ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ސީޕްލޭން ދަތުރުތައް ފަށައި، އެއާލައިން އިންޑަސްޓްރީއަށް މުވައްޒަފުން ތަމްރީނު ކުރުމަށް އެއާޕޯޓުގައި ޓްރެއިނިން ސުކޫލެއް ގާއިމުކުރާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒުވީ ވިދާޅުވެއްޖެއެވެ.
މާފަރުގައި ތަރައްގީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވީ މިއަދުއެވެ. އަދި އެ އެއާޕޯޓު އޮޕަރޭޓްކޮށް ހިންގުން ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަނަށެވެ.
މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ވާހަކަ ދައްކަވަމުން ރިޒުވީ ވިދާޅުވީ އެއާޕޯޓުގައި ކުރަންޖެހޭ ގިނަ މަސައްކަތްތަކެއް އަދިވެސް އެބަހުރި ކަމަށާއި އެގޮތުން އިންފުރާސްޓުރަކްޗާއަށް ގެންނަންޖެހޭ ކުދިކުދި ބަދަލުތައް ހިމެނޭ ކަމަށެވެ.
އޭގެ އިތުރުން މާފަރު އެއާޕޯޓަށް ސީޕްލޭންގެ ދަތުރުތައް ފަށައި، މުވައްޒަފުން ތަމްރީނު ކުރުމަށް ސީދާ އެއާޕޯޓުގައި ޓްރެއިންނިން ފެސިލިޓީތައް ގާއިމުކުރާނެ ކަމަށް ރިޒުވީ ވިދާޅުވިއެވެ. އެގޮތުން ޕައިލެޓް ޓްރެއިނިން ސްކޫލެއް ގާއިމުކުރާނެ ކަމަށާއި ނަމަވެސް އެކަންކަމަށް އަދި ދުވަސްކޮޅެއް ނަގާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވިސްނުން އެބަހުރި މާފަރުގައި ޓްރެއިނިން ފެސިލިޓީތަކެއް ގާއިމް ކުރަން. އޭގެތެރޭގައި ޕައިލެޓް ޓްރެއިނިން ސްކޫލެއް އަދި އިންޖިނިއަރިން އެމްއާރުއޯ ފެސިލިޓީއެއް ހަދަން. އެކަމަކު އެކުގައި ތަންކޮޅެއް ދުވަސްކޮޅެއް ނަގަައިފާނެ. މިހާރުވެސް އެ މަސައްކަތް ކުރަމުން މިދަނީ" ރިޒުވީ ވިދާޅުވިއެވެ.
ރިޒުވީ ވިދާޅުވީ މިއަދުން ފެށިގެން މަދުވެގެން ދުވާލަކު ތިން ފުލައިޓު މާފަރަށް ދަތުރުކުރާނެ ކަމަށެވެ. ނަމަވެސް މިމަހުގެ މެދުތެރެއިން ފެށިގެން ދުވާލަކު ހަ ފުލައިޓު ދަތުރުކުރާނެ ކަމަށެވެ. އަދި ވިދާޅުވީ، މިއަދުން ފެށިގެން މާފަރު އެއާޕޯޓުން ޕްރައިވެޓް ޖެޓުތަކަށް ވެސް ހިދުމަތް ދެވޭނެ ކަމަށާއި އެ ޓީމުގައި އެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.