އުމުރަށް ތިޔަ ނަމުގައި

އުމުރަށް ތިޔަ ނަމުގައި (7 ވަނަ ބައި)

(ނޮވެމްބަރު 02 އާއި ގުޅޭ)

"ތެދެކެވެ. އަހަރެންގެ އަނދިރި ފަރާތެއް ވެއެވެ. އަހަރެންގެ ކަޅު އަނދިރި ފަރާތެއް ވެއެވެ." ރާނިޔާ އަށް ބާރަށް ދެލޯ މަރާލެވުނެވެ.

މަޑުމަޑުން އޭނާގެ ހިޔާލުގެ އޮއިވަރު ގޮސް ހަޔާތުގެ އަނދިރި ދުވަސްތަކުގެ ގޮނޑުދޮށަށް ބީއްސާލިއެވެ. މޫސުމުގެ ގަދަވަޔާއި ނަކަތްލައިގަނެ ހަޅަ ޖަހަމުން ދިޔައެވެ. ވިލާތައް އޮއްސޭ ހިސާބަށް މުޅިފަޒާއަށް އޮތީ ކަނުއަނދިރި ކަން ގެނުވާފައެވެ. ބޯމަތިވެފައިވާ ކެރިގަނޑުން ރެކެން ލައިގެން އިން ފެންފައިވާން އަތަށް ނަގާ އަނެއް އަތުގައި ހުރި ދޮންކެކުރިތައް މަގޫގަސްތައް ތެރެއަށް ހޫރާލާފައި އޭނާ އަޅައިދުއްވައިގަތީ ގެޔާ ދިމާއަށެވެ.

ހިސާބުގަނޑު މީހުންގެ ރުއިމާއި ގޭދޮށު މީހުންގެ ރުއިމުގެ އަޑު ފިޔަވައި އިތުރު އަޑެއް އެމާހައުލުން ނީވެއެވެ. ކަފުނުގެ ތެރޭން އެފެންނަ މަންމަގެ މޫނު ކައިރިއަށް މީހަކު އޭނާ ގެންގޮސް ބޭންދިއެވެ. އޭރު މަންމަގެ މޫނަށް މިބަލާލެވެނީ ފަހު ފަހަރު ކަމެއް އޭނާގެ ޅަ ސިކުނޑިއަކަށް ނަގައެއް ނުގަނެވުނެވެ. އެހެނަސް މަންމަ މަރުވުމުން ހިތަށް ކޮށްފައިވީ ތޫނު ޒަހަމެއްގެ އަސަރެވެ.

އެދުވަހަށްފަހު ދުނިޔޭގައި ހުރި ބައްޕަ އޭނާ އަށް ފެނުނީ އަހަރުތަކެއް ފަހުން މާފުށީ ޖަލުންނެވެ. ނުވަ އަހަރުގައި ލޯކުރިމަތިން ގެއްލުނު ބައްޕަ މިހާރުވެސް ފެނިލަނީ އޭނާ އަތުން ފައިސާ ހޯދުމަށް އެކަންޏެވެ.

ބައްޕަގެ ފަރާތުން އެނާ އަށް ލިބުނީ ދޮންމަންމަގެ ނަރަކަ އެއްފަދަ ގެއިން ބޯހިޔާވަހިކަމެކެވެ. މާލެއައިސް ފުރަތަމަ ދެ އަހަރު އެގޭގައި ހޭދަކުރި ނަމަވެސް ޒަކްވާންގެ އެހީ އާ އެކު އޭނާ މިހާރު ދިރިއުޅެނީ ރައްޓެހި އެހެން ދެ ކުއްޖަކާއެކީ ވަކިން އެޕާޓްމަންޓެއްގައެވެ. ހަޔާތުގެ ގޮތް ނޭނގޭ އަނދިރި ރޭތައް އޭނާ އަދިވެސް ބޭނުމީ ކަފުންކުރާށެވެ. އެޔަށް ފަސް އަޅާ ފޮރުވިޔަސް ދާރިޔާ އެދަނީ އޭނާގެ ދޮންމަންމަ ގެ އެހީއާ އެކު ފަސްތައް ނަގާކޮންނަމުންނެވެ.

