"އަސްތަޣްފިރުއްﷲ.... ޔާރައްބީ... ކޮންފަދަ ބޮޑު ފާފައެއް މިކުރެވުނީ... އެއީ ޔަގީން މީހެއްގެ ފިރިއެއްކަން" ކުރެވުނު ކަންތަކާ ކަންބޮޑުވެ އެހާ އަވަހަށް އާވާ ބުނެލައިފިއެވެ.
މެންދުރުގެ ކެއުން މާހިލް އަބަދުވެސް ނަގަނީ ގޭގައެވެ. އެހެންނަމަވެސް މިފަހަރު އޭނާ ޚިޔާރުކުރީ މަތީގައި ހުންނަ ރެސްޓޯރަންޓެވެ. އޭނާ އެކުގައި ދާން ޝާނިމްއަށް ގުޅަން އުޅެފައި ހިތަށް އެރި އެއްޗަކުން މަޑުކޮށްލިއެވެ. އާމާޔާ އަކީ ޝާނިމްގެ ލޯބިވެރިޔާ ކަން މާހިލްއަށް އިނގެއެވެ. ދެކުދިން އެކުގައި ހޭދަކޮށްލަން ލިބޭ ވަގުތުކޮޅަށް އޭނާ ހުރަހަކަށް ވެދާނެތީ އޭނާ ޝާނިމްއަށް ނުގުޅާ ލިފްޓަށް އެރިއެވެ.
ރެސްޓޯރަންޓަށް ވަންއިރު އޮފީހުގެ މުވައްޒަފުން މެންދުރުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައެވެ. އޭނާ ދިމާލަކަށް ކަޅި ހިންގާވެސް ނުލާ ވަނީ އޭނާއަށް ހާއްސަކޮށްފައިވާ ބަޔަށެވެ. އޭނާ ގޮނޑީގައި އިށީނުމަށްފަހު ޝާނިމް ގުޅައިލިއެވެ. ވަދެގެން އައި ގަޑީގައި ޝާނިމް އެކަނި މޭޒެއް ކައިރީގައި އިންދާ އޭނާއަށް ފެނިއްޖެއެވެ. އޭނާއާއި އެއް މޭޒެއްގައި އިށިންނަން ޝާނިމްއަށް މަނައެއް ނޫނެވެ.
މާގިނަ އިރެއް ނުވެ ޝާނިމް އައިސް މާހިލް ކައިރީގައި އިށީނެވެ.
"ގުޅަން އުޅެފައިވެސް ހިތަށް އަރައިފި ޝާނިމް އާމާޔާ އާ އެކު ދާން ބޭނުންވެދާނޭ" މާހިލް ބުނެލިއެވެ. އާމާޔާ އާ ގުޅުވައިގެން މާހިލް ބުނުމުން ޝާނިމް ލަދުގަތެވެ.
"އިނގޭ ދެމީހުންގެ ގުޅުން" ޝާނިމް ބަހެއް ނުކިޔާ ހީލުމުން މާހިލް ބުނެލިއެވެ.
"އަހަރެންގެ އެއްވެސް މައްސަލައެއްނެތް. ފާހަގަކުރެވޭ މާޔާގެ މަސައްކަތް" ހީލަމުން މާހިލް ބުނެލިއެވެ.
"ޝާނިމް އަދިވެސް ވަރަށް ބީރައްޓެހި އަހަރެން ކައިރީގަ ހުންނައިރު" ހުރިހާ ވާހަކައެއް ދައްކަމުން ދިޔައީ މާހިލްއެވެ.
"ހެހެހެ.. ނޫން. އަޅުގަނޑު މި ހިތަށް އަރަނީ ޕީއޭ އަށް އިންނަ ރޫމް ހަމަ ސަރ ގެ ރޫމާ ވަކިންހޭ ބަހައްޓާނީ" ޝާނިމް އެންމެފަހުން ވާހަކައެއް ދެއްކިއެވެ.
"ޝާނިމް ވަރަށް ގާތް މީހެއްގެ ގޮތުގައި ދެކެވޭތީ ވަރަށް ބޮޑު ތެދެއް މިހަދަނި އިނގޭ... އަސްލު ބޭނުމެއްނޫން ޕީއޭ އަކަށް ގާރލްއެއް ބަހައްޓާކަށް. އެގޮތަށް ނިންމީ ޝާނިމްއަށް ލުއިކުރަން" މާހިލް ވާހަކަދެއްކިއެވެ.
"އެކަމަކު އެއީ ކީއްވެ؟ އޮފީހުގެ ބައެއް ސްޓާފުން ބުނޭ އެހެން" ޝާނިމް ބުނެލިއެވެ.
"ހެހެހެ... އިނގޭ... އެއީ އަހަރެން އަންހެންކުދިންނަށް ކުރާ އިހްތިރާމް" މާހިލް ބުނެލިއެވެ.
