ޚަބަރު

ޑިސެމްބަރު އެކެއްގައި ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރެކޯޑެއް، އެދުވަހު އެއާޕޯޓުގައި 226 މޫވްމަންޓްސް

މަރިޔަމް ޝަހުދާ

ވެލާނާއިންޓަނޭޝަނަލް އިން އާދިއްތަ ދުވަހު 226 މޫވްމަންޓްސް އާއެކު ރެކޯޑެއް ގާއިމްކޮށްފި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ބުނެފިއެވެ.

އެމްއޭސީއެލް އިން އިއްޔެ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއްދުވަހަކު އެއްމެ ގިނަ މޫވްމަންޓްސްއަކީ މީގެ ކުރިން 219 މޫވްމަންޓްސް ކަމަށެވެ. ނަމަވެސް ޑިސެމްބަރު އެއްވަނަ ދުވަހު އިތުރު ހަތް މޫވްމަންޓްސް އާއެކު އެ ރެކޯޑު 226 މޫވްމަންޓްސްއަށް އާވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޑިސެމްބަރު އެއް ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި 102 އިންޓަނޭޝަނަލް ފްލައިޓް ހަރަކާތްތެރި ވެފައިވެއެވެ. އަދި 212 ޑޮމެސްޓިކް ފްލައިޓް ހަރަކާތްތެރި ވެފައިވެއެވެ. މީގެ އިތުރުން އިތުރު އެޑް ހޮކް (ޝެޑިއުލް ނުކުރާ) ތިން ފްލައިޓެއް އެ އެއާޕޯޓުގައި އެދުވަހު ދަތުރު ކުރި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

މިއީ މިއަހަރުތެރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މޫވްމަންޓްސް ރިކޯޑަށް ބަދަލެއް އައި ދެވަނަ ފަހަރެވެ. ކުރިން 214 ގައި 2018ގެ ޖެނުއަރީ މަހު އޮތް މޫވްމަންޓްސް ރެކޯޑު 219 އަށް ބަދަލުވެފައިވަނީ މިއަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. އޭގެ ފަހުން އެ އަދަދު 226އަށް ބަދަލުވެގެން މިދިޔައީ މިދިޔަ އާދިއްތަ ދުވަހުއެވެ.