ޚަބަރު

މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ތަން ނުދޭތީ: ތަރިކަ ރައްކާތެރިކުރާ މަރުކަޒު

1

މާލޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުން ލަސްވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

މުންނާރު ހަޑިވެ އެތަނުގެ ކުލަ ވެއްޓި ފެހި ޖަހާފައިވާ ފޮޓޯތަކާއެކު އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންދާ ދަނިކޮށް އެ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނީ، މުންނާރަކީ ހިރިގަލުން އިމާރާތްކޮށް، އުވަލާފައިވާ ބިނާއެއްކަމުން، އެތަން މިހާރުވެސް އާބާތުރަ ފިލުވައި، ބަލަހައްޓަމުން ގެންދަނީ ކޮންޒަވޭޝަންގެ ހަމަތަކާ އެއްގޮތަށް ކަމަށެވެ.

އެގޮތުން މުންނާރު ރީތިކުރުމަށްޓަކައި ޒަމާނީ ކުލަ އާއި ދަވާދު ބޭނުންކުރުމަކީ މުންނާރަށްއަލުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމެއް ކަމުން، މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކާ ކަމަށެވެ. އެހެންކަމުން، މިހާތަނަށް ވެސް މުންނާރުގައި ބޭނުންކުރަމުން އަންނަނީ އުވަ ކަމަށް ތަރިކަ ރައްކާތެރިކުރާ މަރުކަޒުން ބުނެއެވެ.

އެ މަރުކަޒުގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ހުކުރު މިސްކިތުގެ މުންނާރު ދޮވެ، ސާފުކޮށް، އާބާތުރަ ފިލުވުމަށް ކުރަމުން ގެންދާ މަސައްކަތުގެ އިތުރުން މުންނާރާއި ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި ހަތަރު ފެންވަޅު ސާފުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ސްޓެލްކޯއާ ގުޅިގެން ކުރުމަށް ތައްޔާރުވެފައިވާ ކަމަށެވެ.

އަދި އެ މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް ނަމަވެސް މޫސުން ތަންނުދޭތީ އެ މަސައްކަތް ކުރެވޭގޮތް ނުވެފައިވާ ކަމަށް މަރުކަޒުން ބުނެއެވެ.

އެގޮތުން އުވައަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަވި ލިބިގެން މެނުވީ ހިކޭ އެއްޗެއް ނޫން ކަމަށާއި އަދި މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަފިލުވުމަށްޓަކާ އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިކުމަށްޓަކާ ވަގުތު ބޭނުންވާ ކަމަށް ބަޔާނުގައިވެއެވެ.

އޭގެ އިތުރުން މުންނާރަކީ އާސާރީ ތަރިކައެއް ކަމުން، އެ އިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަށް ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށްވާއިރު، އެއީ މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލުތަކާއި ހިލާފު ކަމެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

"އެހެންކަމުން، ކަނޑައެޅިފައިވާ ތަރިކަ ރައްކާތެރިކުރުމުގެ އުސޫލުތަކާއި އެއްގޮތަށް، މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި މާލޭ ހުކުރު މިސްކިތް މުންނާރުގެ އާބާތުރަފިލުވައި ރީތިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ،" ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރުނު ބަޔާނުގައިވެއެވެ.