ކުޅިވަރު

128 ކުޅުންތެރިންނާއެކު ޓެނިސް ޗެމްޕިއަންޝިޕް ފަށައިފި

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބާއްވާ 49 ވަނަ އެސްޓީއޯ ނިޕޯން ޕެއިންޓް ޓެނިސް ޗެމްޕިއަންޝިޕް ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޓެނިސް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތް ފެށީ އިއްޔެވެ. އެ މުބާރާތް ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އެސްޓީއޯގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި މަރިޔަމް ޕަރްވީނެވެ.

އިއްޔެއިން ފެށިގެން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ މުބާރާތަކީ މިހާތަނަށް އެންމެ ގިނަ ކުޅުންތެރިން ބައިވެރިވާ މުބާރާތެވެ. އެ މުބާރާތުގައި ޖުމްލަ 128 ކުޅުންތެރިން ފެނިގެންދާނެއެވެ. އެއީ އަންހެން 68 ކުޅުންތެރިންނާއި ފިރިހެން 60 ކުޅުންތެރިންނެވެ.

އިއްޔެ ކުޅުނު މެޗުތަކަށް ބަލައިލާ އިރު، ފިރިހެނުންގެ 45 އަހަރުން މަތީގެ ޑަބަލްސް އިވެންޓުގައި ހަސަން ޝާމްއާއި އަހްމަދު އަލަމްގެ ޕެއާ އަތުން ޔޫސުފް ރިޒާއާއި އަހްމަދު ކަލީމްގެ ޕެއާ ވަނީ މޮޅުވެފައެވެ. ވިމެންސް އޯޕަން ސިންގަލްސް އިވެންޓުގައި އަޔާނީ މޫސާ ކަލީމް އަތުން ޔުމްނާ ޝަފީގު ވަނީ މޮޅުވެފައެވެ.

ފިރިހެނުންގެ އަށް އަހަރު ދަށުގެ ސިންގަލްސް އިވެންޓުން އަލާން އަހްމަދު ސާލިހު މޮޅުވި އިރު، އަންހެނުންގެ އަށް އަހަރުން ދަށުގެ އިވެންޓުން އައިޝަތު ލިވިއާ ޚަތީރް ވަނީ މޮޅުވެފައެވެ.

އެ މުބާރާޓުގެ މެއިން ސްޕޮންސަރަކީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ.