ޚަބަރު

މޯލްޑިވިއަންގެ ދަތުރުތައް މާފަރު އެެއާޕޯޓަށް ރަސްމީކޮށް ފަށައިފި

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ރަސްމީކޮށް ހުޅުވައި އެ އެއާޕޯޓަށް ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ރަސްމީކޮށް މިއަދު ފަށައިފިއެވެ. އެއާޕޯޓް ހުޅުއްވައިދެއްވީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ، މީގެ ކުރިން މާފަރު އެއާޕޯޓް ހުޅުވިފައިވީ ނަމަވެސް މިއަދު ފެށިގެން މި ދިޔައީ އެއާޕޯޓަށް ޝެޑިއުލްކޮށް ފްލައިޓް ޖެއްސުމުގެ އޮޕަރޭޝަން ކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކުގައި އައިލެންޑް އޭވިއޭޝަންގެ ތިން ފްލައިޓް ކޮންމެ ދުވަހަކު ވެސް މާފަރު އެއާޕޯޓަށް ޖައްސަމުންދާނެ ކަމަށް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މާފަރުގައި އެއާޕޯޓެއް އެޅުމުގެ ސަބަބުން މި އަތޮޅާއި މާފަރަށް އިގްތިސާދީ ކުރިއެެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި ރާއްޖޭގެ ކޮންމެ ރަށަކުން ވެސް ފުރައިގެން އެއާޕޯޓަކާއި ހަމަޔަށްދާން ނަގާ އެންމެ ގިނަ ވަގުތަކީ 20 މިނެޓް ކަމުގައި ހެދުން ކަމަށް ވިދާޅުވިއެވެ.

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ. މި އެއާޕޯޓު މިއަދު ރަސްމީކޮށް އޮޕަރޭޓް ކުރަން ފަށާފައިވާއިރު ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓުތައް ކަމަށްވާ އެއާބަސް އޭ320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭ އެއްވަނީ އަޅައިފައެވެ.