"ޕީއޭ އަކަށް ހަމަޖެހޭކުއްޖާ އަށް ވަރަށް ގަޔާވާ ތަނަކަށް ހަދަން ބޭނުން އެތަން. އޭނަ އެތަނުގައި އުޅޭ ގަޑިތަކުގަ ފިރިހެން ސްޓާފަކަށް ވަދެވެންޖެހޭނީ އޭނަގެ ހުއްދަ ލިބިގެން" މާހިލް ވާހަކަދެއްކިއެވެ.
"ސަރ އެހެންވީމަ ކުއްޖެއް ޗޫޒް ކުރާނީ ކޮންއިރަކުން؟" ޝާނިމް އަހައިލިއެވެ.
"ތިއީ މާބޮޑުކަމެއްނޫން. ހިނގާ ޝާނިމް އާ އަހަރެން ކުޑަ މީޓިންގއެއް ތިކަމަށް ބާއްވަމާ ދޯ. އަނެއްހެން ބުނަންޏާ އަހަރެންނަށް ޕީއޭ އަކަށް ވާން ވަރަށް ގާބިލް ކުއްޖެއް ފެނިއްޖެ. އެކަމަކު ޑިޒިޝަނެއް މޭކް ކުރާނީ ހުރިހާ ކުދިންގެ ތަޢުލީމީ ފެންވަރަށް ބަލާފައި." މާހިލް ވާހަކަދެއްކިއެވެ.
އާދައިގެމަތިން ފަތިސް ނަމާދަށްފަހު އަނުމް ބަދިގެއަށް ވަނެވެ. އޭނާގެ ދުވަހުގެ ފެށުން އޮންނާނީ ކިހިނެއްކަން އޭނާއަށް އިނގެއެވެ. ފުށްމޮޑޭ ތައްޓަށް ރޮށިފިހަން ބޭނުންވާ ވަރަށް ފުށްއަޅާފައި މޭޒު މަތީގައި ބަހައްޓާފައި ގޮސް ފެން ހޫނުކުރާ ޖަގު ޖެއްސިއެވެ. އޭނާ ލައިގެން ހުރި އަތްދިގު ހެދުމުގެ އަތްކުރި ކުޑަކޮށް އޮޅައިލިއެވެ.
ފެށުމުގެ ކުރިން އޭނާ ކިރު ތައްޓެއް ހަދާލައިފައި ފުރިޖުގައި އޭނާ ކުރީ ދުވަހު ކައިފާ ބާއްވައިފައި އޮތް ބިސްކޯދު ޕެކެޓް ހިފައިގެން އައިސް އިށީނެވެ. ގޭ އެއްވެސް މީހަކު ނުހޭލައެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެހެން ދުވަސްދުވަހު ނާސިހް ފަތިސް ނަމާދުން އައިސް ކޮފީއެއް ބޯން އަބަދުވެސް އޭނާ އާއެކު ބައިވެރިވެއެވެ. ނަމަވެސް މިއަދު ހަބަރެއް ނުވާތީ ފަތިސް ނަމާދަށް ނުހޭލެވޭކަން އޭނާއަށް އިނގުނެވެ.
"ސަންތިއަށް ނޭނގޭނެ 'ނަމާދު' މި ލަފްޒުގަ އިންނަނީ ކިތައް އަކުރުކަމެއްވެސް... ދެލޯ ހުޅުވާލެވޭ އިރަށް އަންނާނެ މަށަށް އަމުރު ހިންގަން. ވަރަށް ފޫހިވޭ" އަނުމް އަމިއްލަ ނަފްސަށް އިވޭވަރަށް ކިޔައިލިއެވެ.
"ހެލޯ...ސެކްސީ... ގުޑްމޯނިން..." އިވުނު އާރިޔަންގެ އަޑާއެކު އަނުމް ކޮށިއެރިއެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ބަލަން އެޖެހުނީ އެންމެ ފޫހިވާ އިންސާނާގެ މޫނެވެ.
"ހާދަ ފްރެޝްއޭ... މިއަދު ހަދަނީ ކޯޗެއް؟" އަނުމް ޖަވާބެއްނުދީ ދެލޯ އަޅައިލި މަންޒަރު ފެނުމުން އާރިޔަން ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.
"ކަލޭ އުޅޭ ރަށަށް ދާން ނޫޅެންތަ؟ ނުދާކަން އިނގޭނަމަ އަހަރެން ކޮޓަރިން ނުވެސް ނިކުންނާނަން" އަނުމް ބުނެލިއެވެ.
"ކޮންތާކު؟ މަށަށް އިނގޭ ނިކުންނާނެކަން. ކޮފީއެއް ހަދާދީބަލަ އަނޫގެ އަތުން" އާރިޔަން ބުނެލިއެވެ.
"އަހަރެން ޖެހޭތަ ކޮފީ ގިރައިދެން. ފުރޭތަ އަމިއްލައަށް ގިރަންވީނުން" އަނުމް ބުނެލައިފިއެވެ.
