ރައްޔިތުންގެ މަޖިލީހުން އަމިއްލައަށް އިސްނަގައިގެން ކައުސިލަރުން ވަކި ކުރާގޮތަށް މަޖިލީހަށް އިސްލާހު ހުށަހަޅާފައި ނެތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ވިދާޅުވެއްޖެއެވެ.
ހިސާން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުސިލަރުންނާއި މޭޔަރުންގެ މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އިއްޔެ ބަދަލު ގެނައުމާ ގުޅިގެންނެވެ.
ހިސާން ވިދާޅުވީ ހުށަހަޅާފައިވާ ގޮތަކީ، ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކުރުމަށް ފަހު، ލޯކަލް ގަވަމެންޓް އޮތޯރިޓީން މަޖިލީހަށް ހުށަހެޅުން ކަމަށެވެ.
އެކަމާ ގުޅިގެން ހިސާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލަރުންނާ ސުވާލުކޮށް މަގާމުން ވަކިކުރެވޭނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ލޯކަލް ގަވަރުމެންޓު އޮތޯރިޓީން ނަގާ ވޯޓަކުން ތިންބައިކުޅަ ދެބައި ވޯޓު އެކަމަށް ތާއީދުކޮށް ލިބުމުން އެ ކައުންސިލަރަކު ވަކިކުރުމަށް ލޯކަލް ގަވަރުމެންޓު އޮތޯރިޓީން އެދިގެން މަޖިލީހަށް ފޮނުވުމުން ކަމަށެވެ.
ކައުންސިލަރުން އިންތިހާބުކޮށްފައި ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް، ރައްޔިތުންގެ ސީދާ ވޯޓަކުން އެމީހުންގެ ފައިސާ ހަރަދުކުރުމުގެ ބާރު ވެސް ދީގެންކަން ހިސާންގެ ޓުވީޓުގައި ފާހަގަކުރައްވާފައި ވެއެވެ.