ސައުތު އޭޝިއަން ގޭމްސް

ރާއްޖެ އާއި ލަންކާގެ ކުރިމަތިލުން އެއްވަރު

ނޭޕާލުގައި ކުރިއަށްދާ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެ އާއި ސްރީލަންކާ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުގައި މިއަދު ހަވީރު ރާއްޖެ އާއި ލަންކާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ރާއްޖޭގެ 23 އަހަރުންގެ ދަށުގެ ޓީމުގައި ހިމެނި ސީނިއާ ކުޅުންތެރިން ކަމަށްވާ އަކްރަމް އަބްދުލްޤަނީ (އަކޫ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އަދި އިބްރާހިމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ހިމަނައިގެން ފެށި އެ މެޗުގެ ދެ ހާފުގައި ވެސް ރާއްޖެއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައެވެ.

އެ މެޗުގެ ފުރަތަމަ ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ރާއްޖޭގެ ފޭދޫ އިއްބެ އާއި ހަސަން ނާއިޒް (ދާދު) އަށެވެ. އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާ، ރާއްޖޭގެ ކްލަބު އީގަލްސްއަށް ކުޅެމުން އަންނަ ލަންކާ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރާއްޖެއަށް ލިބުނު ފުރުސަތުތަކުގެ ތެރެއިން ފޭދޫ އިއްބެ ފޮނުވާލި ހިލޭ ޖެހުމެއް ފާހަގަކޮށްލެވެއެވެ. އޭނާގެ އެ ހިލޭ ޖެހުން އަމާޒުވީ ލަންކާ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ހަމަލާއަށް ފަހު ހަމްޕުއަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް، އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލަންކާގެ ކީޕަރު ސުޖަންއެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ލަންކާގެ ކުޅުންތެރިޔަކަށް ރަތް ކާޑެއް ދެއްކިއެވެ. ލަންކާ އިން ކުޅުންތެރިއެއް މަދުކޮށް ކުޅެމުންދިޔަ ނަމަވެސް، ރާއްޖެއަށް އޭގެ ފައިދާ ނެގިފައެއް ނުވެއެވެ.

ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުން އިންޑިއާ ވަކިވުމުން، ފުޓުބޯޅަ އިވެންޓު ކުރިއަށްގެންދަނީ ލީގު އުސޫލުންނެވެ. ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި ރާއްޖޭ ގަޑިން މާދަމާ ހަވީރު 4:15ގައި ނުކުންނަން ޖެހޭނީ ބަންގުލަދޭޝްއާ ދެކޮޅަށެވެ.