"އޭނާގެ ނަމަކީ ފުރޭތައެއް ނޫން. އަޙްމަދު އާރިޔަން. އަނުމްގެ ހާދަ ލަދެއްވެސް ނެތޭ ދޯ. ބަލަ އެއީ ފިރިހެން ކުއްޖެކޭ. އަމިއްލަ ބޭބެއެއްގެ ގޮތުގައި ދެކިފައި އޭނާ ބުނާ ގޮތަށް ކަންތައްކުރުމަކީ ހަޑިކަމެއް ނޫނޭ" ބަދިގެއަށް ވަދެގެން އައި ފަލަކްނާޒް ވާހަކަދެއްކިއެވެ. އަނުމް އާރިޔަންއަށް ބަލައިލިއިރު އާރިޔަން އިނީ ހެވިފައި އަނުމްއަށް ބަލަހައްޓައިގެންނެވެ. އެއީ އާރިޔަންގެ އަނުމް އެންމެ ފޫހިވާ ސިފައެވެ.
"ކޮބާ؟" އަނުމްއަށް އިވޭ ވަރަށް އާރިޔަން ބުނެލިއެވެ. އަނުމް ބޯން އިން ސައިތަށި ހިފައިގެން ގޮސް ޒިންކަށް އަޅާލާފައި ބަދިގެއިން ނިކުންނަން ހިނގައިގަތެވެ. އޭނާ އެތަނުގައި އިންނަން ވެސް ފޫހިވެއްޖެއެވެ. އޭނާގެ މުޅި ދުވަސް ޚަރާބުކޮށްލައިފިއެވެ.
"އަދިވެސް ދަނީތަ އޭނައަށް ކޮފީ ހަދާނުދީ" ފަލަކްނާޒް އިއްވައިލިއެވެ.
"އަހަރެން މިދަނީ ފާހާނާއަށް. ދެން އަމިއްލަ ދަރިފުޅަށް އަމިއްލަ އަތުން ކޮފީ ހަދާދީބަލަ. ނޭނގެނީތަ ކޮފީ ގިރަން. އެހެންވިއްޔާ އަހަރެން އަންނަންދެން މަޑުކުރޭ" އަނުމް ތުން އަނބުރާލާފައި ބަދިގެއިން ނިކުތެވެ. އޭނާ ކިތަންމެ މަސައްކަތް ކުރި ނަމަވެސް ފަލަކްނާޒާ ރީތިކޮށް ވާހަކައެއް ނުދެއްކެއެވެ.
"ދޮންތީ އަލަމްކޮގެ ބުށްތަށި" ދެލޯ ފުހެމުން ބަދިގެއަށް ވަދެގެން އައި އަލަމް ބުނެލިއެވެ. އަނުމްގެ ފިޔަވަޅު އެންމެ ތަންކޮޅެއްވެސް ކުރިއަށް ނުދިޔައެވެ. އޭނާ އަލަމް ނަގާ އުރައިލިއެވެ. ކޮލުގައި ބޮސްދިނުމަށްފަހު ގޮނޑީގައި ބޭންދިއެވެ.
"މީނައަށް އަދި ފެންފޮދެއްވެސް ބޮވޭ ކަމަށް ވާނީ މީނަ އަތުން" ހިތްހަމަނުޖެހިފައި ހުރި ފަލަކްނާޒް ބުނެލިއެވެ.
އަނުމް އަޅައެއް ނުލިއެވެ. އަލަމްގެ ބުށްތަށި ހަދާފައި އަލަމްގެ އަތަށް ލައި ދިނެވެ. އަލަމް ލަސްލަހުން ބުށްތަށި ބޯން ފެށުމުން އަނުމް ބަދިގެއިން ނިކުތެވެ. އޭރުވެސް އާރިޔަން އިނީ ބަލަހައްޓައިގެންނެވެ.
"ވަރަށް ގޮތެއްނެތް އަންހެނެއް. ދަރިފުޅާ! މަޑުކޮށްލާ މަންމަ މިލްކު ކޮފީއެއް ހަދައިދޭނަން" ފަލަކްނާޒް ވަދެގެން ގޮސް ކޮފީ ހެދުމައިގެން އުޅުނެވެ.
