ޚަބަރު

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ފައި ބިންދައިގެން ހިނގައްޖެ

މުހައްމަދު ޝަހީމް

އިންޑިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ފައި ބިންދައިގެން ހިނގައްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ޓްރިވެންޑުރަމްގެ މެޑިކަލް ކޮލެޖު ސަރަހައްދުގައި ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ ފ. ނިލަންދޫ/ ރާހި، ފާތިމަތު އަހުމަދަށްކަން އެނގިފައިވެއެވެ. އަދި އޭނާ އިންޑިއާއަށް ގޮސްފައިވަނީ ފިރިމީހާއާއެކު ބޭސްފަރުވާއަކަށް މީގެ ދުވަސްތަކެއް ކުރިން ކަން ވެސް އެނގެއެވެ.

ނިލަންދޫ ކައުންސިލުގެ ނައިބު ރައީސް އަލީ މުހައްމަދު "ވަން" އަށް ވިދާޅުވީ، އެކްސިޑެންޓު ހިނގާފައިވަނީ އެ އަންހެން މީހާ ހިނގާފައި ދަނިކޮށް، ބާރު ސްޕީޑުގައި ދުއްވާފައި އައި ކާރެއް އޭނާގެ ގައިގައި ޖެއްސުމުން ކަމަށެވެ. އަދި އެކްސިޑެންޓުގައި އަނިޔާވި އަންހެން މީހާގެ ފައި ބިންދައިގެން ގޮސްފައިވާ ކަމަށާއި، މިހާރު އޮޕަރޭޝަނަށް ވައްދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިލަންދޫ ކައުންސިލުން ބުނީ، އަންހެން މީހާގެ ގައިގައި ޖެއްސި ކާރު އެކްސިޑެންޓަށްފަހު ވަނީ ފިލައިފައެވެ. އަދި އެ ކާރު ދުއްވަން އިން މީހާ ހޯދުމުގެ މަސައްކަތް އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީ އާއި އެގައުމުގެ ފުލުހުން ކުރަމުންދާ ކަމަށް ވެސް ކައުންސިލުން މައުލޫމާތުދެއެވެ.