ރައްޔިތުންގެ މަޖިލީހުން ނަގާ ވޯޓަކުން ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުން މަގާމުން ވަކިކުރެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުގެ ފަރާތުން މަޖިލިހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
އެގޮތުން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ލާމަރުކަޒީ ގާނޫނުގެ ބިލު ހުށަހެޅިއިރު މަޖިލީހަށް ކައުންސިލަރުން ވަކިކުރުމުގެ ބާރު ދީފައެއް ނުވެއެވެ. ނަމަވެސް ކޮމިޓީން ބިލު ދިރާސާ ކުރުމަށްފަހު ބިލަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރެއިން، އެންމެ ބޮޑު ބަދަލަކަށް ގެނެސްފައިވަނީ ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުން މަޖިލީހުގައި ނަގާ ވޯޓަކުން ވަކިކުރެވޭ ގޮތަށް ނިންމުމެވެ.
އެގޮތުން ކޮމިޓީން ބިލަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، މޭޔަރެއް، ރައީސެއް ނުވަތަ ކައުންސިލަރެއްގެ މަސްއޫލިއްޔަތާއި ވާޖިބު އެކަށީގެންވާ އަދާނުކުރެވޭނަމަ ނުވަތަ އިހުމާލުވާނަމަ ނުވަތަ ކައުންސިލުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރާނަމަ އަދި ސުލޫކީ މިންގަނޑާ ހިލާފުވެ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގެއްލުން ވަމުންދާނަމަ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު އެ ކައުންސިލަށް ފިޔަވަޅު އެޅުމުގެ ބާރު ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ލިބިގެންވާ ކަމަށެވެ.
ނަމަވެސް އެފަދަ އަމަލެއް ކޮށްފި ކަމަށް އެލްޖީއޭއަށް ރިޕޯޓް ކުރުމުން އެ މައްސަލަ ބެލުމަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލައި ބަލަން ޖެހޭނެ ކަމަށާއި އަދި މައްސަލަ ބެލުމަށްފަހު ރަނގަޅު ކުރަންޖެހޭ ކަންކަން ކައުންސިލަށް އަންގަންޖެހޭނެ ކަމަށް ވެސް އިސްލާހުގައި ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވާ ގޮތުން، އިސްލާހު ކުރަން އެންގުމުން ވެސް އެކަންކަން ރަނގަޅުނުވާނަމަ އިންކުއަރީ ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެއެވެ. އަދި މޭޔަރެއް، ރައީސެއް އަދި ކައުންސިލަރެއް ވަކިކުރަން މަޖިލީހަށް ފޮނުވަން ޖެހޭނީ އެލްޖީއޭގެ ބޯޑު މެންބަރުންގެ ތިންބައިކުޅަ ދެބައި ވޯޓު ލިބިގެން ކަމަށް ކޮމިޓީން ބިލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެ ރިޕޯޓް ދިރާސާކޮށް މަޖިލީހުންދޭ ލަފަޔަށް ބިނާކޮށް އެލްޖީއޭއިން އަމަލުކުރަންވާނެ ކަމަށާއި އެގޮތުން އެ މެންބަރަކު ތިން މަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާ ކުރުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވާ ކަމަށް އިސްލާހުގައި ވަނީ ބުނެފައެވެ.
ބިލަށް ގެނައި އިސްލާހުގައި އިތުރަށް ބުނެފައިވަނީ މަޖިލީހަށް މައްސަލައެއް ހުށަހެޅުމުން މޭޔަރަކު ރައީސަކު އަދި ކައުންސިލަރަކު ވަކިކުރަން މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާ މެންބަރުންގެ އަގުލަބިއްޔަތުން ފާސްވެއްޖެނަމަ، އެ ބޭފުޅަކު މަގާމުން ވަކިވީ އެވެ.