މޭޒު ކައިރީގައި އިން އާރިޔަންގެ ތުންފަތް މައްޗަށް ލަސްލަހުން ހިނިތުންވުމެއް ވެރިވިއެވެ. އަނުމް އޭނާގެ މަންމަ އާ އެ މޭރުމުން ވާހަކަދެއްކިޔަސް އޭނާއަށް އެއްވެސް މައްސަލައަކަށް ނުވެއެވެ. އެހެނީ ފަލަކްނާޒަށް ވެސް އަނުމް އާ މެދު ފެށުނީއްސުރެވެސް ކަންތައް ކުރެވެނީ ރަނގަޅަށް ނޫން ކަން އޭނާއަށް އިނގެއެވެ. އަނުމް ހުންއައިސްގެން ކިތަންމެ އިރަކު އޮތަސް އަޅާނުލާ ކިތަންމެ ދުވަހެއް ގޮށްސިއެވެ. އަމިއްލަ ހަރަދުގައި ގެއަށް ޕިއްޒާ ގެނެސްގެން ކާއިރު އަނުމް ކުރިމަތީގައި އިނަސް ދިއްކޮށްނުލާނެއެވެ. ނުކެވިގެން ޑަސްބިނަށް އަޅާފައި ހުއްޓަސް ނުދޭނެއެވެ. ޕިއްޒާއަކީ އަނުމްއަށް މީރު އެއްޗެއް ކަން އޭނާއަށް އިނގުނީ އެއްދުވަހު ފަލަކްނާޒް ގެއަށް ޕިއްޒާ ގެނެސްގެން އުޅުނު ދުވަހު ބަނޑުފުރި ނުކެވުނު ބައި ޑަސްބިނުގައި ހުއްޓާ ނަގައިގެން އަނުމް ކާން އިން މަންޒަރު އޭނާއަށް ފެނުމުންނެވެ. އެދުވަހު އޭނާ ދެރަވެސްވިއެވެ. ނަމަވެސް އޭނާއަކީ ދުވަހަކުވެސް ލޯބިވާ މަންމަ އާ ދެކޮޅަށް އަޑު އުފުލި މީހަކަށް ނުވާތީ ހުންނަނީ ފެންނަ މަންޒަރުތައް ނުފެންނަ ކަމަށް ހަދައިގެންނެވެ. މިހާތަނަށް ފަލަކްނާޒް ވެސް އޭނާއަށް އެއްވެސް ކަމެއް މަނާ ކޮށްފައެއް ނެތެވެ.
ވަޒީފާ ހަމަޖެހުނުކަން އަނުމްއަށް އެ އޮފީހުން އެންގީ އޭގެ އަނެއް ދުވަހު ފޯނު ކޯލަކުންނެވެ. ޖެހިގެން އަންނަ ދުވަހަކީ އޭނާގެ ވަޒީފާގެ ފުރަތަމަ ދުވަހަށްވާތީ އޭނާ ހުރީ ހިތްއަވަސްވެފައެވެ. ޔަގީނުންވެސް އެދުވަސް ވެގެން ދާނީ އޭނާގެ ހަޔާތުގެ ވަރަށް މުހިންމު ދުވަހަކަށެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. އާވާ ކޮޓަރިން ނިކުމެގެން އައިސް ސިޓިންގރޫމް ސޯފާގައި އިން ހާޖަރު ކައިރީގައި އިށީނެވެ. ހާޖަރު އިނީ ތަޢުޙީދު ފޮތެއް ކިޔާށެވެ.
"މަންމާ! ބޭރަށް އެބަ ނިކުމެލަން އަނޫ އާ އެއްކޮށް" ހާޖަރު ކައިރީގައި އިށީންނަމުން އާވާ ބުނެލިއެވެ.
"ނަމާދު ކޮށްފިންތަ؟" ހާޖަރު އަހައިލިއެވެ.
"ނާމާދުކުރަން ވުޟޫކުރަން އުޅެނިކޮށް އިނގުނީ ނަމާދު ނުކުރެވޭކަން. އަންނާނަން އިރުއޮށްސެންވާއިރަށް" އާވާ ބުނެލިއެވެ.
"އެހެންވިއްޔާ ހަވީރު ޒިކުރުތައް ކިޔާފައި ދޭ. ތިހާލަތުގައި ހަމައެކަނި ނަމާދުނުކުރެވޭކަމާއި، ރޯދަ ނުހިފޭކަމާއި. ޤުރުޢާނުގައި ނުބީހެވޭކަން. މަންމައަކަށް ހިއެއްނުވޭ މިއީ އާވާއަށް ނޭނގޭ ކަންތައްތަކެއްހެން" ހާޖަރު ވާހަކަދެއްކިއެވެ.
"އިނގޭ. ތިހުރިހާ ކަމެއް ކޮށްފަ ދާނީ" އާވާ ބުނެލިއެވެ.
"ދަރިފުޅާ އަނުމްއަކީ ތިހާ ގާތްއެކުވެރިއެއް ކަމުގައި ވާނަމަ އެވީ ޖެހޭނެ ރަނގަޅު މަގު އަނޫއަށް ދައްކަން. މިބުނީ އެވީ ގޯސްކޮށް އުޅޭ ވާހަކައެއްނޫން" ހާޖަރު ވާހަކަދެއްކިއެވެ.
"އަނުއަކީ ގޯސްކުއްޖެއް ނޫން މަންމާ. އަޅުގަނޑުގެ އެކުވެރިއަކަށް ވެވޭނީ އަޅުގަނޑު ކަހަލަ ކުއްޖަކަށް" އާވާ ވާހަކަދެއްކިއެވެ.
ބޮޑުތަކުރުފާނު މަގުން އާވާ އާ އަނުމް ހިނގާފައި އައީ ބުރިޖާއި ވީ ދިމާލަށެވެ. ގޯޅި ގަނޑެއްގެ ތެރޭގައި ހުރި ގާޑިޔަލަކުން ކުރުނބާ ބޯން ޖައްސާލިއިރު އަނުމްގެ މޫނުމަތި ވަނީ މިލައިފައެވެ.
