ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރަކަށް މުއުތަސިމް އަދި ފަނޑިޔާރު ކަމަށް ސުއޫދު އައްޔަންކުރުމަށް މަޖިލީހަށް ފޮނުވައިފި

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މުއުތަސިމް އަދުނާން އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެ ދެބޭފުޅުންގެ ނަންފުޅު މިއަދު ފޮނުވައިފިއެވެ.

މުއުތަސިމް އަދި ސުއޫދުގެ ނަން ޖޭއެސްސީގެ މަޝްވަރާއަށް ރައީސް ފޮނުއްވީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ. އެއީ އެ މަގާމަށް ނަން ނޮމިނޭޓް ކުރުމަށް ރައީސަށް ލިބިލައްވާ އިހްތިޔާރުގެ ދަށުންނެވެ.

ޖޭއެސްސީން މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމި ކަންތައް ހާމަކޮށް ނެރުނު ބަޔާނެއްގައި ބުނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކާއި ރައީސް ފޮނުއްވި ނަންފުޅުތަކާއެކު އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ޝަރުތު ފުރިހަމަވެ ޝޯޓްލިސްޓު ކުރެވުނު ބޭފުޅުންނާއި އިންޓަވިއު ކޮށްފައިވާ ކަމަށެވެ.

އެއަށްފަހު އެކުލަވާލި ރިޕޯޓުގެ އަލީގައި އުއްތަމަ ފަނޑިޔާރުގެ މަގާމަށް އައްޔަންކުރުމަށް މުއުތަސިމް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހުސްނުއްސުއޫދު "ހައިލީ ރިކޮމެންޑަޑް" ކަމަށް ރައީސްއަށް މަޝްވަރާދިނުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމި ކަމަށް ޖޭއެސްސީން ބުނެއެވެ.

މުއުތަސިމްއަކީ މީގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. 2010 ވަނަ އަހަރު އެ މަގާމަށް އައްޔަންކުރުމަށްފަހު، މުއުތަސިމް މަގާމުން ވަކިކުރީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭރު މުއުތަސިމްއާއެކު އޭރު އުއްތަމަ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު ފާއިޒް ހުސައިން ވެސް މަގާމުން ދުރުކުރިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަނައިބު ކަމުގެ މަގާމަށް އައްޔަންކުރެއްވި ސުއޫދު މިހާރު ހުންނެވީ ރައީސް ސޯލިހު އުފެއްދެވި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައެވެ.

ސުއޫދުގެ އިތުރުން ދެން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ޖޭއެސްސީގެ މަޝްވަރާއަކަށް ރައީސް ފޮނުއްވި އަނެއް ނަންފުޅަކީ ހައިކޯޓުގެ ފަނޑިޔާރު އަބްދުލްރައުދޫ އިބްރާހިމްގެ ނަމެވެ.

ނަމަވެސް އޭނާއާ ގުޅޭގޮތުން ތިން ޝަކުވާއެއް މިއަދު ޖޭއެސްސީއަށް ލިބިފައިވާތީ، އެ ޝަކުވާތަކާމެދު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު އެ ނަންފުޅާމެދު ރައީސްއަށް މަޝްވަރާދިނުމަށް ވެސް މިއަދުގެ ކޮމިޝަންގެ ބައްދަލުވުމުގައި ނިންމިއެވެ.

ކުރިން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި ޑރ. އަހްމަދު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ ދީދީ ވެސް ވަނީ މަގާމުން ދުރުކޮށްފައެވެ. އޭގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ޑރ. އަހްމަދު އަބްދުﷲ ސައީދާއި އާދަމް މުހައްމަދު އަބްދުﷲ މަގާމުން ދުރުކުރީ މިމަހުގެ 18 ވަނަ ދުވަހުއެވެ. އަދި އަބްދުﷲ ދީދީ މަގާމުން ދުރުކުރީ މިދިޔަ އޯގަސްޓް މަހުގެ ތެރޭގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ރިޓަޔާވެފައެވެ. މިމަހުގެ 20 ވަނަ ދުވަހު އޭނާ ރިޓަޔާވުމަށް ޖޭއެސްސީއަށް ހުށަހެޅީ ސިއްހީ ހާލަތު ހުރިގޮތުން ކަމަށް ވިދާޅުވެއެވެ.