ޚަބަރު

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އާންމުން ހޭލުންތެރި ކުރުމުގެ ކެމްޕެއިނެއް ފަށައިފި

މުހައްމަދު ޝަހީމް

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އާންމުން ހޭލުންތެރި ކުރުމުގެ ގޮތުން "މާއްދާ 29، މިވެސް ހައްގެއް" ގެ ނަމުގައި އިންފޮމޭޝަން ކޮމިޝަނުން ކެމްޕެއިނެއް ފަށައިފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި "މާއްދާ 29، މިވެސް ހައްގެއް" ކެމްޕެއިން ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެވެ. މި ރަސްމިއްޔާތުގައި ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒްގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ ބައެއް ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންފޮމޭޝަން ކޮމިޝަންގެ ޑިރެކްޓަރ ލީގަލް އެފެއާޒް އަލްއުސްތާޒާ ފާތުމަތު ޝައުޝަން ވިދާޅުވީ މި ކެމްޕެއިން ފެއްޓުމަށް ނިންމެވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އާންމު ރައްޔިތުން އަހުލުވެރިކުރުވުން އިތުރުކުރުމަށް ކަމަށެވެ. އަދި މި ހައްގުގެ ދަށުން ދައުލަތުގެ މުއައްސަސާ ތަކުގެ ވެރިންނާއި މުވައްޒަފުން މިހާރަށްވުރެ ބޮޑަށް އަހުލުވެރިކުރުންކަމަށެވެ.

ކެމްޕެއިން ފައްޓަވައި ދެއްވުމަށް ފަހު މިނިސްޓަރު ފައްޔާޒް ވިދާޅުވީ މައުލޫމާތު ލިބިގަތުމުގެ ގާނޫނު ވަރަށް ފުރިހަމަ ނަމަވެސް އެކަން މިހާތަނަށް ތަންފީޒު ކޮށްފައިނުވާ ކަމަށެވެ. މިސަރުކާރުން އެ ގާނޫނުތައް ތަންފީޒުކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

މި ކެމްޕެއިން ކުރިޔަށްދާނީ މިއަދުން ފެށިގެން ތިން މަސްދުވަހުގެ ނިޔަލަށްކަމަށްވެސް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުންޏެވެ.

މި ރަސްމިއްޔާތުގައި އިންފޮމޭޝަން ކޮމިޝަންގެ އެމްބެސަޑަރު ވަނީ އިއުލާން ކޮށްފައެވެ.