"އަނޫ! ދެން ތިހެން ނީނދެބަލަ. ވަރަށް މޫޑުގެއްލޭ ތިހެން އިނީމަ" އަނުމްގެ އަތުގައި ހިފައިލަމުން އާވާ ބުނެލިއެވެ.
"ހަމަ ރުޅިއާދެވެނީ. އޭނަ ފެނުނީމަ ހާދަ ފޫއްސެކޭ މިވަނީ. ސަންތި ހަޅޭއްލަވާއިރު އަދި އިންނާނީ ނުލަފާ ޒާތަކަށް ހޭން" އަނުމް ވާހަކަދެއްކިއެވެ. ކުރިމަތީގައި ހުރި ހުދު ކުލައިގެ ކުޑަ މޭޒުމަތީގައި ހުރި ކަނޑާފައި ހުރި ކުރުނބާގައި އޭނާ އަތް ޖައްސާވެސް ނުލައެވެ.
"ފަހަތަށް ދާ ކަންތައްތައް މަތިން ހަނދާން ނައްތާލަބަލަ އަނޫ. ތި ކުރުނބާ ބޯލައިގެން ހިނގާބަލަ ދާން. މިއަދު އެބަޖެހޭ ދާމް ކައިރީގައި ބުނި ވައުދެއްވެސް ފުއްދަން. ދާމް ބުނި ބުރިޖު އެއްކޮޅުން އަނެއްކޮޅަށް މަށަށް ނުހިނގޭނޭ. މިއަދު އެކަންކޮށްފަ ގެއަށް ދާން ބޭނުމީ" އާވާ މަސައްކަތްކުރީ އޭނާގެ ވާހަކަތަކުން އަނުމްގެ ވިސްނުން އެހެން ދިމާލަކަށް ގެންދެވޭތޯއެވެ.
އާވާ އަނުމްއަށް ބަލަހައްޓައިގެން އިނީ އަނުމް އެއްވެސް ބަހެއް ނުކިޔާ އަދިވެސް މޫޑީވެފަ އިނީމައެވެ.
"ތި ނުތަނަވަސްކަމުން އަރައިގަންނަން އަނޫއަށް އަހަރެން ވަރަށް މޮޅު ފަރުވާއެއް ކިޔައިދީފާނަން" އެންމެފަހުން އާވާ ބުނެލިއެވެ. އަނުމް ބޯޖަހައިލިއެވެ.
"އަހަރެމެންގެ މާތް ނަބިއްޔާ އިރުޝާދު ދީފައިވޭ ހަތަރު ކަމަކުން ހިތްތަކަށް ހިތްހަމަޖެހުން ގެނުވާނެ ކަމަށް. ޞަދަޤާތް ކުރާށޭ، ދުޢާ ކުރާށޭ، އިސްތިޣުފާރު ކުރާށޭ، އެކަލޭގެފާނުގެ މައްޗަށް ގިނަގިނައިން ޞަލަވާތް ކިޔަވާށޭ. މިއިން އެއްވެސް ކަމެއް ކުރަން ވަކި މިންވަރެއް ކަނޑާއަޅާފައެއް ނޯވޭ... މިހާ ފަސޭހައިން ހުރިހާ ކަމަކަށް ޙައްލު ލިބެން އޮށްވަ ކީއްކުރަން ބޯހާސްކުރަނީ..." މަޑުމައިތިރިކަމާއެކު އާވާ ވާހަކަދައްކަމުން ދިޔައެވެ.
"މިހާރުވެސް ހިތްހަމަޖެހިއްޖެ" ހީލަމުން އަނުމް ވާހަކަދެއްކިއެވެ.
ފަތިސް ނަމާދުން އައިސް މާހިލްއަށް ގެއަށް ވަދެވުނީ ހައެއް ޖަހަން އުޅެނިކޮށެވެ. އޭނާ ގެއަށް ވަނުމާއެކު އާދައިގެ މަތިން ޓޮމީ މަރުހަބާ ކިއިއެވެ. އޭނާ ޓޮމީ ނަގާ އުރާލަމުން ބޮލުގައި ބޮސްދިނެވެ. ޓޮމީއަށް ހާއްސަކޮށްފައިވާ ތަނުގައި ބޭއްވުމަށްފަހު އޭގެއަށް އަތުން ލަވައިގެން ކާން ދިނެވެ. އެއަށްފަހު އޭނާ ބަދިގެއަށް ވަނީ އޮފީހަށް ދިޔުމުގެ ކުރިން ކާއެއްޗެއް ރޯފިލުވާލުމަށެވެ. މޭޒުމަތީގައި އޭނާ ނަމާދަށް ދިޔުމުގެ ކުރިން ނަގާފައި ހުރި ތަރުކާރީތަކުން ކުޑަ މިންވަރެއް ކޮށައިލިއެވެ. ތަވާއަށް ކުޑަ ތެޔޮފޮދެއް އަޅައިލުމަށްފަހު ތަރުކާރީއާއެކު ބިސްގަނޑެއް އަޅަން ތައްޔާރުކޮށްލިއެވެ. އެއަށްފަހު ކޮފީއެއް ހަދައިގެން އައިސް މޭޒު މަތީގައި ބެހެއްޓިއެވެ. ކާމޭޒުމަތީގައި ހުރި ބްރައުން ބްރެޑާއެކު އޭނާ ރަނގަޅަށް ހެނދުނުގެ ސައި ބޯލިއެވެ. އެއަށްފަހު ބަދިގެ ސާފުކޮށްލިއެވެ. އޭނާ ހަޑިކުރި އެއްޗެހި ދޮވެލިއެވެ. ނިދާ ކޮޓަރިއަށް ވަދެ ދާވެފައި ހުރި ހެދުންތައް އޮޓޯ މެޝިނަށް އަޅާ ޖައްސައިލިއެވެ. އެހުރިހާއިރު ޓޮމީ ސޯފާގައި އޭނާގެ ހަރަކާތްތަކަށް ބަލަން އޮތެވެ.
