އިނގިރޭސި ޕްރިމިއާ ލީގު

އެންމެފަހުން ޕްރިމިއާ ލީގުގައި ވެސް ވީއޭއާރު ބޭނުންކުރަން ނިންމައިފި

ޕްރމިއާ ލީގުގެ ކުލަބުތަކުގެ މެދުގައި އެންމެފަހުން ބޭއްވި ބައްދަލުވުމުގައި، އަންނަ ސީޒަނުން ފެށިގެން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ގެ ބޭނުން ކުރަން އެ ކުލަބުތަުން އެއްބަސްވެއްޖެއެވެ.

ކުލަބު ތަކުން މިގޮތަށް އެއްބަސްވި ނަމަވެސް، މި ކަމަށް ގޮތެއް ނިންމާނީ ފީފާ އާއި ފުޓްބޯޅަ އެސޯސިއޭޝަން ބޯޑް މެދުގައި މަޝްވަރާކުރުމަށް ފަހުގައެވެ.

މިއަހަރު ނިމިގެންދިޔަ ފީފާ ވޯލްޑް ކަޕުގައި ފުރަތަމަ ފަހަރަށް ވީއޭއާރް ބޭނުންކޮށްފައިވެއެވެ. އަދި ޔޫރަޕްގެ ބޮޑެތި ލީގުތަށް ކަމުގައިވާ ޖަރުމަނާއި އިޓަލީ އަދި ސްޕެއިންގެ ފުރަތަމަ ޑިވިޝަންގައި ވީއޭއާރު ބޭނުންކުރަން ވަނީ ފަށާފައެވެ. މީގެއިތުރުން، އަންނަ ސީޒަނުން ފެށިގެން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް ވީއޭއާރު ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.

ވީއޭއާރް އަކީ މެޗު ކުރިއަށް ދަނިކޮށް، މެޗު ތެރޭގައި ހިނގި ކަމަކާ މެދު ސުވާލެއް އުފެދިއްޖެނަމަ އޭގެ ރީޕްލޭ ބަލަން ހަދާފައިވާ ސިސްޓަމެކެވެ. އެގޮތުން، މި ސިސްޓަމް މެދުވެރިކޮށް މެޗުގައި ހިނގި ކަމެއްގެ ވީޑިއޯ ރެފްރީ ބެލުމަށްފަހު އޭނާގެ ނިންމުން ބަދަލުކުރަން ފުރުޞަތު ލިބޭނެއެވެ.

އިނގެރޭސި ކުލަބުތަކުން ކުރިން ބޭއްވި ބައްދަލުވުމެއްގައި ވީއޭއާރުގެ ބޭނުން ނުހިފަން ވޯޓު ދިން ނަމަވެސް، މިފަހަރު މި ސިސްޓަމް ބޭނުން ކުރަން އެއްބަސްވީ ފަހަކަށް އައިސް މެޗުތަކުގައި ރެފްރީންނަށް ގިނަ ގޯސްތަކެއް ހެދެމުން ދާތީއެވެ.

އިނގެރޭސި އެންމެ ތާރީހީ މުބާރާތް ކަމަށްވާ އެފްއޭ ކަޕްގައި ވީއޭއާރު މިހާރުވެސް ބޭނުން ކުރަމުންދެއެވެ.