ވިޔަފާރި

މާލޭގައި އައު ސާވިސް ސެންޓަރުތަކާކާއެކު ބީއެމްއެލް ގެ ބޭންކިން ހިދުމަތްތަކަށް ހެޔޮ ބަދަލެއް

އާނިފާ ހުސެއިން ސިރާޖް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ބޭންކިން ހިދުމަތްތަކަށް ބޮޑު ބަދަލެއް ގެނެސް، މާލޭގެ އެކި ސަރަހައްދުތަކުގައި ވަކި ވަކި ހިދުމަތްތަކަށް ހާއްސަ ސެންޓަރު ތަކެއް ގާއިމް ކުރުމަށް ބީއެމްއެލުން އިން ހަމަޖައްސައިފިއެވެ.

ބީއެމްއެލުން ބުނީ މިގޮތަށް ހަމަޖެއްސީ ބޭންކުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށާއި ބައިނަލް އަގްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އެގޮތުން މުޅިން އަލަށް އެކައުންޓް ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއް މިއަންނަ ޖެނުއަރީ މަހު ހުޅުވުމަށް ނިންމާފައިވާ ކަމަށާއި، މި ސެންޓަރުތައް މެދުވެރިކޮށް ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.

ބީއެމްއެލުން ބުނީ މި ފެށިގެންދާ އައު އަހަރާއެކު، މުޅިން އަލަށް ޑިޖިޓަލް ބްރާންޗެއް މަޖީދީ މަގުގައި ހުޅުވިގެންދާނެ ކަމަށެވެ. އަދި އެ ސެންޓަރު ވެގެންދާނީ އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާ ސެންޓަރަކަށް ކަމަށްވެސް އެފަރާތުން މައުލޫމާތުދެއެވެ. މި ބަދަލާއެކު، މިހާރު ހިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗުން ދެމުން އަންނަ ހިދުމަތް އަންނަ ފެބުރުއަރީ މަހުގެ ދެވަނަ ދުވަހުން ފެށިގެން މެދުކަނޑާލެވިގެންދާނެ ކަމަށްވެސް ބީއެމްއެލުން ބުންޏެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ " ހުޅުވުމަށް ކަނޑައެޅިފައިވާ އާ އެކައުންޓް އޯޕަނިންގ ސެންޓަރާއި ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ. އަދި ޑިޖިޓަލް ބްރާންޗާއެކު ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ އަށް ހެޔޮ ބަދަލެއް އަންނާނެ" ކަަމަށެވެ.

ކައުންޓަރުން ފޯރޮކޮށްދޭ ފައިސާގެ މުއާމަލާތްތައް ނުހިމެނޭ އެހެން ހުރިހާ ހިދުމަތެއް އަލަށް ހުޅުވިގެންދާ އެކައުންޓް އޯޕަނިން ސެންޓަރާއި، ލޯން ސެންޓަރާއި، އަދި މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަސްޓަމަރު ސާވިސް ސެންޓަރާއި ބިސްނަސް ސެންޓަރު މެދުވެރިކޮށް ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުންޏެވެ. އަދި ފައިސާގެ މުއާމަލާތްތައް ހިމެނޭ ހިދުމަތްތައް މަލޭގައި މެއިން ބްރާންޗް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށްވެސް ބީމްއެލުން މައުލޫމާތުދެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސާވިސް ބޭންކިން ސެންޓަރު، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެފަރާތުން ބުންޏެވެ.