ކުޅިވަރު

ސްޕެއިން ބަލިކޮށް ކޮރޮއޭޝިއާ އުއްމީދު އާކޮށްފި

ޔޫއެފާ ނޭޝަންސް ލީގުގައި ވަރުގަދަ ސްޕެއިން ބަލިކޮށް ކްރޮއޭޝިއާ އިން ދެވަނަ ބުރަށް ދިއުމުގެ ފުރުޞަތު ފަހިކޮށްފިއެވެ.

ކްރޮއޭޝިއާގެ އަމިއްލަ ދަނޑުގައި ރޭ އެޓީމުވަނީ ސްޕެއިންގެ މައްޗަށް 2-3 ގެ ނަތީޖާއަކުން ކާމިޔާބު ހޯދާފައެވެ.

ރޭގެ މެޗަށް ކްރޮއޭޝިއާ ނިކުތްއިރު އެޓީމުވަނީ ފުރަތަމަ މެޗުން ސްޕެއިން އަތުން 0-6 އިން ބަލިވެފައެވެ. އަދި ދެވަނަ މެޗުގައި އިންގްލެންޑާއި އެއްވަރުވެފައެވެ. އެހެންކަމުން، ރޭ ސްޕެއިން އަތުން ލިބުނު މި މޮޅަކީ ވަރަށްވެސް މުޙިއްމު މޮޅެކެވެ.

ރޭގެ މެޗުގައި ލަނޑުތައް ފެނިގެންދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އަންދްރޭ ކްރަމަރިޗް އެޓީމަށް ލީޑު ނަގައިދިން ނަމަވެސް، އޭގެ މާގިނައިރެއްނުވެ، ރެއާލް މެޑްރިޑްގެ އިސްކޯ ނަގައިދިން ހުރަހަކުން އެޓީމުގެ މިޑްފީލްޑަރު ޑެނީ ސަބާޔޯސް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ކްރޮއޭޝިއާއިން މެޗުގެ 69 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒުވާން ޑިފެންޑަރު ޓިން ޖެޑްވާއި އެވެ. އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗް ނަގައިދިން ހުރަހެއް މުޅިން ހުސްކޮށް ހުރެ އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. ނަމަވެސް، އޭގެ ދިހަ މިނެޓުފަހުން ކެޕްޓަން ސާޖިއޯ ރާމޮސް ވަނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މި ޕެނަލްޓީ އަކީ ކްރޮއޭޝިއާގެ ޑިފެންޑަރު ވަސާލްކޯ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މި މެޗުން ކްރޮއޭޝިއާ މޮޅުވި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށްދިން ޖަރުމަނުގެ ބަޔާ ލެވަކޫސަން އަށް ކުޅޭ ޖެޑްވާއި އެވެ.

މި ގްރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތީ، ތިން މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އިންގްލެންޑަށާއި ތިންވަނައިގައި އޮތް ކްރޮއޭޝިއާ އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. އެހެންކަމުން އަންނަ އާދީއްތަ ދުވަހު ދެވަނަ ބުރުގެ ޖާގަ ހޯދަން ކްރޮއޭޝިއާ ނިކުންނާނީ އިންގްލެންޑާއި ދެކޮޅަށެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ފަހު ބުރުގެ ޖާގަ ލިބިގެންދާއިރު، ބަލިވާ ޓީމެއް ދެވަނަ ކެޓެގަރީއަށް ރެލިގޭޓްވާނެއެވެ.