ގާސިމް އިބްރާހިމް

ހުސްނުވާ އާސަންދައިން ބޭސްކުރާ މީހުންނަށް ހުރުމާއި ކެއުން ލިބޭނެ ގޮތެއް ހަމަޖެއްސުމަށް ގާސިމް ގޮވާލައްވައިފި

ހުސްނުވާ އާސަންދައިގެ ނަމުގައި ދައުލަތުން ރައްޔިތުންނަށް ބޭސްފަރުވާ ކޮށްދޭ އިރު، އޭގެން ހިދުމަތް ހޯދާ މީހުން ބޭސްފަރުވާ ކުރުމުގެ ތެރޭ އުޅޭ އިރު ހުރުމާއި ކެއުން ފަދަ ހަރަދުތައް ނުލިބުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެފަދަ ހާލުގައި އެކަން ކުރާ ފަރާތްތަކަށް އެކަން އިންތިޒާމުކޮށްދެއްވުމަށް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.

ގާސިމް އިބްރާހީމް މިކަމަށް ގޮވާލެއްވީ ޖުމުހޫރީ ޕާޓީން ރޭ މ. ކުނޫޒުގައި ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

ގާސިމް ވިދާޅުވީ ކަން ދިމާވާ ގޮތަށް ބަލާ އިރު ހުސްނުވާ އާސަންދައާއި އެންސްޕާގެ ހިދުމަތަކީ ކިހިނެއް ވާ އެއްޗެއްކަން ވެސް ރައްޔިތުންނަށް އޮޅޭ ހިސާބަށް ކަންތައްތައް އެބަދާ ކަމަށެވެ.

"ދެކޮޅު ޓިކެޓު ބަލިމީހާއަށް އަދި އެހީތެރިޔާއަށް ދީގެން މި ދަނީ. ކާން ލާރިއެއް ނުދޭ. ހުންނާނެ ތަނެއް ނުދޭ. އެބުނާ އާސަންދަ ވަކި ލިމިޓެއް ހަމަވީމަ ހުސްވޭ. ހުސްވީމަ ދެން ވަރިހަމަ އެންޓިބައޯޓިކް ކޯހެއް ނަގައިގެން ހުއްޓަސް އެކަން ނުނިމުނަސް މެދުތެރެއިން އަނބުރާ އަންނަން ޖެހެނީ. އެހާލަތުގަ އޭނަގެ އިމިއުނިޓީ ސިސްޓަމަށް އެލިބެނީ ވަރަށް ބޮޑު ގެއްލުމެއް. ދެން ފަށަން ޖެހެނީ މާ މަތީ ޑޯޒަކުން" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކަންކަމުގެ ވާހަކަދައްކަން ވާނީ އަޅުގަނޑުމެންނަށް ކުރެވޭ ވަރުން ކަމަށާއި ނުކުރެވޭ ވަރުން ކަންދައްކައި ރައްޔިތުންނަށް އޮޅުވާލައިގެން ނުވާނެ ކަމަށެވެ.

"އާސަންދައެއް އޮވޭ. އެންސްޕާއެއް އޮވޭ، ކޮންހާ ވާހަކައެއްތޯ މީ؟ ދިވެހިރައްޔިތުންނަކަށް ނޭނގެ އެތަނަށް ދާން މިތަނަށް ދާން، ކޮން ތަނަކުން ކޮން އެއްޗެއް ކަމެއް!" ގާސިމް ވިދާޅުވި އެވެ.

ބޭސްފަރުވާ ކުރަން އައިސް މާލޭގައި ހުންނަ މީހާ ވެސް އެތައް ހާސް ރުފިޔާއެއް ހުރުމަށާއި ކެއުމަށް ހޭދަ ކުރަން ޖެހޭ ކަމަށާއި އެކަން ކޮށްފައި ބޭސްފަރުވާގެ ކަންކަން އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ކުރެވޭނީ ކިހިނެއްތޯ ގާސިމް ސުވާލު އުފެއްދެވި އެވެ. އެހާ އުނދަގުލާއި ވޭނުގައި އެތައް ހަރަދެއް ކޮށްގެން މާލޭގައި އެތައް ދުވަހަކު ބޭސް ކުރުމަށްފަހު ފަރުވާއެއް ނުލިބިގެން ރާއްޖެއިން ބޭރަށް ދެން ފުރައިގެން ދާމީހާ އޭނާގެ ހުރުމާއި ކެއުމާއި އެހެނިހެން ހަރަދު ދައްކާނީ ކޮންތާކުންތޯ ވެސް ގާސިމްގެ ވާހަކައިގައި ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ގާސިމް އިބްރާހީމް މި މޭރުމުން ވާހަކަދެއްކެވި އިރި، ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންނަށް ހުރުމާއި ކެއުން ފަދަ ހަރަދުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މީގެ މަސްތަކެއް ކުރީން އެންސްޕާއިން ބުނެފައިވެ އެވެ.