ކޮލަމް

ކެޔޮނިރު ކޮލަމް: ކާރުރޭސް ޑިޕްލޮމެސީ، ސައުދީ ވަލީއަހުދާއި ޔޫއޭއީގެ ވެރިންނާއި ދިވެހި ދެރައީސުންގެ "ސިއްރު" ދަތުރު!

މުހައްމަދު ބުޝްރީ

ޔޫއޭއީގެ ވަލީއަހުދު ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖުލިހުގެ ރައީސް މުހައްމަދު ނަޝީދު މިވަގުތުވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައެވެ. ޔޫއޭއީން ފޮނުވި ޕްރައިވެޓް ޖެޓެއްގައި މިދެބޭފުޅުން އެޤައުމަށް މިކުރައްވާ ދަތުރުފުޅަކީ އެޤައުމުގައި އޮތް ފޯރމިއުލާ ވަން ކާރު ރޭހެއް ބައްލަވައިލެއްވުމުގެ އިތުރުން ޔޫއޭއީގެ ވަލީއަހުދާއި އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލު ކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެއެވެ.

މިދަތުރުފުޅާ ގުޅިގެން ފާހަގަ ކޮށްލެވޭ ބައެއް ނުކުތާތައް ތިރީގައި ބަޔާން ކުރާނަމެވެ:

1. މިއީ ރައީސް ސޯލިހަށް ވެރިކަން ލިބިވަޑައިގަތް ފަހުން ޔޫއޭއީއަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅު ކަން ފާހަގަ ކޮށްލެވެއެވެ. ފުރަތަމަ ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހު ޔޫއޭއީއަށް ވަޑައިގަތީ މިއަހަރުގެ ޖެނުއަރީ މަހުއެވެ. އެހެން ކަމުން ޔޫއޭއީ އަކީ ރައީސް ސޯލިހަށް ސިޔާސީ ގޮތުން ވަރަށް މުހިއްމު ޤައުމެއް ކަން މީގެން ދޭހަވެއެވެ. ޔޫއޭއީ އަކީ ތެލުގެ މުއްސަނދިކަން ލިބިފައިވާ އަރަބި ޤައުމަކަށް ވުމުގެ އިތުރުން ސައުދި އަރަބިޔާއާ ވަރަށް ގާތް ސިޔާސީ ގުޅުމެއް އޮންނަ ޤައުމަކަށް ވުމުން ދެރައީސުންގެ މިދަތުރުފުޅަކީ ސައުދީއާވެސް ގުޅިފައިވާ ދަތުރުފުޅެއްކަން ކަމަށް ބެލެވިދާނެއެވެ.

2. ރާއްޖޭގެ ދެ ރައީސުން ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދުބާއީއަށް ވަޑައިގަތް މި ދުވަސްވަރަކީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވެސް ދުބާއީއަށް ވަޑައިގަތް ވަގުތެއް ކަމުގައި ވުމަކީ އިއްތިފާގެއްތޯ ސުވާލު ކޮށްލުމަކީ ވެސް ނެތް ކަމެއް ނޫނެވެ. މިދޭތެރެއަކުން ރާއްޖޭގެ ފޮރިން މިނިސްޓަރު ސައުދީ ސަރުކާރަށް ފާޑުވިދާޅުވެ ޤަތަރު ސަރުކާރަށް ސިޓީއެއް ފޮނުއްވިކަމަށް މީޑިއާގައި ވާހަކަ ދެކެވުނެވެ. ދެރައީސުންގެ މިދަތުރަކީ ސިއްރިޔާތުގައި ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލު ކުރައްވައި ސައުދީ އާއި ރާއްޖޭގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޔޫއޭއީ މެދުވެރިކޮށް ކުރި ސިއްރު ޑިޕްލޮމެޓިކް ދަތުރެއްތޯ ވެސް ސުވާލު ކޮށްލެވިދާނެއެވެ.

3. ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އަކީ ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖޭގައި (ފ.އަތޮޅުގައި) ބިޔަ އިންވެސްޓެއް ކުރައްވައި، ދުބާއީ ފަދަ ސިޓީއެއް ރާއްޖޭގައި ބިނާކުރައްވަން އުޅުއްވި އަރަބި ލީޑަރެކެވެ. އެދުވަސްވަރު އެމަޝްރޫއާ އެންމެ ބޮޑަށް ދެކޮޅުހެދީ އެއިރު އިދިކޮޅުގައި އޮތް އެމް.ޑީ.ޕީ އެވެ. ނަމަވެސް މިހާރު އެމް.ޑީ.ޕީ ވެރިކަމުގައި އޮތުމުން، ރާއްޖެއަށް އިތުރު އިންވެސްޓްމެންޓް ގެނައުމުގެ ގޮތުން ސައުދީއާ އެކު މިފަދަ ޑީލަކަށް އަލުން ދިއުމަކީ ވެސް ޔޫއޭއީ ގެ މިދަތުރުގެ ތެރެއިން ހަމަ ހިނގައިފާނެ ކަމެކެވެ.

