ސްޕެނިޝް ލަލީގާ

ފަހު ވަގުތު މެސީ ޖެހި ލަނޑުން އެތުލެޓިކޯ ބަލިކޮށް، ބާސާ އެނބުރި އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ފަހު ވަގުތު އާޖެންޓީނާ ތަރި ލިއޮނެލް މެސީ ކާމިޔާބުކޮށްދިން ލަނޑުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ބާސެލޯނާ އިން އެނބުރި ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރަށުން ބޭރުގައި ރޭ ކުޅުނު ލަލީގާ މެޗުން ބާސާ މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ކުރިން ވަގުތީ ގޮތުން ތާވަލުގެ އެއްވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ.

އެ މެޗުގެ ހަތްވަނަ މިނެޓުގައި އެތުލެޓިކޯ މެޑްރިޑަށް ލީޑު ހޯދުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ބާސާގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖޫނިއާ ފާޕޯއަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު އެތުލެޓިކޯގެ ޑިފެންޑަރު މާރިއޯ ހާމޯސާއަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ބާސާ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ބާސާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އެންޓޮއިން ގްރީޒްމަން ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން އުރުގުއާއީ ފޯވަޑް ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާ، އެތުލެޓިކޯގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓުގެ ތެރޭގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މެޗުގެ 41 ވަނަ މިނެޓުގައި އެތުލެޓިކޯގެ ސްޕެއިން ފޯވަޑް އަލްވާރޯ މޮރާޓާ ފޮނުވާލި ހަމަލާ، ބާސާގެ ކީޕަރު މާކް އަންދްރޭ ޓާ ސްޓެގަން މަތަކުރި އިރު، މެޗުގެ 43 ވަނަ މިނެޓުގައި ބާސާގެ ޑިފެންޑަރު ޖެރާޑް ފީކޭ ފޮނުވާލި ހަމަލާ އަމާޒުވީ އެތުލެޓިކޯ ގޯލުގެ ހުރަސް ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައި ނުވާ އިރު، މެޗުގައި ބާސާ އިން ޖެހި ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ސުއަރޭޒް ދިން ބޯޅައަކުން ބާސާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ މެސީއެވެ. ޕެނަލްޓީ އޭރިއާ ތެރެއިން މެސީ ފޮނުވާލި ހަމަލާ އަމާޒުވީ އެތުލެޓިކޯ ގޯލުގެ ތިރީ ކަނަކަށެވެ.

ލަލީގާގެ ތާވަލުގެ އެއްވަނައިގައި އޮތް ބާސާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑް، އެއިން ކޮންމެ ޓީމަކަށް ވެސް 14 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ބާސާ ކުރީގައި އޮތީ ގޯލެއްގެ ތަފާތުންނެވެ. ތާވަލުގެ ތިންވަނައިގައި އޮތް ސެވިއްޔާއަށް 15 މެޗުން ލިބިފައިވަނީ 30 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި އެތުލެޓިކޯ އޮތީ ކުޅުނު 15 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ ހަވަނައިގައެވެ.