އެފްއޭއެމް

އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީ ކުއްލި ގޮތަކަށް އުވާލައިފި

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ ގައުމީ ޓީމު ކޮމިޓީ ކުއްލި ގޮތަކަށް އުވާލައިފިއެވެ.

އެފްއޭއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ ޖޫނިއާ އުމުރުފުރާ އިން ފެށިގެން ސީނިއާ ޓީމާ ހަމައަށް، ގައުމީ ޓީމުތަކުގެ ކުރަން ޖެހޭ ހުރިހާ ކަމެއްގައި އެގްޒެކެޓިވް ކޮމިޓީއަށް ލަފާދިނުމަށާއި، ގައުމީ ޓީމުތައް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހާ ކަންތައްތަކުގައި އެހީތެރިވެދިނުމުގެ ގޮތުން އެކުލަވާލި ގައުމީ ޓީމު ކޮމިޓީ އުވާލާފައިވާ ކަމަށެވެ.

އެފްއޭއެމް އިން މިދިޔަ ސެޕްޓެމްބަރު މަހު އެކުލަވާލި ގައުމީ ޓީމު ކޮމިޓީ އުވާލާފައިވަނީ މިއަހަރުގައި ދެން އިތުރަށް ރާއްޖޭގެ އެއްވެސް އުމުރުފުރާއެއްގެ ގައުމީ ޓީމުގެ މެޗެއް އަދި މުބާރާތެއް ކުޅެން ނެތުމުގެ ސަބަބުން ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

އެފްއޭއެމް އިން ވަނީ ގައުމީ ޓީމުގެ ކޮމިޓީގެ މެމްބަރުންނަށާއި އަދި ހާއްސަކޮށް ކޮމިޓީގެ ޗެއާމަން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދިވެހި ފުޓުބޯޅައަށް ކޮށްދެއްވި މަސައްކަތަށް އެސޯސިއޭޝަންގެ ނަމުގައާއި ފުޓުބޯޅަ އާއިލާގެ ނަމުގައި ޝުކުރު ދަންނަވައިފައެވެ.

އެފްއޭއެމް އިން ގައުމީ ޓީމުގެ ކޮމިޓީ އުވާލާފައިވާ އިރު، އެ ކޮމިޓީން ވަނީ ގައުމީ ޓީމަށް ދުރު ރާސްތާ ޕްލޭނެއް ތައްޔާރުކުރުމުގެ މަސައްކަތްތަކެއް ކުރުމަށް ނިންމައިފައެވެ. އަދި އެ ޕްލޭން ނިންމައި، އިއުލާންކުރާނެ ކަމަށް މީގެ ކުރިން މިނިސްޓަރު އަލީ ވަހީދު ވެސް ވިދާޅުވެފައިވެއެވެ.