އަނިޔާވެރި އެއްގެ ނުބައި ރޭވުމެއްގެ ތެރޭގައި އޭނާ އަށް ލިބެމުންދިޔަ އަނިޔާ އިން ސަލާމަތްކުރެއްވީތީ މިއަދުވެސް އޭނާ އުފާކުރެއެވެ. ދަންވަރަށް އަރާ ރަންނަމާރިއެއް ކޮންމެވެސް ގޮތަކުން އޭނާގެ ހިއްސުތައް ވަގުތީ މަރަކުން މަރާލުމަށްފަހު އޭނާގެ އިއްފަތް ފޭރިގަންނަނީއެވެ. ހަށިގަނޑަށް އަންނަން ފެށި ބަދަލުތަކަކުން އެކަން އޭނާ އަށް އެނގުނީ ޑޮކްޓަރަށް ދެއްކުމުންނެވެ. އެހެނަސް އެރަންނަމާރިއަކީ ކާކުކަން އަދިވެސް އޭނާ އަކަށް ނޭނގެއެވެ. ހޯދާކަށް ބޭނުމެއް ވެސް ނޫނެވެ. ފަޟީހަތް ވުން ފިޔަވާ ވާނެ އިތުރު ކަމެއް އެބައޮތް ހެއްޔެވެ.

އިންސާފު ހޯދައިދޭ ވެރިންނަށް ދައްކާނެ ހެއްކެތް ނެތެވެ. ޑޮކްޓަރުގެ ލިޔުންތައް ދެއްކިޔަސް ރަންނަމާރި އޭނާ ހޯދާނީ ކޮންތާކުން ހެއްޔެވެ؟ އެ ހިޔާލުތަކުން ސިކުނޑިބަރުވެ ނިދި ޖެހެމުން ދަނިކޮށް މިއިނދެވުނީ އޮފީހުގައި ކަން އެނގުނީ ކައިރީގައި ހުރި ފޯނު ރިންގްވާން ފެށުމުންނެވެ.

ޓްރީޓޮޕް ހޮސްޕިޓަލްގެ ތެރޭން ދާރިޔާ ނިކުމެގެން އެދަނީ އަމީނާގެ ޓެސްޓްތަކުގެ ނަތީޖާ ހިފައިގެންނެވެ. ހަގީގަތުގައި އަމީނާ އަށް ޖެހިގެން އުޅޭ ބައްޔަކީވެސް ދާރިޔާއެވެ. ޑޮކްޓަރުދޭ ބޭސްތައް ފިޔަވާ އެހެން ބޭސްތަކެއް އެފުޅިޔަށް އަޅަނީ ދާރިޔާގެ އޯޑަރަށެވެ. މިއަދުވެސް އޭނާ މާލިކުގެ ކައިރިއަށް އެދަނީ ޓެސްތްގެ ނަތީޖާ ތައް ބަދަލުކުރުމަށްފަހުއެވެ. މީހަކަށް ވަހުމެއް ނުވާނެހާ އޭނާގެ ދޫވެސް ފަރިތައެވެ. ނުބައި ރޭވުންތަކުން މީހުންގެ ދިރިއުޅުން ބިމާ ހަމަކުރަން އޭނާ އަށް ލިބިފައިވަނީ އާދަޔާ ހިލާފު ޙުޝިޔާރު ކަމެކެވެ.

ނިވިދިއްލޭ ބޮކިތަކާއި ، ތަނަށްވެރިވެފައިވި މިއުޒިކީ އަޑާއެކު އަތުރާލެވިފައިވާ ގޮނޑި ތަކުގައި މެހެމާނުން ތިބިއިރު އެމާހައުލު ދުރުން ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. ދޮރުމަތީގައި އާރިޔާ ހުއްޓިލައިގެން ހުރީ އެތަނަށް އަންނަ މެހެމާނުންނަށް މަގުދައްކަން ޒައުލް އަންގާފައި އޮތުމުންނެވެ. އާރިޔާގެ އެހަރަކާތްތައް ޒައުލް ދިޔައީ ގާތުން ބަލަމުންނެވެ. ރެއަކީ އެކުންފުނީގެ އަހަރީރެއެވެ. ސަރުކާރުގެ އެކި ފަންތީގެ ވެރިންނާއި ބޮޑެތި ވިޔަފާރިވެރިންނަށް ޖަލްސާއަށް ދައުވަތު ދެވިފައިވެއެވެ.

ޖަލްސާއަށް އައުމުން ކާރުން ފޭބިގަޑީ ޒައުލް އޭނާގެ އަތުގައި ހިފާލިގޮތާއި، އޭނާ އަތަށް ދިއްކޮށްލި މާބޮނޑި އާރިޔާގެ ހިތުގައި ހިނދުކޮޅުތަކެއްގެ ސިފައިގައި ވަނީ ބިންވަޅު ނެގިފައެވެ.

ދޭތެރެއަކުން ޒައުލް އައިސް އޭނާ އަށް އެރައްދުކުރާ މާނަފުން ހިނިތުންވުންތަކުން ދޭ މެސެޖްތައްވެސް އާރިޔާގެ މޫނުމައްޗަށް ގެނުވާފައި ހުރި ހިނިތުންވުމުގެ ބޮޑުބައި އަދާކުރެއެވެ.