4. ރައީސް ސޯލިހުގެ އިތުރުން މިދަތުރުފުޅުގައި މަޖުލިސްގެ ރައީސް މުހައްމަދު ނަޝީދު ބައިވެރި ކުރެއްވުމުގެ ބޭނުމަކީ ސައުދީގެ އިންވެސްޓްމެންޓް ފަދަ ބިޔަ އިންވެސްޓްމެންޓެއް ރާއްޖެއަށް އަންނައިރު މަޖުލިހުގެ ރުހުންވެސް މިފަދަ ބިޔަ މަޝްރޫއަކަށް މުހިއްމުވާނެތީ މަޖުލިހުގެ ރައީސް އޮންބޯޑް ކުރެއްވުން ކަމަށް ވެސް ހަމަ ވެދާނެއެވެ.

5. ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ޔޫއޭއީ އަށް ވިސާއާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް މިއަހަރު މެދުތެރޭ ވަނީ ހަމަޖެހިގެން ގޮސްފަ އެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ ހިމެނޭއިރު ސައުދި އަރަބިއާ އާއި ޔޫއޭއީ އިން ބޭނުންވާނީ ރާއްޖެއިން ޤަތަރާ ދުރުވެ ސައުދީއާ ސިޔާސީ ގޮތުން ކައިރި ވުމެވެ. ޤަތަރަކީ ސިޔާސީ ގޮތުން ސައުދިއަރަބިއާ އާއި ހިޔާލުތަފާތުވެފައިވާ އަރަބި ޤައުމެކެވެ.

6. ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ސިޔާސީ ފިކުރު ތަފާތުވެ، ދެބޭފުޅުންގެ މެދުގައި މައްސަލަ ތަކެއް އުފެދިފައިވާ ކަމަށް މީޑިއާގައި ބުނެވެމުން ދަނިކޮށް މި ދެބޭފުޅުން އެކުގައި މިފަދަ ދަތުރެއް ކުރައްވައި، އަދި ދެބޭފުޅުން ޓެނިސް ކުޅުއްވައި، ސޯޓު ތުރުކުރައްވައިގެން ދުބާއީގެ ބީޗްގައި ވަގުތު ހޭދަކުރައްވާ ފޮޓޯވެސް ވަނީ މީޑިއާގައި އާއްމުވެފައެވެ. އެހެންކަމުން މިދަތުރުފުޅަކީ ރާއްޖެއާއި ސައުދީއާއި ޔޫއޭއީގެ ގުޅުން ވަރުގަދަ ކޮށް އިތުރު އިންވެސްޓްމެންޓް ގެނައުމަށް ކުރާ ދަތުރެއްގެ އިތުރުން މިދަތުރަކީ ރައީސް ސޯލިހާއި ރައީސް ނަޝީދު އެއްގަލަކަށް އެރުއްވުމުގައި އަރަބި ދެޤައުމު މަސައްކަތް ކުރެއްވުމުގެ ދަތުރަކަށް ވެސް ހަމަ ވެދާނެއެވެ.

7. ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލައި 5 މިލިއަން ޑޮލަރުން ޖުރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން ޕީޕީއެމް ގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވަނީ އަރަބި ބަހުން ޓްވީޓެއް ކުރައްވައި، ޔާމީނު މިނިވަން ކުރެއްވުމަށް ޔޫއޭއީ ގެ އެހީ އަށް ވެސް އެދިވަޑައިގެންފައެވެ. އެހެން ކަމުން މިދަތުރުފުޅުގެ ބޭނުމަކީ ރައީސް ޔާމިނާ ކުރިން ވަރަށް ގާތް ގުޅުމެއް އޮތް ސައުދީ ސަރުކާރުގެ އިސްނެގުމަކަށް ރައީސް ޔާމީނަށް ލުޔެއް ހޯދައި ދިނުމަށް ރާއްޖޭގެ ވެރިންނާ މަޝްވަރާ ކުރުމަށް ހަމަޖެހުނު ދަތުރަކަށް ވެސް ހަމަ ވެދާނެއެވެ.

މިއީ ކޮންމެ ސަބަބަކާ ހުރެ ކުރެވުނު ދަތުރަކަށް ވިޔަސް ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ޔޫއޭއީ ދަތުރުފުޅަކީ ހަމައެކަނި ކާރު ރޭހެއް ބައްލަވައި ލައްވައި، ޓެނިސް ކުޅުއްވައި، ސޯޓު ތުރުކުރައްވައިގެން ޑުބާއީގެ ބީޗުގައި އަރާމުކޮށްލައްވަން ކުރެއްވި ދަތުރުފުޅެއް ނޫންކަން ޔަޤީނެވެ. މިއީ ރާއްޖެއާ ސައުދި އަރަބިއާ އާއި ޔޫއޭއީ ގެ ކުރިމަގާ ވެސް ގުޅިފައިވާ ދަތުރެކެވެ. މިއީ ބިޔަ ބޮޑު ސިޔާސީ ދަތުރެކެވެ. ރާއްޖޭގެ ކުރިމަގާ ގުޅިފައިވާ ދަތުރެކެވެ. ބަލަން ތިބެމާ ހިނގާށެވެ.