މުވައްޒަފުންނަށް ވުރެ ކުރިން އޮފީހަށް ދިޔުމަށް އަބަދުވެސް އޭނާ ސަމާލުކަން ދެއެވެ. އޭނާގެ ދަށުން މަސައްކަތްކުރާ ކުދިންނަށް އަބަދުވެސް ނަމޫނާއަކަށް ވާން އޭނާ މަސައްކަތް ކުރެއެވެ.
އޮފީހާއި އިންވެގެން ހުރި ގަރާޖުގައި ކާރު ޕާކް ކުރުމަށްފަހު އޭނާ އޮފީހާ ދިމާލަށް އަންނަމުން އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. އަށެއް ޖަހަން ތިރީސް ފަސް މިނިޓް ހުއްޓެވެ. ކުއްލިއަކަށް އޭނާގެ ސަމާލުކަން އަތުލައިގަތީ އޮފީހަށް ވަދެގެން ދިޔަ އަންހެން ކުއްޖެކެވެ. ކަޅު ހެދުމުގައި ހުރުމުން އެއީ ކާކުކަން ފުރަތަމަ ފެނިލުމުންވެސް އޭނާއަށް އިނގިއްޖެއެވެ.
ރިސެޕްޝަނުގައި ހުރި ގޮނޑިއެއްގައި އިން އާވާ ކުއްލިއަކަށް ކޮޅަށް ތެދުވީ ވަދެގެން އައި މާހިލް ފެނުމުންނެވެ. އޭރު އޮފީސް ހުޅުވަން އައި މަސައްކަތު މީހާ އޮފީސް ތެރޭގެ އެކި ސެކްޝަންތަކުގެ އޭސީތައް ޖައްސަން އުޅެއެވެ. އެ ތިން މީހުން ނޫން އިތުރު އެއްވެސް މީހަކު އޮފީހުން ފެންނަން ނެތެވެ. މާހިލް އަރާ ހަމަވުމާއެކު އާވާ ވާހަކަދެއްކުމަށްޓަކައި ދެ ތުންފަތް ހުޅުވައިލިއެވެ.
"ސަލާމް ސަރ" އާވާގެ އަޑު އިވުމާއެކު މާހިލްގެ ފިޔަވަޅުތަކަށް ލަސްކަމެއް އައެވެ.
"ވަޢަލައިލުމުއްސަލާމް" އޭނާއަށް ޖަވާބެއް ނުދީ ކުރިއަށް ދާން ނުކެރުނެވެ. މާހިލް ކެބިންއަށް ވަނުމާއެކު އާވާ އަނެއްކާވެސް ގޮނޑީގައި އިށީނެވެ. ވަޒީފާގެ ފުރަތަމަ ދުވަސް ކަމަށްވުމާއެކު އޭނާއަށް ހަދަންވީ ގޮތެއް ނޭނގެއެވެ.
ކެބިންއަށް ވަން ގޮތަށް މާހިލް ގޮނޑީގައި އިށީނެވެ. ލޮލުގައިވާ އައިނު ނަގާ މޭޒު މަތީގައި ބޭއްވުމަށްފަހު ލެގިލިއެވެ. އޭނާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އޭނާ އާވާގެ ސަލާމް ބަލައިގަތީ ކީއްވެގެން ހެއްޔެވެ؟ އެހެން ދުވަސްތަކުގައިވެސް އޮފީހުގެ މުވައްޒަފުން އޭނާ ވަދެގެން އަންނައިރު ސަލާމް ގޮވައެވެ. އެއިން އެއްވެސް ކުއްޖަކަށް އޭނާ އަނގައިން ޖަވާބެއް ދީފައި ނުވާއިރު ހަމައެކަނި ހިނިތުންވުމަކުން ފުއްދާލަނީއެވެ. ވީއިރު އާވާއަށް ޖަވާބުދެވުނީ ކީއްވެގެން ހެއްޔެވެ؟ އޭނާ ގޮނޑިން ތެދުވެގެން ގޮސް ބޭރު ފެންނަގޮތަށް ހުރި ކުޑަ ދޮރު ކައިރީގައި ހުއްޓިލިއެވެ. ބޭރުން ފެންނަމުންދާ މަންޒަރުތަކުން އޭނާގެ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. އޭނާ ގޮނޑީގައި އަލުން އިށީނުމަށްފަހު ގަޑި ބަލައިލިއެވެ. އަށެއް ޖަހާ ބޮޑުވެއްޖެއެވެ. އަދިވެސް ޝާނިމްގެ ހަބަރެއް ނުވެއެވެ. އޭނާ ފޯނު ނަގަފައި ދެތިން ފަހަރަކު ޝާނިމްގެ ނަންބަރަށް ގުޅައިލިއެވެ. ހަބަރެއް ނުވިއެވެ. ބޮޑު ކަމެއް ނުވަނީސް އެގޮތަށް ހަބަރެއް ނުވެ ޝާނިމް ނުހުންނާނެކަން އޭނާއަށް އިނގެއެވެ. އެހެންކަމުން ޝާނިމްއަށް ކުޑަ ވަގުތުކޮޅެއް ދޭން އޭނާ ނިންމިއެވެ.
