ހަސަން ސާއިދު

ސާއިދު: ދެކުނު އޭޝިއާގެ "ބޯލްޓް"!

ބިޔަ ބޮޑެތި ގައުމުތައް ފަހަތަށް ޖައްސައިފިއެވެ. އާބާދީއާއި ވަސީލަތުގެ ގޮތުން މާ ފުރިހަމަ، ގައުމުތައް ހަމަބިމަށް ތިރިކޮށް، ދިވެހި ރާއްޖޭގެ ދިދަ، އެންމެ އުހަށް އުފުލައިދީފިއެވެ. މިގައުމުގެ ހުރިހާ ރައްޔިތުންގެ ޝަރަފު އެ ދިދައިގެ ހިޔަލަށް އުފުލާލަ ދިން އެތުލީޓަކީ ހަސަން ސާއިދެވެ.

ސިފައިންގެ ހިދުމަތުގައި ފަހުރަކަށްވި ސާއިދަކީ މިއަދު ގައުމީ ބަތަލެކެވެ. މި ރާއްޖެ ނުދެކޭ ފަދަ އެތުލީޓެކެވެ. މުޅި އޭޝިއާގެ ވެސް ތާރީހީ ރަން ތަރިއެކެވެ. ފިލްމުތަކާއި، ޑޮކިއުމެންޓަރީތައް ހައްގު، ހަގީގީ "ހީރޯ" އެކެވެ. ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ އުސައިން ބޯލްޓްގެ ކާމިޔާބީތައް ނުލިބުނު ކަމުގައިވިޔަސް، ސާއިދަކީ ކުޑަކުޑަ ޖަޒީރާ ގައުމެއްގެ ނަން، މުޅި ސަރަހައްދުގައި ފަވާލަދިން ފަހުލަވާނެކެވެ. ސާއިދަކީ ދެކުނު އޭޝިއާގެ ބޯލްޓެވެ.

މިދިޔަ ހޯމަ ދުވަހާ ހަމައަށް ދިވެހިން ސިފަކުރީ ސާއިދަކީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާގެ ގޮތުގައެވެ. ނަމަވެސް މިހާރު ސާއިދަކީ ހަމައެކަނި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާއެއް ނޫނެވެ. މިހާރު އޭނާއަކީ މުޅި ދެކުނު އޭޝިއާގެ ވެސް އެންމެ ބާރު ދުވުންތެރިޔާއެވެ.

ގައުމީ ފެންވަރުގައި ސާއިދަށް ނުލިބޭ ކާމިޔާބީއެއް ނެތެވެ. ގައުމީ ފެންވަރުގައި 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގައި ވެސް ސާއިދު ފަހާލެވޭނެ ދުވުންތެރިޔަކު ނެތެވެ. އެ ތިން އިވެންޓުގެ ވެސް ގައުމީ ރެކޯޑު އޮތީ ސާއިދުގެ އަތުގައެވެ.

ސައުތު އޭޝިއަން ގޭމްސް އިން ފަސް މެޑަލް

ބައިނަލްއަގުވާމީ ފެންވަރުގައި ސާއިދު ފުރަތަމަ މެޑަލް ހޯދާފައިވަނީ މީގެ ދިހަ އަހަރު ކުރިން ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ. ބަންގުލަދޭޝްގެ ދާކާގައި 2010 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ވަނީ ހަތަރެއް ގުނަ 100 މީޓަރު ދުވުމުގެ ރިލޭ އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ.

އެއަށްފަހު ރާއްޖެއަށް ސާއިދު ވިދުން ގެނުވީ އިންޑިއާގެ ގުވާހަތީގައި 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައެވެ. އެފަހަރުގެ ގޭމްސްގައި ސާއިދު ހޯދީ އެންމެ މެޑައްޔެއް ނޫނެވެ. ސާއިދު ވަނީ އެ ގޭމްސްގެ 100 މީޓަރު ދުވުން އަދި 200 މީޓަރު ދުވުމުން ވެސް ރިހި މެޑަލް ހޯދައިދީފައެވެ. އެއީ 1991 ވަނަ އަހަރު ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ރިހި މެޑަލް ހޯދި ފަހުން ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ސާއިދު ދެން ކުރިމަތިލީ މިހާރު ނޭޕާލުގައި ކުރިއަށްގެންދާ ސައުތު އޭޝިއަން ގޭމްސްއާއެވެ. ހީޓުގައި ތިންވަނަ ހޯދުމުން ސާއިދަށް ރަން މެޑަލްއާ ހަމައަށް ނުދެވޭނެ ކަމަށް ހީނުކުރެވުނެވެ. ނަމަވެސް ހީޓުތަކުގެ އެއްވަނަ އަދި ދެވަނަ ހޯދި ބޮޑެތި ގައުމުތަކުގެ ދުވުންތެރިން ފަހަތަށް ޖައްސާލުމަށްފަހު، ސާއިދު ވަނީ ރާއްޖެއަށް ފަހުރުވެރި ރަން މެޑަލް ހޯދައިދީފައެވެ. ސާއިދު ރަން މެޑަލް ހޯދުމާއެކު އެތައް ދިވެހިންތަކެއް ވަނީ ސާއިދަށް މަރުހަބާ ކިޔައި، ޝުކުރު އަދާކޮށްފައެވެ.

އެ ކާމިޔާބީއަށްފަހު ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ދެން ކުރިމަތިލީ 200 މީޓަރު ދުވުމާއެވެ. ފައިނަލުގައި ވާދަކޮށް ސާއިދު ވަނީ އެ އިވެންޓުން ލޯ މެޑަލް ހޯދައިފައެވެ. މިފަހަރުގެ ގޭމްސްއަށް ސާއިދު ޓާގެޓު ކުރީ 100 މީޓަރު ދުވުމަށެވެ. އެހެންނަމަވެސް 200 މީޓަރު ދުވުމުން ވެސް އޭނާ މިވަނީ މެޑައްޔެއް ހޯދައިފައެވެ.

އޭޝިއާގެ މުބާރާތްތަކުގައި ވެސް ސާއިދު ކާމިޔާބު

ސާއިދު 2013 ވަނަ އަހަރުން ފެށިގެން އޭޝިއަން ގޭމްސް އާއި އޭޝިއަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ފެނިގެންދެއެވެ. އޭގެ ތެރެއިން އެއް ފަހަރު އޭޝިއަން ޗެމްޕިއަންޝިޕްގެ ފައިނަލުން ވެސް އޭނާ ފެނިގެންދިޔައެވެ.

ސާއިދު ވަނީ އިންޑިއާގައި 2013 ވަނަ އަހަރު ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގެ 200 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. ސެމީގައި ވާދަކޮށް ސާއިދު އެ އިވެންޓުން ހޯދީ ނުވަވަނައެވެ. އެ މުބާރާތަށްފަހު ސާއިދު ވަނީ ދެކުނު ކޮރެއާގެ އިންޗިއޮންގައި 2014 ވަނަ އަހަރު ބޭއްވި އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުން އަދި 200 މީޓަރު ދުވުމުގެ ސެމީގައި ވެސް ވާދަކޮށްފައެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކެއްގައި މެޑަލްތަކެއް ހޯދިފައިވީ ނަމަވެސް، ސާއިދަށް އެންމެ ކާމިޔާބު މުބާރާތަކީ އިންޑިއާގައި ބޭއްވި 2017ގެ އޭޝިއަން ޗެމްޕިއަންޝިޕެވެ. އަނިޔާގައި ހުރެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް، ސާއިދު ވަނީ ހަތަރުވަނަ ހޯދައިފައެވެ. އަނިޔާގެ ސަބަބުން އެމުބާރާތުގެ 200 މީޓަރު ދުވުމުގައި ސާއިދު ވާދަކޮށްފައެއް ނުވެއެވެ.

އޭޝިއަން ޗެމްޕިއަންޝިޕް 2017 އަށްފަހު ސާއިދު ކުރިމަތިލީ އިންޑޮނޭޝިއާގެ ޖަކާޓާގައި ބޭއްވި 2018ގެ އޭޝިއަން ގޭމްސްއާއެވެ. އެ ގޭމްސްގައި ވެސް ސާއިދު ވަނީ 100 މީޓަރު ދުވުމުން ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ. އަދި މިއަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕްގައި ވެސް ސާއިދު 100 މީޓަރު ދުވުމުން ސެމީ ފައިނަލާ ހަމައަށް ދަތުރުކުރިއެވެ.

އެ މުބާރާތްތަކުގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި 2015 އިން ފެށިގެން ސާއިދު އަންނަނީ މެޑަލްތައް ހޯދަމުންނެވެ. އައިއޯއައިޖީ 2015ގައި ސާއިދު ވަނީ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފައެވެ. އަދި މިއަހަރު ބޭއްވި އައިއޯއައިޖީގައި ސާއިދު ވަނީ 200 މީޓަރު ދުވުމުން ލޯ މެޑަލް ހޯދައިފައެވެ.

މި ހުރިހާ ކާމިޔާބެއް ވެސް އޭނާ ހޯދާފައި މިވަނީ އެތައް މަސައްކަތަކަކާއެކުއެވެ. އެތައް ދުވަހެއް، އެތައް ތަމްރީނުތަކެއް ހެދުމަށްފަހުއެވެ. އެކަމަށްޓަކައި ރާއްޖެއިން ބޭރުގައި ގިނަ ތަމްރީނުތަކެއް ފުރިހަމަކުރިއެވެ. ސާއިދު ފާހަގަކޮށްލެވެނީ ރާއްޖޭގެ އެންމެ ޑިސިޕްލިން އެއް އެތުލީޓުގެ ގޮތުގައެވެ. ދިވެހި ކުޅިވަރުގެ ތާރީހުގައި ސާއިދުގެ ނަން އަބަދުވެސް ފެވިގެންދާނީ ރަން އަކުރުންނެވެ.