ޚަބަރު

އިންޑިއާ އާއި ރާއްޖޭގެ ގުޅުން އަލުން ވަރުގަދަ ކުރުމުގެ އަސާސަކީ ދެސަރުކާރުގެ ސިޔާސީ ވަރުގަދަ އަމާޒު: ރައީސް

މަރިޔަމް ޝަހުދާ

އިންޑިއާ އާއި ރާއްޖޭގެ ގުޅުން އަލުން ވަރުގަދަ ކުރުމުގެ އަސާސަކީ ދެ ސަރުކާރުގެ ސިޔާސީ ވަރުގަދަ އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު ހަތަރު އެއްބަސްވުމެއްގައި ސޮއިކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވެވި މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ވިދާޅުވީ ދެގައުމުގެ ދެމެދުއޮތް އިގްތިސާދީ އަދި ސަގާފީ ގުޅުން އިތުރަށް ވަރުގަދަކޮށް އާލާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ ދެ ގައުމުގެ ސަރުކާރުން ވެސް އެކަމަށްދޭ އަހަށްމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ ސަރަހައްދުގެ މެރިޓައިމް ސެކިއުރިޓީ ވަރުގަދަ ކުރުމަށް އިންޑިއާއާއެކު ގުޅިގެން މަސައްކަތް ކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތް ކަމަށް ވިދާޅުވިއެވެ.

އިންޑިއާއާއެކު އޮތް ގުޅުން ކުރިއަށްވުރެ ބަދަހިވެފައިވާތީ އުފާކުރައްވާކަން ފާހަގަކުރައްވާ އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިންޑީއާ އާއެކު ރާއްޖެއިން އޮންނަ ގުޅުމަކީ ރާއްޖެއިން އަބަދުވެސް އެކަމަކަށް އެންމެ އިސްކަން ދޭނެ ކަމެއް ކަމަށެވެ. އަދި ދެގައުމު އަބަދުވެސް އެކުގައި ކުރިއެރުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިންޑިއާއާއެކު މިއަދު ބަދަލުކުރެވުނު ހަތަރު އެއްބަސްވުމުގެ އިތުރުން ވެސް އިންޑިއާ ކަނޑުގެ އެހެން ގައުމުތަކާ ރާއްޖެއާ އޮންނަ ގުޅުން ވަރުގަދަވެފައިވާ ކަމަށެވެ. އަދި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަނާ އެންމެ ފަހުން ގުޅުނު މެންބަރު ގައުމުގެ ހައިސިއްޔަތުން، މި ސަރަހައްދުގެ އެކި ކަންކަމުގައި މިހާރަށްވުރެ ގިނައިން ޝާމިލުވެ، ކަންކަމާމެދު ރާއްޖެއިން އަޑު އުފުލާނެ ކަމަށް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ދެގައުމުގެ ދެމެދު ވެފައިވާ ހަތަރު އެއްބަސް ވުމަކީ އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕުލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތައާރަފު ކުރުމާގުޅޭ އެއްބަސްވުމެއްގެ އިތުރުން މާލޭގެ މަގުބައްތިތައް ލެޑު ލައިޓަށް ބަދަލުކުރުމުގެ މަޝްރޫއެއް އަދި އިންޑިއާއިން ރާއްޖޭގެ ކޯސްޓުގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުމެކެވެ.