެ އިތުރުން މީހުންނާއި ވެހިކަލްތައް އިތުރަށް ޗެކުކުރަން ފަށައިފިއެވެ. ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގުވެރިން ފޮރެންސިކް މަސައްކަތްތައް ވަގުތުން ފަށައިފިއެވެ.

ގާސިމްގެ ގޮތް ނޭނގޭ މަރާ އެކު، ހުޅުމާލެއަށް ވެސް ވަނީ ބިރުވެރިކަން ވެރިވެފަ އެވެ. މިފަދަ ނުރައްކާތެރި މަރުތަކުގެ ފަހަތުގައި ތިބޭ މުޖުރިމުން އަވަހަށް ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެނެވޭން ޖެހެ އެވެ. އެހެން ނޫން ނަމަ ރައްޔިތުންނަށް ބިރުވެރިކަމެއް ނެތި މަގުމަތީގައި އުޅުމުގެ ހައްގެއް ނެތެވެ. ގާސިމްގެ މަރުން ދައްކައިދެނީ އަނިޔާވެރިކަމުގެ އިންތިހާއެވެ.