ޚަބަރު

ލޯފަން ކުދިިންނަށް ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ބޭއްވި ވޯކްޝޮޕް ނިންމާލައިފި

ލޯފަންކުދިިންނަށް ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ބޭއްވި ބްރައިލް ވޯކްޝޮޕް ނިންމާލައިފިއެވެ. މިއީ ބްރައިލް އަކުރު ބޭނުންކޮށްގެން ރާއްޖޭގައި މިގޮތަށް ކިޔަވައިދިން ފުރަތަމަ ފަހަރެވެ.

އެގޮތުން ވޯކްޝޮޕް ނިންމުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތު ފެށުމުގެ ގޮތުން ކީރިތި ގުރުއާން ކިޔެވީ ވެސް ބްރައިލް ބޭނުންކޮށްގެން، ވޯކްޝޮޕްގެ ދަރިވަރެއް ކަމުގައިވާ ހަސަން އިބްތިހާލެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވޯކްޝޮޕްގައި ކިޔަވައިދެއްވި އަލްގާރީ އަބްދުލް ރަޝީދު އަބްދުލް ގާދިރު ވިދާޅުވީ، މީގެކުރިން ލޮލަށް ފެނުމުން މަހުރޫމުވެފައިވާ ކުދިންނަށް ގުރުއާން އުނގަންނައިދިނުމަކީ ދަތި އަދި ބުރަ މަސައްކަތެއް ކަމަށެވެ. އެގޮތުން އެކުދިންނަށް ދަސްކޮށްދިނުމުގެ ގޮތުން އާންމުގޮތެއްގައި ކަންކުރަމުން އަންނަ އުސޫލަކީ މުދައްރިސް ކައިރީގައި ހުރެގެން ކިޔަވާ އަޑު އަހައިގެންނާއި ކިޔަވާފައިވާ އޯޑިއޯއެއް އަޑުއަހައިގެން ނުވަތަ މައިންބަފައިން ކިޔަވައި ދިނުމުން އަޑުއަހައިގެން އޭނާ ވިދާޅުވިއެވެ.

ބްރައިލް އަކުރު ބޭނުންކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ގާރީ ރަޝީދު އިތުރަށް ވިދާޅުވީ، މި ކަމަކީ ހަމައެކަނި ލޯފަން ކުދިން ދަސްކުރަން އޮތް އިލްމެއް ނޫން ކަމަށާއި މިފަދަ ދަރިވަރުން ތަމްރީނު ކުރުމަށް މުދައްރިސުންނަށް ވެސް މިއީ އެހާމެ މުހިއްމު ކަމެއް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރު، ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައި ދިނުމާއި ކިޔެވުމުގެ ހުނަރަކީ ދިރުވައި އާލާ ކުރަންޖެހޭ ފަންނެއް ކަމަށެވެ. އަދި މިއަދު ނިމިގެންދިޔަ ވޯކްޝޮޕަކީ ރާއްޖޭގެ ތާރީހުގައި އެފަދަ ވޯކްޝޮޕެއް އަލަށް ބޭއްވުނު ފަހަރުގެ އިތުރުން ބްރައިލް އަކުރުން ލިޔެފައިވާ ސެޓްފިކެޓެއް މިހާތަނަށް ދެވުނު ފުރަތަމަ ފަހަރުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެހެން ކުދިންނެކޭ ވެސް އެއްގޮތަށް އެއްވެސް ތަފާތެއްނެތި އަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ މިނިސްޓަރު ޒާހިރު އިތުރަށް ވިދާޅުވީ، މި ވޯކްޝޮޕަކީ ވެސް އެގޮތުން ހިންގުނު ވޯކްޝޮޕެއް ކަމަށެވެ. އަދި ކުރިޔަށްއޮތް ތަނުގައި ސަރުކާރާއި އިސްލާމިކް މިނިސްޓްރީއާ ގުޅިގެން އެފަދަ އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.

ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގައި ވޯކްޝޮޕް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓެއްގެ އިތުރުން ލޯފަން ދަރިވަރުންނަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބްރައިލް ހަތިމް ސެޓެއް ވެސް ވަނީ ހަދިޔާކޮށްފައެވެ. ސެޓްފިކެޓާއި ހަތިމް ބައިވެރިންނަށް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޒާހިރެވެ.

ބްރައިލް ވޯކްޝޮޕަކީ ލޯފަން ކުދިންނަށް ކީރިތި ގުރުއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުން، ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ފެށި ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގައި ޖުމްލަ ނުވަ މީހުން ބައިވެރިވިއެވެ. އެއީ ލޯފަން ހަ ކުއްޖަކާއި އެ ކުދިންގެ އާއިލާގެ ދެ މެމްބަރަކާއި ޓީޗަރެކެވެ.

މި ވޯކްޝޮޕްގައި އަރަބި އަކުރުތަކުން ފެށިގެން ގުރުއާނުގެ ސޫރަތްތައް ކިޔަވާނެގޮތްވަނީ ބައިވެރިންނަށް އުނގަންނައިދީފައެވެ.