ޚަބަރު

މަނާ ސަރަހައްދުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން 27 މީހަކު ޖޫރިމަނާކޮށްފައިވާނެ: ފުލުހުން

މަރިޔަމް ޝަހުދާ

ފާއިތުވި ހަފްތާގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތަކުގައި ސިނގިރޭޓު ބުއިމުގެ ސަބަބުން 27 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އެކަން ހާމަކޮށްފައިވަނީ ފުލުހުންގެ އެންވަޔަރަމަންޓް ޕޮލިހުން 23 ނޮވެމްބަރުން 29 ނޮވެމްބަރާއި ދެމެދު ނެރުނު ތަފާސް ހިސާބުތަކުންނެވެ. މި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި އެންވަޔަރަމަންޓް ޕޮލިހުން ވަނީ 13 އޮފީސް/ގެއަށް ގޮސް އެތަން ފާސްކޮށްފައެވެ. އަދި 32 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން ކުނީގެ މައްސަލައިގައި ގަވައިދާ ހިލާފު ވުމުގެ ސަބަބުން 11 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށް މި ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި 18 ކޮންސްޓްރަކްޝަން ސައިޓަކަށް ޒިޔާރަތްކޮށް އެތަންތަން ބަލާފައިވާ ކަމަށާއި، އެއް ފިހާރައަށް ގޮސް އެތަން ބަލާފައިވާ ކަމަށް އެންވަޔަރަމަންޓް ޕޮލިހުގެ މި ތަފާސް ހިސާބުތަކުން ދައްކައެވެ.

މި މުއްދަތުގައި 24 މައްސައެއް އެންވަޔަރަމަންޓް ޕޮލިހުން ވަނީ ބަލާ ނިންމާފައެވެ. އަދި މިހާރުވެސް ނުނިމޭ އަށް މައްސައެއް އުޅޭ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.