ވިޔަފާރި

އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

މުހައްމަދު ޝަހީމް

އޮންލައިންކޮށް ކުރާ ވިޔަފާރިތައް ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

އެ ގާނޫނުގެ ދަށުން ހުއްދަ ހޯދައިގެން ހިންގާ ވިޔަފާރިތައް މި ގާނޫނަށް އަމަަލު ކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށަހަޅަންވާނެ ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އެގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މިފަދަ ވިޔަފާރިތައް ރަޖިސްޓަރީ ކުރަން ޖެހޭނެ އެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު ކުރިން އޮންނަ ގޮތުން، ވިޔަފާރިކުރާ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީ ކުރުމެއް ނެތި، އާމްދަނީ ހޯދުމަށް ނުވަތަ ވިޔަފާރީގެ އުސޫލުން ކުރާ ކަންކަމުގެ ތެރެއިން ރަޖިސްޓްރީ ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އޮންލައިންކޮށް ވިޔަފާރިކުރުމެއް ނުހިމެނެ އެވެ. ކުރިން ގާނޫނުގައި އޮންނަނީ ތަނެއް ހުޅުވައިގެން ހިދުމަތް ދޭ ނަމަ ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅައިި، ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކުރި ބިލުގައިވާ ގޮތުން އިލެކްޓްރޯނިކް ޒަރީއާއިން ކުރާ ވިޔަފާރި ވެސް ރަޖިސްޓްރީ ކުރަން ޖެހޭނެއެވެ. އިލެކްޓްރޯނިކް ޒަރީއާއިން ވިޔަފާރިކުރުން ކަމަށް ބަލަނީ އިލެކްޓްރޯނިކް ނުވަތަ މެގްނެޓިކް ނުވަތަ އޮޕްޓިކަލް ނުވަތަ އެ ނޫން ވެސް ވަސީލަތެއް މެދުވެރިކޮށް، ޑޭޓާ މެސެޖް ބޭނުން ކޮށްގެން ކުރެވޭ މުއާމަލާތް ހިމެނޭ ގޮތުންނެވެ.

ވިިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ މި ދިޔަ މަސްތެރޭގައެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ، އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ، އަދި ކެންޓީނާ ބެހޭ ގާނޫނު، އުވާލައި ވިޔަފާރި ރަޖިސްޓްރީ ކުރުމަށް ފަސޭހަ ގޮތްތަކެއް ހިމަނައިގެންނެވެ.

މި ބިލުގައި ބުނެފައިވަނީ މި ގާނޫނަށް އަމަލު ކުރަން ފެށުމާއެކު އިމްޕޯޓް މުދާ ވިއްކާ ތަންތަން، ސައިހޮޓާ، އަދި ކެންޓީނާ ބެހޭ ގާނޫނު، އުވުނީ ކަމަށެވެ. މި އިސްލާހުގައި ބިދޭސީ ވިޔަފާރި ރަޖިސްޓްރީ ކުރަން ލުއި ގޮތްތަކެއް ގެންނަން ހިމަނާފައި ވެއެވެ.

ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން، ބިދޭސީ އެއްވެސް ފަރާތަކަށް ރާއްޖޭގައި ވިޔަފާރިއެއް ހިންގޭނީ ކުންފުންޏާބެހޭ ގާނޫނުގެ ދަށުން ކުންފުންޏެއްގެ ގޮތުގައި، ނުވަތަ ޕާޓްނާޝިޕްގެ ގާނޫނުގެ ދަށުން ޕާޓްނާޝިޕްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށްފަހުގައެވެ. އަދި އެ ގާނޫނުގެ ހަވަނަ މާއްދާގައި ވަނީ ބިދޭސީންނަށް ކުރެވޭ ވިޔަފާރީގެ ޝަރުތުތަކާއި، އުސޫލު ކަނޑައަޅައިފައެވެ.