ވިޔަފާރި

ރާއްޖޭގެ އެންމެ ކުލަގަދަ ދުވުން، އުރީދޫ ކަލާރަން ފޯރިއާއެކު ނިންމާލައިފި

ރާއްޖޭގައި ބާއްވާ އެންމެ ކުލަގަދަ ދުވުން، އުރީދޫ ކަލާރަން ފޯރިގަދަކޮށް މިއަދު ނިންމާލައިފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުން މިއަދު ހަވީރު 4:15 އެއްގައި ފެށި ދުވުމުގައި އެކި އުމުރު ފުރާތަކުން 5000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވެއެވެ. ދުވުން ފައްޓަވައިދެއްވީ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހެވެ.

އެގޮތުން ފަސް ކިލޯ މީޓަރުގެ މި ދުވުމުގައި އަލަށް ދުވާ މީހުންނާއި އާންމުކޮށް ދުވާ މީހުންނަށް ވެސް ބައިވެރިވެވޭއިރު ކޮންމެ ކިލޯ މީޓަރެއް ދުވެ ނިމުމުން، އެކަން ފާހަގަކުރުމުގެ ގޮތުން ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން ކުލަ ޖަހައެވެ.

ކޮންމެ އަހަރަކު ވެސް ފޯރިއާއެކު ނިންމާލާ އުރީދޫ ކަލާ ރަން އިތުރަށް ފޯރިގަދަ ކުރުވައި ގިނަ ބަޔަކު ބައިވެރިކުރުވުމަށް މިއަހަރު "މޫދު އުފާ" އަދި "ގުޑި މަހާސަމާ"ގެ ނަމުގައި ގުޑި އެރުވުމުގެ ހަރަކާތެއް އިއްޔެ ބޭއްވިއިރު، ދުވުން ނިންމާލުމުގެ ގޮތުން ރާއްޖޭގެ ކުޅަދާނަ މިއުޒިކީ ފަންނާނުންނާއެކު މިރޭ ފޯރިގަދަ މިއުޒިކް ފެސްޓިވަލެއް ވަނީ ބާއްވައިފައެވެ.

އުރީދޫން ބުނީ، މި އަހަރުގެ ކަލާ ރަން ހަރަކާތަށް ވެސް ބޮޑު ތަރުހީބެއް ލިބުނުއިރު، ކުރިއަށް އޮތްތަނުުގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދާނެއެވެ.