ބެލޮންޑިއޯ އެވޯޑު

މެސީ ހަވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑު ހޯދައިފި

ބާސެލޯނާގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީ ހަވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑު ހޯދައިފިއެވެ.

ފްރާންސްގެ ޕެރިސްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި މެސީ ބެލޮންޑިއޯ އެވޯޑު ހޯދި އިރު، ދެވަނަ ހޯދީ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކްއެވެ. އަދި ތިންވަނަ ހޯދީ ޔުވެންޓަސްގެ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

މެދުކެނޑުމެއްނެތި ދިހަ އަހަރު މެސީ އާއި ރޮނާލްޑޯ ހޯދަމުންދިޔަ އެ އެވޯޑު މިދިޔަ އަހަރު ހޯދީ ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ. މިދިޔަ އަހަރު މެސީއަށް ލިބުނީ ފަސްވަނައެވެ. މިއީ 2015 ވަނަ އަހަރަށްފަހު މެސީއަށް ބެލޮންޑިއޯ އެވޯޑު ލިބުނު ފުރަތަމަ ފަހަރެވެ.

މެސީ ވަނީ ބާސާއާއެކު މިދިޔަ ސީޒަނުގެ ސްޕެނިޝް ލަލީގާ ކާމިޔާބުކޮށްފައެވެ. އެއީ ބާސާއާއެކު އޭނާ ހޯދި ދިހަވަނަ ލަލީގާއެވެ. ބާސާއާއެކު މެސީ ލަލީގާ ހޯދި ނަމަވެސް، ބެލޮންޑިއޯ އެވޯޑަށް މެސީއާ ވާދަކުރި ވެން ޑައިކް ވަނީ ލިވަޕޫލާއެކު މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.

މިދިޔަ ސީޒަނުގެ ލަލީގާ އަދި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔަކީ މެސީއެވެ. އިންޑިވިޖުއަލް ރެކޯޑުތަކާއެކު މެސީ ވަނީ މިއަހަރު ފީފާގެ "ދަ ބެސްޓް" އެވޯޑު ވެސް ހޯދައިފައެވެ.