ޚަބަރު

13 އަހަރުގެ ކުއްޖާ އާއި އެއާއިލާގައި ހިމެނޭ އަނެއް ހަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް

އުމުރުން 13 އަހަރުގައި ވިހެއި ކުއްޖާ އާއި އޭނާ ވިހޭ ދަރިފުޅާއި އެ އާއިލާއަށް ނިސްބަތްވާ ހަ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އުމުރުން 13 އަހަރުގެ ކުއްޖާގެ މައްސަލަ ފެންމަތިވީ ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހިޔާލު ތަފާތު ވުމަކަށްފަހު ވަޅި އަޅައި ކަނޑަށް އެއްލާލި ހާދިސާގެ ތެރެއިންނެވެ. އެގޮތުން އެ ކުއްޖާއަކީ އެ ހާދިސާގައި ޒަހަމްކޮށްލި ރ. މަޑުއްވަރީ އިސްމާއީލް ހައްމާދު، ކައިވެނީގެ ނަމުގައި 12 އަހަރުގައި ރޭޕްކުރި ކުއްޖެއްކަން ވަނީ ހާމަވެފައެވެ.

އެ މައްސަލައިގައި ފުލުހުން އިއްޔެ ބުނެފައިވަނީ، ރޭޕްކުރުމުން ބަލިވެ އިނދެ 13 އަހަރުގައި އެކުއްޖާ ވިހާފައިވާ ކަމަށާއި އަދި ހައްމާދުގެ ޑީއެންއޭއާއި ކުއްޖާ ވިހެއި ދަރިފުޅުގެ ޑީއެންއޭއާ ދިމާވާ ކަމަށެވެ.

އޭގެ އިތުރުން ދީނީ ހަރުކަށި ވިސްނުން ހުރިކަމަށް ބެލެވޭ އެއް އާއިލާއެއްގެ ކުދިންތަކަކަށް އެކުދިންގެ މައިންބަފައިން އިހުމާލުވެ އެކުދިންނަށް ވެކްސިން ނުދީ ތައުލީމުން މަހުރޫމް ކޮށްފައިވާ ކަމަށް ހުށަހެޅި ތަހުގީގު ކުރަމުން އައި މައްސަލަ އާއި އެ އާއިލާގެ ކުއްޖަކު ބަލިވެއިނދެ ދަރިއަކު ވިހާާފައިވާ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެއާއިލާގައި ހިމެނޭ ހަކުދިންނާއި އަދި އުމުރުން 13 އަހަރުގެ ކުއްޖާ ވިހޭ ދަރި ހިމެނޭގޮތަށް އެއާއިލާއަށް ނިސްބަތްވާ ހަތް ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށްޓަކައި މިއަދުގެ ވަގުތެއްގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ.

އޭގެ އިތުރުން އެކުދިންނާމެދު އިހުމާލުވެފައިވާ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އިއްޔެ ބުނި ގޮތުގައި، 13 އަހަރުގެ ކުއްޖާ ރޭޕްކުރި ކަމަށް ތުހުމަތު ކުރެވޭ ހައްމާދަކީ މީގެ ކުރިން ޓެރަރިޒަމްގެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެ، ހުކުމް ކޮށްފައިވާ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.