ޚަބަރު

އަންނަ އަހަރުގެ ބޮޑު މަސައްކަތަކަށްވާނީ ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކުރުން: އަސްލަމް

އާނިފާ ހުސެއިން ސިރާޖް

1

އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު މަސައްކަތަކަށް ވެގެންދާނީ ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގާއިމްކުރުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވައި ޝެޑިއުލް ދަތުރުތައް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ޖަޒީރާ ގައުމެއް ކަމުން ކަނޑުގައި ދަތުރުފަތުރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ރާއްޖެ އުފެދިފައި އޮތް ގޮތުން ރާއްޖޭގައި ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

"މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެއާޕޯޓެއް ނޭޅޭނެ. އަދި އުދުހިފައި އެއްތަނުން އަނެއްތަނަށް ދަތުރުކުރުމަކީ ކޮންމެ ދުވަހަކު އެއްފަހަރު މީހުން ކުރާ ކަމެއް ނޫން. ކޮންމެ ދުވަހަކު އެއްފަހަރު މީހުން އަރާނީ ޓެކްސީއަކަށް ނުވަތަ ބަހަކަށް ނުވަތަ ފެރީއަކަށް. ރާއްޖެ އުފެދިފައި އޮތް ގޮތުން އަޅުނޑަމެން އެބަޖެހޭ ރާއްޖެއަށް ޕަބްލިކް ޓްރާންސްޕޯޓް ނިޒާމެއް ގެނެސްދޭން," މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ރާއްޖެއަށް ގެނެވެން އޮތީ ޑޮމެސްޓިކް މެރިޓައިމް ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ، އަންނަ އަހަރު ސަރުކާރުގެ އެންމެ ބޮޑު އެއް މަސައްކަތަކަށްވާނީ ރާއްޖޭގައި ޑޮމެސްޓިކް މެރިޓައިމް ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިގަތުން ކަމަށާއި އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.

ޕަބްލިކް ޓްރާންސްޕޯޓު ނިޒާމެއް ގާއިމުކުރުމުން އެއާޕޯޓުން ފުރައިގެން ދެން ޖެހިގެން އޮންނަ ރަށަށް ނުވަތަ ރަށްތަކަށް ދެވުމާއެކު، ފަސޭހަކަމާއެކީގައި ވަކި ޝެޑިއުލަކަށް ތާވަލުކުރެވިފައި އޮންނަ ވަކި ފެންވަރަކަށް ދަތުރުކުރެވޭ އުޅަނދެއްގައި ދަތުރު ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ މަސައްކަތް ފެށި ކަމަށާއި ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެ ނިޒާމު ހަރުދަނާ ކުރެވިފައި ނުވާ ކަމަށެވެ. އަދި އެ ނިޒާމު އޭރު ފަށައި، ރަނގަޅު ހިސާބަކަށް މިއަދު ގެނެވިފައިއޮތްނަމަ އަލުން އެ މަސައްކަތް ފަށަން ނުޖެހޭނެ ކަމަށާއި ކުރީގެ ސަރުކާރުން ކުރި ނަމަވެސް ކޮށްފައި ހުންނަ ރަނގަޅު ކަންކަން ދަމަހައްޓަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ކުރީގެ ސަރުކާރުތަކުން ކޮށްފައި ހުންނަ ރަނގަޅު ކަންތައްތަކަކީ، ރަނގަޅަށް އެޅިފައި ހުންނަ ބިންގާތަކަކީ ރޫޅާލަން ޖެހޭ ތަންތަނެއް ނޫން،" ކުރީ ސަރުކާރުން ކޮށްފައި ހުންނަ ކަންކަން ރޫޅާލައި އަލުން އެކަން ކުރުމަކީ މިސަރުކާރުގެ ވިސްނުމެއް ނޫންކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވިއެވެ.