ޚަބަރު

"ގޯ ގުރީން"ގެ މީޑިއާ ޕާޓްނަރަކަށް ވަން އޮންލައިން

އާނިފާ ހުސެއިން ސިރާޖް

ކުލީން މޯލްޑިވްސް އާއި ސީނު ލޭންޑުސްކޭޕު ނާސަރީ ގުޅިގެން "ގޯ ގުރީން"ގެ ނަމުގައި ބާއްވާ ގަސް އިންދުމުގެ ބޮޑު ހަރަކާތުގެ މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖައްސައި، އެކަމާގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

"ގޯ ގުރީން"ގެ މީޑިއާ ޕާޓްނަރަކަށް "ވަން އޮންލައިން" ހަމަޖެއްސުމަށް މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި "ވަން އޮންލައިން"ގެ ފަރާތުން ސޮއިކުރެއްވީ ނޫހުގެ ޗެއާޕާސަން މިންހާ ފާއިޒު ރަޝާދު (މިންނު)އެވެ. އަދި "ގޯ ގުރީން" އިވެންޓުގެ ފަރާތުން ސޮއި ކުރެއްވީ ކުލީން މޯލްޑިވްސްގެ ނައިބު ރައީސާ، ރައުނާ އަލީ ޝަރީފެވެ.

"ގޯ ގުރީން"އަކީ ކުލީން މޯލްޑިވްސްގެ އިސްނަގައިގެން ރާއްޖެ ފެހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ގަސް އިންދުމުގެ ހަރަކާތެކެވެ. މިހަރަކާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ 15:30 އިން ފެށިގެން 17:30 އަށް ހުޅުމާލެ ފޭސް ދޭއްގެ ބީޗު ސަރަހައްދުގައެވެ.

ދެހާހަށްވުރެ ގިނަ ގަސް އިންދުމަށް ރާވާފައިވާ މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ހިލޭ ވަނީ ހުޅުވާލައިފައެވެ. އެގޮތުން އިވެންޓުގައި ބައިވެރިވެ، ގަސް އިންދަން ބޭނުންވާ ކޮންމެ މީހަކު ވެސް އިވެންޓު ކުރިއަށްދާ ވަގުތު އިވެންޓު ހިނގަމުންދާ ސަރަހައްދަށް ގޮސް ބޭނުން ގަހެއް އިންދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ ހަރަކާތުގައި އިންދާ ގަސްތައް ފޯރުކޮށްދޭނީ ކުލީން މޯލްޑިވްސްގެ ފަރާތުންނެވެ.