އެހުވަފެނީ ބެލުންތައް ފަލްސަފާވެރި ޖުމްލަތައް އާރިޔާގެ ހިތުގައި ކުލައެއް ނުވާ އަކުރަކުން ބިންވަޅު ނަގާ ނިމިއްޖެއެވެ. ހަގީގަތުގައި ޒައުލްގެ ހާލަކީވެސް އެއީއެވެ. ކަޅުކުލައިގެ އެހެދުމުގައި އާރިޔާ ހުރިއިރު އޭނާގެ ރީތި ދިގު އިސްތަށިގަނޑާއި ކަޅުކަންގަދަ އެސްފިޔަތައް އެރީތިކަމަށް ހާސް ފުރިހަމަކަން ގެނެސްދެއެވެ. އެހެން މީހުންގެ ތައުރީފު އާރިޔާއަށް ލިބޭތަން ބަލަން ޒައުލް އަށްވީ އޮއިވަރާ ދެކޮޅަށް ބޮއްކުރައެއް ކެނބުންފަދަ އުނދަގޫ ކަމަކަށެވެ.

ޖަލްސާ ފެށެން 15 މިނެޓަށް ކުޑަތަންވީއެވެ. އޭރު އާރިޔާ ހުރީ އިމާރާތުގެ ޓެރަހުގައި ޒައުލް ގެ އިންތިޒާރުގައެވެ. ހަގީގަތުގައި އެކަންކުރީ ޒަކްވާން އެވެ.

"ބްރޯ އާރިޔާ އެބައިން މަތީގަ ދާންވީނު ތި ނުބުނެވިގެން އުޅޭ ވާހަކަ ބުނަން" ޒަކްވާން ވާހަކަދެއްކީ ވަރަށް ސީދާ ކޮށެވެ.

"އަދި މާ އަވަހެއް ނޫންތަ، ބައިދަވޭ ކޮބާ ޒަކްވާންގެ ރާނިޔާ"

އޭރު ޒަކްވާންގެ ނަޒަރު ހުރީ ކާރުން ފައިބައިގެން މަޑު ހިނގުމެއްގައި ޖަލްސާކުރާ މާލަމާ ދިމާއަށް ވަންނަން ދިޔަ ރާނިޔާ އަށް ގެއްލި ހުސްވެފައެވެ.

ރަން ހަނދުވަރުމަތީ ޖެހެމުންދިޔަ ބާރުވައިރޯޅިތަކުގެ ތެރޭގައި ހުރި އާރިޔާގެ އިސްތަށިގަނޑު ވަޔާ ވިހުރެމުންދިޔައެވެ. އޭރު އޭނާގެ ފަހަތުގައި ރަތްކުލައިގެ ފިނިފެން މަލެއް ހިފައިގެން އެމަންޒަރުބަލަން ކެތްމަދުވެފައި ޒައުލް ހުއްޓެވެ. ހަނދުވަރުގެ އަލިން އޭނާގެ ހެދުމަށް އެޅިފައިވާ ދަޅަޔާއި ކަންފަތުގައި އުލުވާފައި އޮތް އެތިކޮޅުން އަރާ ދަލަކުލައިން އެއީ ހަނދުވަރުދޭ ރޭތަކުގައި އުދުހޭ ޕަރީއެކޭ ދުރުން ބަލާ މީހަކަށް ސިފަވާނެކަން ޔަގީނެވެ.

ގަޑިން ނުވައެއް ޖެހީއެވެ. ހަފްލާ އިންތިޒާމްކުރީ ދާރިޔާ ކަމަށްވުމުން ހަފްލާ ހުށަހަޅައިދޭން ހުރީވެސް ދާރިޔާ ހޮވާފައިހުރި ކުއްޖެކެވެ. އޭރު ދެހިތް ގަތަމުން އަތާއަތްގުޅަމުން ހަނދުވަރުމަތީ ލޯބިވެރިން ވާކަހަލަ ފޮނިވައުދުތަކާއި ވަދާއުގެ ފޮނި ސަލާމްކުރުމަށްފަހު އާރިޔާ އާއި ޒައުލްވެސް އެތަނަށް ހާޒިރުވެ ނިމިއްޖެއެވެ. ޒައުލްގެ މޫނުމަތީގައި ހުރި އުފާވެރިކަން ޒަކްވާން އަށް ހުރިހާ ކަމެއް ސާފުވެ އޮޅުންފިލިއެވެ.

ޔައުމިއްޔާގައިވާ ގޮތަށް ފަހަރަކު ކަމެއް ހިނގަމުންގޮސް ޖަލްސާގެ އެންމެ ހާއްސަ ވަގުތު ދާރިޔާ އިއުލާން ކުރިއެވެ. މިރޭގެ މިހަފްލާގެ ހުރިހާ ކަމެއްގެ ޒިންމާނެގި ކުންފުނީގެ އެންމެ ހީވާގި އަދި މަދު ދުވަސްކޮޅެއްގެ ތެރޭ ކުންފުންޏަށް ދިރުން ގެނެސްދިން މުވައްޒަފެއްގެ ގޮތުގައި އެންމެ ފާހަގަކުރެވޭ " އާރިޔާ" އެވެ.

