ޚަބަރު

މަޖިލީހަށް ހުށަހެޅުމަށް ހަތަރު ބިލެއް ރައީސް އޮފީހަށް ފޮނުވައިފި

މަރިޔަމް ޝަހުދާ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަޓަކައި ހަތަރު ބިލެއް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އޭޖީ އޮފީހުން ބުނީ، މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވާފައިވާނީ ތައުލީމުގެ ބިލަކާއި މަތީ ތައުލީމުގެ ބިލެއްގެ އިތުރުން ނަފްސާނީ ސިއްހަތުގެ ބިލެއް އަދި އެއްމެދު އިމާރާތުގެ ބިލެއް ކަމަށެވެ. މި ބިލުތައް ރައީސް އޮފީހަށް ފޮނުވާފައިވަނީ މިއަދުއެވެ.

ރައީސް އޮފީހަށް އޭޖީން ފޮނުވި ތައުލީމުގެ ބިލަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށް ގާއީމުކުރަންޖެހޭ ގާނޫނީ އޮނިގަނޑު ގާއިމުކުރުމުގެ އިތުރުން ރާއްޖޭގެ ތައުލީމީ ނިޒާމު އެމައްޗަށް ބިނާވެގެންވާ އަސާސްތައް ހިމެނޭ ބިލެއް ކަމަށް އޭޖީ އޮފީހުން ބުނެއެވެ. މީގެ އިތުރުން އެ ބިލަކީ އުނގެނުމާއި ގުޅޭގޮތުން ދަރިވަރުންނަށް ލިބިދޭ ހައްގުތަކާއި ދައުލަތާއި ބެލެނިވެރިން އަދި ޓީޗަރުންގެ ޒިންމާތައް ކަނޑައަޅައި، ރާއްޖޭގެ ތައުލީމު ދިނުމާއި އެނޫން ވެސް އެހެން އާންމު ހަމަތަކުގެ އުސޫލެއް ބަޔާން ކުރުމަށް އެކުލަވާލާފައިވާ ބިލެއް ކަމަށް އޭޖީން ބުނެއެވެ.

އޭޖީ އޮފީހުން ރައީސް އޮފީހަށް ފޮނުވި މަތީ ތައުލީމުގެ ބިލަކީ ރާއްޖޭގެ މަތީ ތައުލީމު ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަން ހިމެނޭ ބިލެކެވެ. އެގޮތުން މަތީ ތައުލީމުދޭ މަރުކަޒުތައް ރަޖިސްޓްރީ ކުރުމާއި އެ މަރުކަޒުތައް ހިންގާނެ އުސޫލު ކަނޑައެޅުމުގެ އިތުރުން މަތީ ތައުލީމުދޭ ތަންތަން ވިލަރެސްކޮށް މޮނީޓާކުރުމުގެ އިތުރުން އެ މަރުކަޒުތަކުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރު އިދާރާއެއް ގާއިމުކުރަން އެ ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީން ބުނެއެވެ.

އެގޮތުން ގާއިމުކުރާ ސަރުކާރު އިދާރާގެ މަސްއޫލިއްޔަތުތަކާއި އެ އިދާރާގެ ބާރުތައް ކަނޑައަޅައި ބިލުގައި ހިމަނާފައިވާއިރު ރާއްޖޭގައި މަސައްކަތުގެ ތައުލީމާއި ތަމްރީނު ދިނުމުގެ ހަރުދަނާ ނިޒާމެއް ރާވާއި ހިންގުމާއި ބެހޭ އުސޫލުތައް ވެސް އެ ބިލުގައި ހިމަނާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

އޭޖީ އޮފީހުން ބުނީ، މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހަށް ފޮނުވި ނަފްސާނީ ސިއްހަތުގެ ބިލަކީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން ކުރިއަރުވައި، ނަފްސާނީ ބަލިތަކަށް މުޖުތަމައު ހޭލުންތެރިކުރުމަށާއި ގުޅޭގޮތުން އެކުލަވާލާފައިވާ ބިލެއް ކަމަށެވެ.

އެގޮތުން އެ ބިލުގައި ނަފްސާނީ ބަލިތައް ތަހައްމަލުކުރާ ފަރާތްތަކަށް ދައުލަތުގެ ހަރަދުގައި ފަރުވާދޭނެ ނިޒާމެއް ގާއިމު ކުރުމަށާއި އެ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ އިތުރުން އެފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަމުގެ އުސޫލުތައް ބަޔާންކޮށްފައިވާނެ ކަމަށް އޭޖީން ބުނެއެވެ، އަދި ނަފްސާނީ ބަލިތަކުގެ ފަރުވާ އާއި އެ ބަލީގެ ފަރުވާއާގުޅޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި ހަމަތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ހަތަރުވަނަ ބިލަކަށް ރައީސް އޮފީހަށް ހުށަހަޅަފައިވާ އެއްމެދު އިމާރާތުގެ ބިލަކީ ރާއްޖޭގައި އަޅާ އިމާރާތްތައް އެއްމެދު އިމާރާތްތަކެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމުގެ އުސޫލެއް ކަނޑައަޅާފައިވާ ބިލެކެވެ.

އޭޖީން ބުނީ، އެ ބިލުގައި އެއްމެދު އިމާރާތެއްގައި ހިމެނޭ ވަކިވަކި ޔުނިޓްތައް ވަކިވަކި ފަރުދުންނަށް ނުވަތަ ފަރާތްތަކަށް މިލްކު ކުރެވޭނެ ގޮތާއި އެތަންތަން ގަނެވިއްކުމުގެ އިތުރުން އެތަންތަން ކުއްޔަށްދީ އަދިވެސް އެނޫން މުއާމަލާތްތައް ކުރުމާގުޅޭ އުސޫލުތައް ބަޔާންކޮށްފައިވާނެ ކަމަށެވެ. އަދި އެއްމެދު އިމާރާތެއް ގޮތުގައި ރަޖިސްޓަރީކުރާ ބިމާއި އިމާރާތުގެ އާންމު ސަރަޙައްދުތައް ބަލަހައްޓައި އެ ސަރަހައްދުތައް ބޭނުންކުރާނެ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެ ބިލުން ތައާރަފުކުރާނެ ކަމަށް އޭޖީން ބުނެއެވެ.