ޚަބަރު

ޝަމީމުގެ މައްސަލައެއް އޭސީސީއަށް

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

ޕީޖީކަމުގެ މަގާމު މިދިޔަ ބުރާސްފަތި ދުވަހު ހުސްވީ އެ ދުވަހާ ހަމައަށް އެ މަގާމުގައި ހުންނެވި އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމުންނެވެ. އަދި އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޝަމީމާއެކު ތިން ބޭފުޅުން ކުރިމަތިލެއްވިއިރު ޕީޖީގެ މަގާމަށް އައްޔަންކުރަން ރައީސް މަޖިލީހަށް ފޮނުވީ ޝަމީމްގެ ނަމެވެ.

ރައްޔިތުންގެ މަޖިލީހަށް ޝަމީމުގެ ނަން ރައީސް ފޮނުއްވުމުން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ނަން އިއްވުމަށްފަހު އިތުރަށް ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. އަދި އޭނާއާ އިންޓަވިއު ކުރުން މިރޭ އޮތްއިރު، ޝަމީމްއާ ގުޅޭ ޝަކުވާއެއްވާނަމަ މިރޭ 8:00 ގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު މިރޭ "ވަން" އަށް ވިދާޅުވީ، ޝަމީމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ދައުވާ ނުކުރަން ނިންމި ކަމަށް ބުނެ އިއްޔެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމި ކަމެއް ވިދާޅެއް ނުވެއެވެ.

ޝަމީމާ ގުޅޭގޮތުން އޭސީސީއަށް އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައިގައި ތުހުމަތު ކޮށްފައިވަނީ ރާއްޖެއަށް އެތެރެކުރަން މަނާ ބުދެއް އެތެރެކުރި އަންހެނެއްގެ މައްސަލައިގެ ހެކި ހުއްޓައި ދައުވާ ނުކުރަން އޭރު ޑެޕިއުޓީ ޕީޖީއަކަށް ހުންނެވި ޝަމީމު ނިންމި ކަމަށެވެ. އަދި އެކަން ޝަމީމް ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދައުވާ ލިބޭ ފަރާތާ ދެމެދު ލޯބީގެ ގޮތުން ގުޅުން ހިންގައިގެން ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކޮށްފައިވެއެވެ.

އަމިއްލަ ވަކީލެއްގެ ގޮތުން ކޯޓުތަކުގައި މިހާރު ވެސް ވަކާލާތު ކުރައްވާ ޝަމީމަކީ ޕީޖީގެ މަގާމަަށް ގެންނަން މީގެ ކުރިން ވެސް ގިނަ ބަޔަކު ތާއީދުކުރި ބޭފުޅެކެވެ.