ކޮމްޕިއުޓަރުން ނޫސް ހުޅުވައިލިއެވެ. ވަކިވަކިން ހުރިހާ ބައެއް ބަލަމުން ދިޔައެވެ. ލިޔުންތެރިން އެމީހުން އަރުވަން އޭނާ އެޕްރޫވް ކޮށްފައިވާ ހުރިހާ ދީނީ ހަބަރުތަކާ އާޓިކަލްތައް އަރުވަމުން ދިޔައެވެ. މައްސަލައެއް ހުރިތޯ އޭނާ ތަކުރާރުކޮށް ޗެކް ކުރަމުން ދިޔައެވެ. ކުއްލިއަކަށް އޭނާ ސިހުނީ ކެބިންގައި ޓަކި ޖަހާލި އަޑަށެވެ.
"ވަދޭ" މާހިލް ބުނެލިއެވެ. އޭނާ ހީކުރީ ވަންނާނީ ޝާނިމް ކަމަށެވެ. އެކަމަކު ދޮރު ހުޅުވާލައިފައި ވަން އާމާޔާ ފެނި މާހިލް ޚައިރާންވިއެވެ.
"ސަރ ޝާނިމް އޮތީ އެޑްމިޓްކޮށްފަ ރެއިން ފެށިގެން. އަޅުގަނޑު ގުޅާލީމަވެސް ފޯނެއް ނުނަގާ. އެގޭ މީހަކު އަޅުގަނޑު ކައިރީގައި ބުނީ" އަމާޔާ ބުނެލިއެވެ. އަމާޔާއަށް މާހިލްއަށް ހަތަރުކަޅި ހަމަކޮށްގެން ހުރެ ވާހަކަދައްކަން ނުކެރުނެވެ.
"އާނ ހިތަށް އަރައިފިއޭ އަނެއްކާ ކިހިނެއްވީބާއޭ" މާހިލް އެކުވެރިކަމާއެކު ބުނެލިއެވެ.
"ސަރ.. އެބައިން އާވާ" ހިނދުކޮޅަކު މަޑުކޮށްލުމަށްފަހު އަމާޔާ ބުނެލިއެވެ.
"އާނ.. މާޔާ ބިޒީތަ؟" މާހިލް ގޮނޑިން ތެދުވަމުން އަހައިލިއެވެ.
"ކުޑަކޮށް. މިއަދަށް ނިންމަންޖެހޭ ކަމެއްގަ މިއުޅެނީ" އަމާޔާ ބުނެލިއެވެ.
"އެހެންވީމަ މާޔާ ދިޔަސް އެންމެ ރަނގަޅު. ގޮށްސަ ރައުހާ ފޮނުވާލަދީ" މާހިލް ބުނެލިއެވެ.
އަމާޔާ ނިކުމެގެން ދިޔުމުން މާހިލް އަވަސްވެލީ ޝާނިމްގެ ހާލު ބެލޭނެ ގޮތެއް ހޯދުމެވެ. އިރުކޮޅެއްވީތަނާ ޓަކި ޖަހާލި އަޑު އިވުނެވެ.
"ލައްބަ ސަރ" ރައިހާ ކެބިން އެތެރެ ވެލުމަށްފަހު ބުނެލިއެވެ.
"ޝާނިމް އުޅެނީ ބަލިކޮށް. އޭނަ ރަނގަޅުވަންދެން ކުޑަ ޗުއްޓީއެއް ދީފިން އިނގޭ. ދެން އިންނާނެ އަޅުގަނޑުގެ ޕީއޭ އަކަށް ނެގި ކުއްޖާ ރިސެޕްޝަނުގަ. އެއީ އާވާ. އާވާ ގޮވައިގެން އާދެބަލަ" މާހިލް ބުނެލިއެވެ.
ރައުހާ ނިކުމެގެން ދިޔައެވެ. ޝާނިމްގެ ޗުއްޓީ ކަންތަކާއި ފަހުން އުޅެން ހިތުލައިގެން ހުރެ އޭނާ ނިކުތީ ރިސެޕްޝަނަށެވެ. ގޮނޑީގައި ކަންބޮޑުވެފައި އިން އާވާއަށް ރައުހާ ގޮވައިލިއެވެ.
