ޚަބަރު

ރައީސް ޔާމީނަކީ ރާއްޖޭގެ އެއްވެސް ޖަލެއްގައި އޮންނަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫން: އަދުރޭ

1

ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ރާއްޖޭގެ އެއްވެސް ޖަލެއްގައި އޮންނަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށް ބުނެ، އެމަނިކުފާނު ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަނުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ޖަލުގައި އޮންނެވީ ނުހައްގު އަދަބެއްގައި ކަމަށާއި ދިވެހި ގައުމަށްޓަކާ އެމަނިކުފާނު ޖަލުން ދޫކޮށްލަންޖެހޭ ކަމަށެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހިތުގައި ގައުމާމެދު ޒައްރެއްގެ މިންވަރުގެ ލޯތްބެއް އޮތްނަމަ މިހާރުން މިހާރަށް ރައީސް ޔާމީން ދޫކޮށްލުމަށް އަދުރޭ ގޮވާލެއްވިއެވެ. އަދި ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ ގޮވާލުމަށް ބީރު ކަންފަތެއް ނުދިނުމަށް އޭނާ އެދިވަޑައިގަތެވެ.

އަދުރޭ ވިދާޅުވީ، ޖަލުގައި އޮތީ ރައީސް ޔާމީން ނޫން ކަމަށާއި ޖަލުގައި އޮތީ ރާއްޖޭގެ ގައުމިއްޔަތު ކަމަށެވެ.

މީގެ އިތުރުން ނުހައްގުން ރައީސް ޔާމީން ޖަލަށްލާ އެމަނިކުފާނަށް ދެނީ ނުރައްކާތެރި އަނިޔާއެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ޖަލުގައި އޮންނަވާއިރު، ނުބައި އެއްޗެއް ކާންދީގެން ނުވަތަ އިންޖެކްޝަނެއް ޖަހައިގެން އެމަނިކުފާނަށް ކަމެއް ކޮށްފާނެތީ ބިރުގަންނަ ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި ސަރުކާރު ކޯލިޝަނަށް ނިސްބަތްކޮށް، ''އެމީހުން މަސައްކަތް ކުރަނީ ރާއްޖޭގެ ސިޔާސީ މައިދާނުން ރައީސް ޔާމީން އެކަހެރި ކުރަން'' ކަމަށާއި ''އެބައިމީހުން ރައީސް ޔާމީންގެ ފުރާނަދުއްވާލަން ފަހަކަށް ނުޖެހޭނެ'' ކަމަށް އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ހުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭގެ ފަހުން ޕީޕީއެމް/ޕީއެންސީ އިން އަންނަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލުމަށް މާލެތެރޭ އެއްވުންތަކެއް ބާއްވަމުންނެވެ.