އާރިޔާގެ މޫނު ވިދާ ބަބުޅައިގަތް އިރު އެއަންހެންކުއްޖާގެ ދިރިއުޅުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތާ ތިބި އެންމެންގެ ކުރިމަތީގައި ވިއްސިވިހާލިވެގެން ދާނެކަން އެނގިހުރެ ރާނިޔާ އަށް އިސްޖަހާލެވުނެވެ. ހަގީގަތް އެނގުނަސް މިއަދު ދާރިޔާގެ ކުރިމަތީގައި އޭނާގެ ފަސް ހިއްސުގައި އެހެރީ މަލަން އަޅާ ބަންދުކޮށްފައެވެ.

ރާނިޔާ ޒަކްވާން އަށް ބަލާލިއެވެ. ކަނޑުގެ އޮއިވަރު ނޭނގިހުރެ މިރޭ ރާނިޔާގެ ރީތިކަންފެނި ޒަކްވާން ހުރީ އެގުޅުން އަލުން ބަދަހި ކުރަން ބޭނުންވެފައެވެ. އެބަލާލުމުން އެހިނތުންވުމުން އެ ދެލޮލުން އެފޮނުވާ މެސެޖްތައް ކިޔަން ރާނިޔާ ހިތުދަހެވެ.

މިހާރު އާރިޔާ އެހެރީ އެއްމެންގެ ކުރިމަތީގައެވެ. އެއްމެންގެ ކުރިމަތީގައި އޭނާގެ ތައާރަފަކަށް ދާރިޔާ އެދުނެވެ. ވަރަށް ކުރުފޮނި ތައާރަފެއް އާރިޔާ ދިނީ ޒައުލް އާ ދިމާއަށް ބަލަހައްޓައިގެން ހިނިތުންވެ ހުރެއެވެ. ހަގީގަތުގައި ޒައުލްގެ ލޯބި އޭނާ އަށް އެތައް ހިތްވަރެއް ދީފިއެވެ. މާހައުލުގެ މީހުންގެ ހިލަމެއް އޭނާ އަކަށް ނުވެއެވެ.

ކުއްލިއަކަށް އަޑުއިވެން ފެށީ އޭނާ އާ ބެހޭގޮތުން ތައްޔާރުކޮށްފައިވާ ކުޑަ ރިޕޯޓެކެވެ.

އެންމެންގެ ކުރިމަތީގައި އޭނާ ފަޟީހަތް ވަމުންދިޔައެވެ. ނުބައި ޝަހުޝިއްޔަތެއްގެ ނަމުގައި ވަޒީފާ އަދާކުރާ ކަމެވެ. ނަން އޮޅުވާލާ ފެންވަރަށް ވުރެ މަތީ ވަޒީފާ އެއް އެހެން މީހުންގެ ލޮލުގައި އަނދުން އަޅުވައިގެން ހުރެ ކުރަމުންދާ ކަމުގެ ތުހުމަތުތައް ރިޕޯޓުގައި ސާފުހެއްކާއެކު ބުނެދެމުންދިޔެއެވެ. ދިރިހުއްޓާ މަރުއައިސް އާރިޔާ ވަށާލިފަދައެވެ. ތަނުގައި ތިބި މީހުންގެ މަލާމާތާއި ހުނުމުގެ އަޑާއިއެކު އެތަނުގައި ހުންނަންވެސް ޒައުލް އަށް އުނދަގޫވިއެވެ. ޒަކްވާން އާއި މާލިކުއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. ބަރު ފިޔަވަޅުތަކެއް ނަގަމުން ޒައުލް އެތަނުން ނިކުމެގެން ދިޔައީ ހިތްކުދިކުދިވެފައިވާ ހާލުގައެވެ. ރިޕޯޓް ނިންމާލަމުން އެމައުލޫމާތު ހޯދުމަށް އެހީތެރިވެދިން ނޫސްވެރިޔާ ރާނިޔާ އަށް ދާރިޔާ ޝުކުރު އަދާކުރިއެވެ. އައިރުޅިން ޒަކްވާން އަށް ދަތްކުނޑި ވިކާލެވުނެވެ. އެމަންޒަރުން ހިތަށް އެންމެ ފުން ރިހުމެއް ލިބެމުންދިޔައީ ބަލިއެނދުގައި އޮވެ އެމަންޒަރު ބަލަމުންދިޔަ އާރިޔާގެ ބައްޕަ އަށެވެ.

(ނުނިމޭ)