ޚަބަރު

"ގޯ ގުރީން"ގެ ނަމުގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބާއްވަނީ

އާނިފާ ހުސެއިން ސިރާޖް

ކުލީން މޯލްޑިސް އާއި ސީނު ލޭންޑްސްކޭޕް ނާސަރީ ގުޅިގެން "ގޯ ގުރީން"ގެ ނަމުގައި ގަސް އިންދުމުގެ ޕްރޮގުރާމެއް ބާއްވަން ނިންމައިފިއެވެ.

އެ ޕްރޮގްރާމް އިންތިޒާމުކުރާ، ތިމާވެއްޓަށް ލޯބިކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ކުލީން މޯލްޑިވްސް އިން ބުނީ އެ ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ 15:30 އިން 17:30 އަށް ހުޅުމާލެ ފޭސް ދޭއްގެ ބީޗު ސަރަހައްދުގައި ކަމަށެވެ. އަދި އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ހުޅުވާލައިފައިވާ ކަމަށެވެ.

އެގޮތުން އިވެންޓުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ކޮންމެ މީހަކުވެސް އިވެންޓު ކުރިއަށްދާ ވަގުތުގައި އެ ސަރަހައްދަށް ގޮސް، ކަނޑައަޅާފައިވާ ސަރަހައްދުގައި ގަސް އިންދުމުގެ ފުރުސަތު ހުޅުވާލާފައި ކަމަށް ކުލީން މޯލްޑިވްސް އިން މައުލޫމާތުދެއެވެ. އަދި އެ ހަރަކާތުގެ ތެރެއިން ކުލީން މޯލްޑިވްސްގެ ފަރާތުން 1000 ރުކާއި 1000 މަގޫ ގަހާއެކު ޖުމްލަ 2000 ގަސް ފޯރުކޮށްދޭނެ ކަމަށް އެފަރާތުން ބުނެއެވެ.

ކުލީން މޯލްޑިވްސް އިން ބުނީ މިއީ ރާއްޖެ ފެހިކުރުމުގެ ގޮތުން އެފަރާތުން އިސްނަގައިގެން ކުރިއަށްގެންދާ އިވެންޓެއް ކަމަށާއި ގަސް އިންދުމުގެ ހަރަކާތުގެ އިތުރުން ތަފާތު ވައްތަރުގެ ގަސްތައް ވިއްކާ ސްޓޯލެއް އެ ސަރަހައްދުގައި އެދުވަހު ހުންނާނެ ކަމަށެވެ. އަދި ގަސް އިންދުމުގެ އިވެންޓުގައި ބައިވެރިވާ ފަރާތްތަކުން ޕްލާސްޓިކް ފުޅީގެ ބަދަލުގައި އަމިއްލަ ފެންފުޅިއެއް އިވެންޓަށް އަންނައިރު ގެނައުމަށް ކުލީން މޯލްޑިވްސް އިން އެދެއެވެ.