Close
ޚަބަރު

ރިލްވާނާއި، އަފްރާޝީމް އަދި ޔާމިންގެ މަރާ ގުޅިގެން ދެމީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އާނިފާ ހުސެއިން ސިރާޖް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި، އަނިޔާވެރި ގޮތަކަށް އަވަހާރަ ކޮށްލާފައި އޮއްވާ ފެނުނު، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ ގެ އިތުރުން ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މޭސްތިރިން ކަމަށް ތުހުމަތުކުރެވޭ ދެމީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މަރުތަކާ ބެހޭ ކޮމިޝަނުން މިއަދު ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މަރު ކޮމިޝަނުން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ތިން މީހުން މަރާލަން ރާވައި އެކަން ކުރުވި މޭސްތިރިން ކަމަށް ތުހުމަތުކުރެވެނީ ހަރުކަށި ފިކުރުގެ މުހައްމަދު މަޒީދާއި، ސާމިތު މުހައްމަދަށް ކަމަށެވެ. އަދި އެ ދެމީހުންގެ މައްޗަށް ދައުވާކުރުމަށް ކުރަންޖެހޭ ކަންކަން ކޮށްދެއްވުމަށްއެދި ޕީޖީ އޮފީހަށް އެ ކޮމިޝަނުން މިއަދު މައްސަލަ ފޮނުވާފައިވާ ކަމަށްވެސް މަރުތަކާއި ބެހޭ ކޮމިޝަނުން ބުންޏެވެ.

އިންސާފު ނުލިބި މި ތިންމީހުންގެ މަރަށް ގިނަދުވަސްތަކެއް ވެފައިވާއިރު، ރާއްޖޭގައި މީހުން ގަތުލުކުރުމުގެ ހަރަކާތްތައް ހިންގާފައިވަނީ، ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮތްޕެއް ކަމަށްވާ ޖަބްހަތުއް ނުސްރާއިން ކަމަށް މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ވަނީ ބުނެފައެވެ.

އަދި ޑރ. އަފްރާޝީމްގެ މަރާ ގުޅިގެން ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައިވެސް ބުނެފައިވަނީ އެ މީހުންގެ މަރުތަކުގެ އަޑީގައި ވަނީ ރާއްޖޭގައި ހިންގާ އަލްގައިދާގެ ގޮތްފެއް ކަމަށެވެ. މަރު ކޮމިޝަނުން މިއަދު ބުނީ އެ ގޮފީގެ މޭސްތިރިންގެ ގޮތުގައި ހިމެނެނީ ހަރުކަށި ފިކުރަށް ނިސްބަތްވާ މުހައްމަދު މަޒީދާއި، ސާމިތު މުހައްމަދު ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭނާ ދިރުއުޅުއްވި ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށެވެ. މައްސަލައިގެ ކުށް ސާބިތުވެ، ހުކުމް އައީ ހ. ލޮބީ، ހުސައިން ހުމާމް އަހުމަދުގެ މައްޗަށް އެކަންޏެވެ.

2014 ވަނަ އަހަރު ރިލްވާން މަރާލީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ ފުލެޓް ކައިރިން ރަހީނުކޮށްގެން، ޑިންގީއަކަށް އަރުވައިގެން ގެންގޮސް ކަނޑު އުޅަނދެއްގައި ކަމަށް މަރު ކޮމިޝަނުން ބުންޏެވެ.

ޔާމީން، އަނިޔާވެރި ގޮތަކަށް މަރައިލީ 2017 ދުވަހުގެ ރޭ ދަންވަރު އެވެ.

ރިލްވާނާއި، ޑރ. އަފްރާޝީމް އަދި ޔާމިންވެސް މަރާލާފައިވަނީ ދީނީ ހިޔާލުތަފާތުވުން ތަކުގެ ސަބަބުން ކަމަށް މަރު ކޮމިޝަނުން ބުންޏެވެ.