"މިއީ ރައުހާ އިނގޭ. އާވާ ދޯ" އެކުވެރިކަމާއެކު ރައުހާ ބުނެލިއެވެ.
"ލައްބަ" އާވާ ބުނެލިއެވެ.
"ލައްބަ ނުކިޔަސް އޯކޭ ވާނެ. މީ ހަމަ އާވާ ކަހަލަ އާދައިގެ ސްޓާފެއް މިއޮފީހުގެ. ސަރ އެބަ ގޮވާލައްވާ. ހިނގާ" އެކުވެރިކަމާއެކު ރައުހާ ބުނެލިއެވެ.
ރައުހާއާއި އެކީގައި އާވާ ހިނގައިގަތްއިރު އޭނާ ހިތުގައި ނުތަނަވަސް ކަމެއް ވިއެވެ. ބޮޑުމީހާ ކުރިމައްޗަށް އަރަން ޖެހޭތީ އޭނާ ކަންބޮޑުވިއެވެ.
ރައުހާ މާހިލްގެ ކެބިންގައި ޓަކި ޖަހައިލިއެވެ. ހުއްދަ ލިބުމާއެކު އެތެރެއަށް ވަނެވެ. ފަހަތުން ވަން އާވާ އެއްފަރާތުގައި އިން މާހިލްއަށް ބަލައިލި ވަގުތު އެއީ މާހިލްވެސް ބަލައިލި ވަގުތެވެ. ހަތަރުކަޅި ބައްދަލުވުމާއެކު މާހިލް ނަޒަރު ބަދަލުކޮށްލިއެވެ.
"އިށީނދޭ" މާހިލް ބުނެލިއެވެ.
އާވާ ރައުހާގެ މޫނަށް ބަލައިލަމުން މާހިލް އާ ދިމާލަށް ހުރި ގޮނޑީގައި އިށީނެވެ. އޭނާގެ ހަރަކާތްތަކުގައި ވަނީ ލަސްކަމެވެ. ފުރަތަމަ ދުވަސް ކަމުން އޭނާ ހުރީ ހިތްއަވަސްވެފައެވެ.
"އާވާ ދޯ ކިޔަނީ" މާހިލް އަހައިލިއެވެ.
"ލައްބަ" އާވާ ބުނެލިއެވެ.
"އަޅުގަނޑަށް ކިޔަނީ މާހިލް. އާވާގެ މަސައްކަތް ޝާނިމް މިއަދު ކިޔައިދޭގޮތަށް އޮތީ. އެކަމަކު ޝާނިމް ބަލިވެގެން ނާދޭ. އެހެންވީމަ ރައުހާ ކިޔައިދޭނެ ހުރިހާ ކަމެއްވެސް" މާހިލް ބުނެލިއެވެ.
މާހިލް ވާހަކަދައްކާ ނިމުމާއެކު ރައުހާ އާވާގެ އަތުގައި ހިފައިލިއެވެ. އަދި އޭނާ އާ އެކު އައުމަށް ބުނެލިއެވެ.
"އާވާ އެހެން ސްޓާފުންނަށް ތަޢާރަފް ކޮށްދޭތީ އިނގޭ އެންމެ ފުރަތަމަ" ނިކުންނަން ދިޔަ ރައުހާއަށް ގޮވައިލަމުން މާހިލް ބުނެލިއެވެ.
އެ އޮފީހުގައި އަންހެން މުވައްޒަފަކާއި އެގޮތަށް ކެބިންއަށް ގެނެސްގެން އެއީ އޭނާ ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އަބަދު އެގޮތަށް އަންހެނުންނާ ކުރިމަތިނުލާ ނޫޅެވޭނެކަން އޭނާއަށް އިނގެއެވެ. އެހެން ނަމަވެސް މާޒީގައި އޭނާއަށް ވަނީ އަންހެނުންނާ މެދު ވަރަށް އިހާނެތިކޮށް ކަންތައް ކުރެވިފައެވެ. އެހެންކަމުން އަންހެނުންނަށް ކުޑައިމީސް ބަހެއް ބުނެވިދާނެތީ އަބަދުވެސް އޭނާ ވިސްނައެވެ. މިދުނިޔެއިން އޭނާ އެންމެ އިހުތިރާމް ކުރާ މީހުންނަކީ އަންހެނުންނެވެ.
ރައުހާ އެކުގައި އާވާ މުޅި އޮފީސްތެރޭގައި މުވައްޒަފުންނާ ބައްދަލުކުރަމުން ދިޔައެވެ. ކޮންމެ ކުއްޖެއް އާވާ އާ ވާހަކަދައްކަނީ ހިތްހެޔޮކަމާ އެކުގައެވެ.
"37 އަހަރު" މާހިލް ހިތާހިތުން ކިޔައިލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މޭޒުމަތީގައި ބަހައްޓާފައި ހުރި ކުޑަ ކަލަންޑަރަށެވެ.
(ނުނިމޭ)