ޚަބަރު

މަޖިލީހާ ގުޅޭގޮތުން ރައީސް ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތެއް

އާނިފާ ހުސެއިން ސިރާޖް

ރައްޔިތުންގެ މަޖިލިހާ ގުޅޭގޮތުން ރައްޔިތުން ބޭނުން ސުވާލުތަކަށް ޖަވާބުދެއްވުމަށް "އާސްކް ސްޕީކާ"ގެ ނަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ހާއްސަ ޕްރޮގުރާމެއް ބޭއްވުމަށް ނިންމައިފިއެވެ.

މަޖިލީހުން ބުނީ، ޓިވީ އާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ރައްޔިތުންގެ ސުވާލުތަކުގެ ޖަވާބު ދެއްވުމަށް ބާއްވަވާ، އެ ޕްރޮގުރާމް އޮންނާނީ އަންނަ ހޮނިހިތު ދުވަހުގެ ރޭ 9:00 ގައި ޕީއެސްއެމް ސްޓޫޑިއޯގައި ކަމަށެވެ. އަދި މި ޕްރޮގުރާމް ރާއްޖޭގެ ހުރިހާ ޓީވީ ޗެނަލް ތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެނިވަޑައިގަންނަވާނެ ކަމަށާއި ޕްރޮގުރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައީސް ނަޝީދު ވަގުތުން ޖަވާބުދެއްވާނެ ކަމަށެވެ.

އެގޮތުން މަޖިލީހުގެ ރައީސާ ސުވާލުކުރައްވަން ބޭނުންވާ ފަރާތްތަކުން، ސުވާލު ފޮނުއްވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އެގޮތުން ވީޑިއޯ ކުރުމަށްފަހު ނުވަތަ މެސެޖު މެދުވެރިކޮށް ވެސް ސުވާލު ކުރެވޭއިރު ފޯނު މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށް މަޖިލީހުން ބުނެއެވެ.

ސުވާލުކުރާ ފަރާތުގެ ނަމާއި ކުރަން ބޭނުންވާ ސުވާލު ފޮނުވާނީ އަންނަ ހުކުރު ދުވަހުގެ 11:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަންބަރު 7234566 އަށެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން ސުވާލު ޕޯސްޓް ކުރައްވާއިރު، ހޭޝްޓެގް "އާސްކް ސްޕީކާ" (AskSpeaker#) ބޭނުންކުރެއްވުމަށް މަޖިލީހުން އެދެއެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ އާއި ޕީއެސްއެމް ގުޅިގެން ބޭއްވުމަށް ހަމަޖައްސާފައިވާ ލައިވް ޕްރޮގުރާމެކެވެ. މިއީ މިގޮތައް އާންމުކޮށް ރައްޔިތުންނަށް ހުޅުވާލައިގެން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މަޖިލީހުގެ ރައީސަކު ބާއްވަވާ ފުރަތަމަ ޕްރޮގްރާމެވެ.