ޚަބަރު

ވަޅި ޖަހައި ޓެކްސީ ޑްރައިވަރު މަރާލި މައްސަލައާ ގުޅިގެން ވެހިކަލްތައް ފާސްކުރަނީ

މަރިޔަމް ޝަހުދާ

ހުޅުމާލޭގައި ކަރަށް ވަޅި ޖަހައި މިރޭ ޓެކްސީ ޑްރައިވަރެއް މަރާލި މައްސަލައާ ގުޅިގެން ވެހިކަލްތައް ބަލައި ފާސްކުރަން ފަށައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއާޕޯޓަށް ހުޅުމާލެއިން ދަތުރުކުރާ އުނޅަނދުތަކުގެ އިތުރުން އެކި މީހުންނާއި އެކި ވެހިކަލްތައް ޗެކު ކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ސީރިއަސް ކްރައިމް ޑިމާޓްމަންޓުގެ އިންވެސްޓިގޭޓަރުން މިހާރު ފޮރެންސިކް މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއޮ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދޭ ކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.

ރޭ ހުޅުމާލޭގައި ކަރަށް ވަޅި ޖަހައި މަރާލާފައިވަނީ 59 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާއަކީ ޓެކްސީ ޑްރައިވަރެއް ކަމަށް ހަމީދުގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ. މިމީހާ މަރުވެފައިވަނީ ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ކަމެއް ނުވަތަ ހޮސްޕިޓަލަށް ގެންދިއުމަށްފަހު ކަމެއް އަދި ސާފެއް ނުވެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމީހާއަށް ހަމަލާދީ މަރާލާފައިވަނީ ގުރޫޕް ހަދާފައި އައި ބައެކެވެ.